ސައުދީ އަރަބިއްޔާއިން ފަލަސްތީނަށް 90 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދީފި

ސައުދީ އަރަބިއްޔާއިން ފަލަސްތީނަށް 90 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ. ހޯމަ ދުވަހު އައްމާނުގައި ހުންނަ އެމްބަސީގައި ބޭއްވި ރަސްމިއްޔާތެއްގައި ފަލަސްތީނުގެ މިނިސްޓަރު އޮފް ޕްލޭނިން އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަން އަދި އެކްޓިން މިނިސްޓަރު އޮފް ފިނޭންސް އެސްޓެފާން ސަލާމަހަށް އެ އެހީ ހަވާލުކޮށްދެއްވީ އުރުދުންގައި ހުންނަ ސައުދީ ސަފީރު ޕްރިންސް މަންސޫރު ބިން ޚާލިދެވެ. ޕްރިންސް މަންސޫރު ވިދާޅުވީ މިއީ ފަލަސްތީނުގެ ސަރުކާރަށް މާލީ ގޮތުން އެހީތެރިވުމަށް ސައުދީ ސަރުކާރުން ފޯރުކޮށްދިން އެހީއެއް ކަމަށެވެ. އިގްތިސާދީ އަދި އިންސާނީ ގޮންޖެހުންތަކުގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުންގެ ތަކުލީފުތައް ކުޑަކުރުމަށް މި އެހީގެ މުހިންމުކަން ވެސް މަންސޫރު ފާހަގަކުރެއްވިއެވެ. ޕްރިންސް މަންސޫރު ވަނީ މިނިވަން ފަލަސްތީނު ދައުލަތެއް ގާއިމު ކުރުމަށް ސައުދީން އަބަދުވެސް ތާއީދުކުރާކަން ހާމަކުރައްވައި ކުރިއަށް އޮތްތަނުގައިވެސް އެކަން އެގޮތަށް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރު ސަލާމަހު ވަނީ ފަލަސްތީނަށް ކުރިމަތިވެފައިވާ މާލީ ދަތިކަން ކުޑަކުރުމަށް ސައުދީގެ އެހީގެ މުހިންމުކަމަށް އަލިއަޅުވާލައްވައި، ސައުދީން މެދުނުކުނޑި ދޭ މާލީ އަދި ސިޔާސީ އެހީތެރިކަމަށް ތައުރީފްކުރައްވާފައެވެ. ދެހާސް ތޭވީސް ވަނަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި 70،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، މުޅި އެ ސަރަހައްދު ވަނީ ސުންނާފަތިވެފައެވެ. އެމެރިކާއާއި މިސްރު އަދި ޤަތަރު މެދުވެރިގެން ހަނގުރާމަ ހުއްޓާލަން އިސްރާއީލުން އެއްބަސްވި ނަމަވެސް އަދި އަންނަނީ އެކި ވަރުގެ ހަމަލާތައް ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ