ފަލަސްތީންގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުން، އޭޝިއަން ކަޕް ކޮލިފައިންގެ ކުރިން ރާއްޖޭގައި ކޭމްޕްކުރިއިރު، ކުޅުނު ދެ މެޗުން ލިބުނު 300،000 ރުފިޔާ (19455.25 ޑޮލަރު) އެފްއޭއެމްގެ ފަރާތުން ފަލަސްތީން ޓީމަށް ހަދިޔާކޮށްފި އެވެ.
ފާއިތުވި 10 ދުވަހު ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމުން ރާއްޖޭގައި، ކޭމްޕް ކުރިއިރު، ރާއްޖޭގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމާ އެކު ދެ މެޗު ކުޅުނެވެ. ފުރަތަމަ މެޗުން 6-0 އިން ފަލަސްތީނު ޓީމު މޮޅުވިއިރު، ދެ ވަނަ މެޗުން 3-0 އިން ވަނީ މޮޅުވެފަ އެވެ.
ފަލަސްތީނުގެ ފުޓްބޯޅައަށް އެހީތެރިވުމުގެ ގޮތުން ރާއްޖެ އާއި ފަލަސްތީން ބައްދަލުކުރާ ދެ މެޗުގައި ސްވެނިއާ ޓިކެޓްތަކެއް އެފްއޭއެމް ވިއްކި އެވެ. އެ ގޮތުން، ކޮންމެ މެޗެއްގައި ވެސް ވިއްކީ ސްވެނިއާ ޕްލެޓިނަމް 50 ޓިކެޓާއި ސްވެނިއާ ގޯލްޑް 200 ޓިކެޓް އެވެ. ސްވެނިއާ ޕްލެޓިނަމް ޓިކެޓަކީ ވީވީއައިޕީ ރޮސްޓްރަމް އިން ޖާގަ ލިބޭ ގޮތަށް 1000 ރުފިޔާ އަށް ވިއްކާ ޓިކެެެޓެެވެ. އަދި، ސްވެނިއާ ގޯލްޑް ޓިކެޓަކީ ވީއައިޕީ ގޮނޑިބަރިން ޖާގަ ލިބޭ ގޮތަށް 500 ރުފިޔާ އަށް ވިއްކާ ޓިކެޓެވެ.
ސްވެނިއާ ޓިކެޓް ބަލައިގެންފައިވާ ފަރާތަކަށް ބަލާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކުގެ ވެރިންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ފުރަތަމަ ޑިވިޝަންގެ ކްލަބްތައް ހިމެނެ އެވެ.
އެފްއޭއެމް އިން ބުނީ، މި ދެ މެޗުގެ ޓިކެޓް ވިއްކައިގެން ލިބުނު 300،000 ރުފިޔާ ފަލަސްތީނު ޓީމާ ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި، މިއީ، ހަނގުރާމައިގެ ހާލަތުގައި ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެ ގައުމުގެ ފުޓްބޯޅައިގެ ކަންކަން ރަނގަޅަށް ކުރިއަށްގެންދިއުމަށް ދެވުނު އެހީތެރިކަމެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެ ފަދަ އެހީތައް ފޯރުކޮށްދެމުންދާނެ ކަމަށެވެ.
ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ)، މީގެ ކުރިން ވިދާޅުވީ، ފަލަސްތީނުގެ ޓީމުގެ މުޅި ޑެލިގޭޝަންގެ ހަރަދުތަކަށް ސަރުކާރުން 546،000 ހަމަޖެއްސި ކަމަށެވެ. އަދި، ޑެލިގޭޝަނުގެ ކަންކަން ހަމަޖެއްސުމަށް 16 މެމްބަރުން އެކުލެވޭ ޓާސްކްފޯހެއް މަސައްކަތްކުރި އެވެ.
ރާއްޖޭގެ ކޭމްޕް ނިންމާލުމަށް ފަހު، ފަލަސްތީން ޓީމުން ކޮލިފައިން މެޗުތައް ކުޅެން މިއަދު އިންޑިއާގެ އަހުމަދުއާބާދަށް ދާނެ އެވެ. އެ ކޮލިފައިންގައި، ފަލަސްތީނުން ކުޅޭނީ އިންޑިއާ، އިރާން، ޗައިނީސް ޓައިޕޭ އަދި ލެބަނަންއާ ދެކޮޅަށެވެ. ރާއްޖޭގެ ކޮލިފައިން މެޗުތައް، ތައިލެންޑުގައި ކުޅޭއިރު، މި ދެ ގައުމުގެ އިތުރުން، ދެން އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމެނިސްތާން، ކުވެއިތު އަދި މޮންގޯލިއާ އެވެ
ފަލަސްތީނަށް ރާއްޖޭގެ ރައްޔިތުންގެ ފަރާތުން 300،000 ރުފިޔާ ހަދިޔާކޮށްފި ފަލަސްތީނަށް ރާއްޖޭގެ ރައްޔިތުންގެ ފަރާތުން 300،000 ރުފިޔާ ހަދިޔާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ