ފިލްމު އިންޑަސްޓްރީއަށް ރައީސްގެ ނަސޭހަތެއް: "އިސްލާމީ ހުދޫދުން ބޭރުނުވޭ"

އިސްލާމީ ހުދޫދުން ބޭރު ނުވުމަށް ގޮވާލައްވައި، ފިލްމު އިންޑަސްޓްރީއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނަސޭހަތެއް ދެއްވައިފިއެވެ. އެ މަނިކުފާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވާއިރު، އިސްލާމް ދީނާ އެއްގޮތަށް ދިވެހީންގެ އަމަލުތައް ބެހެއްޓުމަކީ އުފަލާއެކީ ކުރަންވާނެ ކަމެއް ކަމަށެވެ. https://x.com/MMuizzu/status/1991834738823451086 އެގޮތުން، މުސްލިމުންގެ ސަގާފަތާއި ޚިލާފު ކަންކަމާ ދުރުވާން ޖެހޭ ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ ފިލްމީ މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި އުޅޭ މީހުންނަށް ނަސޭހަތެއް ދެއްވާފައެވެ. ރައީސް ވަނީ، އިސްލާމްދީނުގެ ހުދޫދުން ބޭރުވާ ގޮތަށް ކަންކަން ނުކުރުމަށް އެދާއިރާގައި އުޅޭ މީހުން ކިބައިން އެދިވަޑައިގެންފައެވެ. އޭގެއިތުރަށް، ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަޤާފަތާ އެއްގޮތައް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް ވުމަކީ ގައުމަށްޓަކައި ދިވެހީންނަށް ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތުގެ ގޮތުގައި އެ މަނިކުފާނު ސިފަކުރައްވާފައެވެ. ރައީސް އެފަދައިން ނަސޭހަތް ދެއްވިއިރު، ވަރަށް ފަހުން ޕްރިމިއާ ކުރި ފިލްމެއްގައި ފިރިހެނަކު ލައިގެން ހުރި ހެދުމަކާ ގުޅިގެން ސޯޝަލްމީޑިއާގައި އެ މީހާއަށް ފާޑުކިޔުން އަމާޒުވެފައެވެ. އަދި ވަރަށް ގިނަ ބަޔަކު އެކަމަށް އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ