މަވޯޓާގެ އަތުން 10 މިލިއަން ހޯދަން ނަޝީދު ހުށަހެޅުއްވި މައްސަލަ ކޯޓުން ބަލައިގެންފި

އަބުރާ ބެހުނު ކަމަށް ބުނެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ)އާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓުން އިއްޔެ ބަލައިގެންފި އެވެ.
މަވޯޓާ ކުރެއްވި ޓުވީޓަކާ ގުޅިގެން، ނަޝީދުގެ ފަރާތްޕުޅުން މި މައްސަލަ ސިވިލް ކޯޓަށް ވެއްދީ އެ މަނިކުފާނުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރުގެ ލޯ ފާމް, ލިޓިގަންޓްސް އިންނެވެ.
ޝަރީފު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ވައްޓާލުމަށް ނޫސްވެރިންގެ ގޮތުގައި ކުލީ ސިފައިންގެ ބަޔަކު ރާއްޖެ ގެނެސް، އެމްޑީޕީގެ ބޮޑު މުޒާހަރާއެއްގެ ތެރޭގައި 50 މީހަކު މަރާލައި އެ މީހުންގެ މަރުތައް ރައީސް މައުމޫނުގެ އިސްތަށިފުޅުގައި އަޅުވަން ނަޝީދު ރޭއްވެވި ކަމަށެވެ.
ނަމަވެސް އެ އަނިޔާވެރި އަމަލު ހުއްޓުވީ އެމްޑީޕީގެ އޭރުގެ ޕާލިމަންޓްރީ ގުރޫޕުން ގަރާރެއް ފާސްކޮށްގެން ކަމަށް ބުނެފައިވެ އެވެ.
ލިޓިގަންޓްސް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ނަޝީދު ގަތުލު އާންމެއް ހިންގަން އުޅުނު ކަމަށް ބުނެ މަވޯޓާ ކުރެއްވި ޓުވީޓަކީ ނަޝީދުގެ އަބުރަށް ގެއްލުން ލިބޭ ގޮތަށް ކުރެއްވި ޓުވީޓެއް ކަމަށެވެ.
އެހެންކަމުން ޝަރީފުގެ ކިބައިން އަބުރާބެހުމުގެ އަމަލެއް ހިންގާފައިވާ ކަމަށް ކަނޑައަޅައި ދިނުމަށާއި އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު އެ ފަރާތުގެ ކިބައިން ނަގައިދިނުމަށް އެދިފައިވެ އެވެ.
އެގޮތުން ނަޝީދުގެ ކިބައިން ކޯޓުގައި އެދިފައިވަނީ އެ މަނިކުފާނަށް ނިސްބަތްކޮށް ޝަރީފު ކުރި ޓުވީޓުގައި ލިޔެފައިވާ ދޮގުތަކުގެ ސަބަބުން އެ މަނިކުފާނަށް ލިބިވަޑައިގެންނެވި މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 10 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ