އެމްއޭސީއެލްގެ ބޯޑަށް ޑީއެމްޑީ މުޖުތަބާ އައްޔަންކޮށްފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރި މުޖުތަބާ ލަތީފް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މިއަދު އައްޔަނުކޮށްފި އެވެ.ޕްރައިވަޓައިޒޭޝަން ބޯޑުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ވެލާނާ އެއާޕޯޓު ހިންގާ ކުންފުނީގެ ބޯޑުގެ މެމްބަރަކަށް ގއ. ދާންދޫ، މުޝްތަރީގޭ، މުޖުތަބާ ހަމަޖައްސާފައިވާ ކަމަށެވެ.އެ ބޯޑަށް މުޖުތަބާ އައްޔަން ކުރެއްވިއިރު، ބޯޑުގެ ހިންގުން ހަރުދަނާ ކުރުމާއި އޮޑިޓް އަދި ރިސްކް ފަދަ ކޮމިޓީތައް ރަނގަޅަށް ހިނގާ ގޮތް ހެދުމަށް، އެމްއޭސީއެލްގެ ބޯޑުގެ އަދަދު ވެސް 7 އިން 9 އަށް މި ފަހުން ވަނީ އިތުރުކޮށްފަ އެވެ.ނަމަވެސް، އެ ބޯޑުގައި ކުރިން ހުންނެވި މުހައްމަދު ރިޔާޒު (ލެޓްސް ގޯ ރިޔާޒު) ވަކިކުރެއްވުމުން، އެމްއޭސީއެލްގެ ބޯޑުގައި މި ވަގުތު ތިއްބެވީ ހަތް މެމްބަރުންނެވެ. އެހެންވެ، އިތުރަށް ދެ މެމްބަރުން އަދި އައްޔަން ކުރަން ޖެހެ އެވެ.މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޔާޒު ވަކިކުރަން ނިންމީ މި ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެމްއޭސީއެލްގެ މެންޑޭޓާއި ކަނޑައެޅިގެން ދެކޮޅު މަޝްރޫއުތަކާއި ހަވާލުވުމާއި ދެކޮޅު ހެދުމުންނެވެ. އެގޮތުން ބިން ހިއްކުމަށް އެމްއޭސީއެލް އިން ވަކި ކުންފުންޏެއް ހަދައި އެ ކުންފުނީގެ ކެޕިޓަލްގެ ގޮތުގައި 70 މިލިއަން ޑޮލަރު އިންވެސްޓް ކުރުމާއި ރިޔާޒު ވަނީ ދެކޮޅު ހައްދަވައިފަ އެވެ.މުއިއްޒުގެ އެންމެ ބޮޑެތި ވައުދުތައް އެމްއޭސީއެލް ފައިސާ ހަރަދުކޮށްގެން ފުއްދުމަށްޓަކައި މަޝްރޫއުތައް ދަނީ ފަށަމުންނެވެ. އޭގެތެރޭގައި 63 ރަށެއްގައި ފިޓްނަސް ސެންޓަރު އެޅުމާއި ބިން ހިއްކުން ވެސް ހިމެނެ އެވެ. ދާދިފަހުން ރިސޯޓެއް ހަދަން ވެސް ހަވާލުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ