ގައުމީ ސާފް ލީގުގެ އެންމެ ފަހު މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖުގެ އޯޕަން ކެޓަގަރީ އާއި ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަމުގެ އިތުރުން، މި އަހަރުގެ ޖޫނިއާ ލީގު ޗެމްޕިއަންކަން ވެސް ހާސިލްކުރި، އުމުރުން 15 އަހަރުގެ ޔަސީން އަހުމަދު ނާޝިދު، ތާރީހުން ޖާގަ ހޯދައިފި އެވެ.
މި ކާމިޔާބާ އެކު، ޔަސީން ވެފައިވަނީ، މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ބޭއްވި މުބާރާތެއްގައި ޖޫނިއާ ސާފަރަކު، އޯޕަން އާއި ޖޫނިއާ ކެޓަގަރީ ޗެމްޕިއަންކަން ހޯދި ފުރަތަމަ ސާފަރަށެވެ. މ ފުރަތަމަ ފަހަރަށް ޖޫނިއާ ލީގު ކާމިޔާބުކުރި ޔަސީން އަކީ، ރަންނަމާރި ޗެލެންޖުގެ ޓީމު އިވެންޓް ކެޓަގަރީ، މަރުހަބާ ކަޕްގެ ޗެމްޕިއަންކަން ހޯދި މާލޭ ޓީމުގެ ވެސް އެތުލީޓެކެވެ.
އޯޕަން ބައިގެ ކެޓަގަރީގެ ޗެމްޕިއަންކަން، ޔަސީން ހޯދީ ފައިނަލް ހީޓުގައި ތަޖުރިބާކާރު ސާފަރެއް ކަމަށްވާ، ކ. ތުލުސްދޫގެ އަހުމަދު ހިޝާމް ޝަހީމްއާ ވާދަކޮށެވެ. ޔަސީން އަށް ޖުމްލަ 16 ޕޮއިންޓް ލިބުނުއިރު، ހިޝާމަށް ލިބުނީ 12.57 ޕޮއިންޓެވެ.
ޖޫނިއާ ލީގު ޗެމްޕިއަންކަން ކަނޑައެޅުމުގައި، އެމްއެސްއޭ އިން ބަލާފައިވަނީ، މި އަހަރުގެ ލީގުގެ ތިން މުބާރާތުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ މުބާރާތަށެވެ. ޔަސީން ވަނީ ދެ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެއީ، ރަންނަމާރި ޗެލެންޖްގެ ޖޫނިއާ ބައިގެ އިތުުރުން، ލ. މާބައިދޫގައި ބޭއްވި ކެރަންޑޫ މުބާރާތުގަ އެވެ. ސީނިއާ ކެޓަގަރީގެ ލީގުގައި ޔަސީން ދިޔައީ ދެ ވަނަ އެވެ.
އިންޑިއާގެ ޓަމިލް ނާޑޫގައި މި އަހަރު ބޭއްވި އޭޝިއާގެ ސާފިން މުބާރާތުގެ ޖޫނިއާ ބައިގެ ކުއާޓާ ފައިނަލުގައި ވެސް ޔަސީން ވާދަކުރި އެވެ. އެހެންކަމުން، މިއީ ޔަސީންގެ ކެރިއަރުގައި ހާއްސަ މުބާރާތެކެވެ.
ދިވެހި ސާފް ލީގު 2025 ގެ ޗެމްޕިއަންކަން ހޯދީ، ގައުމީ ސާފިން ޓީމުގެ ކެޕްޓަންކަން ވެސް ކުރި، އަހުމަދު އާގިލް (އަންމަޑޭ) އެވެ. އަންމަޑޭ ވަނީ 2022 ވަނަ އަހަރު ވެސް ސާފިން ލީގުގެ ޗެމްޕިއަަންކަން ހޯދައިފަ އެވެ.
ރަންނަމާރި ޗެލެންޖްގެ އަންހެން ބައިގެ ޗެމްޕިއަންކަން މި ފަހަރު ވެސް ހޯދީ އަޔާ ނަސީމް އެވެ. މިއީ، މި މުބާރާތުގެ ޗެމްޕިއަންކަން އާޔާ ޖެހިޖެހިގެން ހޯދި ފަސް ވަނަ ފަހަރެވެ. މި ފަހަރުގެ ފައިނަލު ހީޓުގައި އާޔާ ވަނީ 13.34 ޕޮއިންޓް ސްކޯކޮށްފަ އެވެ. ފައިނަލުގައި އާޔާއާ ވާދަކުރި، އައިމިނަތު ތާނީސް ޝިރަން އަށް ވަނީ 7.17 ޕޮއިންޓް ލިބިފަ އެވެ.
ސާފިން ޗެމްޕިއަންކަން ހޯދި 15 އަހަރުގެ ޔަސީން ތާރީހުގެ ތެރެއަށް ސާފިން ޗެމްޕިއަންކަން ހޯދި 15 އަހަރުގެ ޔަސީން ތާރީހުގެ ތެރެއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ