ޓްރާންސްފޯމަރުތައް ބަހައްޓަން ބިން ނުދޭނަމަ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ޓްރާންސްފޯމަރު ބަހައްޓަން ބޭނުންވާ ބިން މާލޭ ސިޓީކައުންސިލުން ހަމަޖައްސައިދީފައި މާލޭގެ ތިން ސަރަހައްދަކުން ކަރަންޓް ކެނޑިދާނެކަމުގެ އިންޒާރު ސްޓެލްކޯ އިން ދީފިއެވެ.ސްޓެލްކޯ އިން ބުނީ މާލޭގެ ތިން ސަރަހައްދެއްގައި ބަހައްޓާފައިވާ ތިން ސަބްސްޓޭޝަނެއްގައި އިތުރު ޓްރާންސްފޯމަރުތަކެއް ބެހެއްޓުމަށް ބޭނުންވާ ބިން ހަމަޖައްސައިދިނުމަށް ސިޓީ ކައުންސިލްގައި އެކި ފަހަރު މަތިން އެދިފައިވާނެ ކަމަށެވެ.އެ ތިން ސަބްސްޓޭޝަނަކީ، ގާކޮށި، ސިނަމާލޭ 2 ގޯތި ތެރޭގައި ހަދާފައިވާ ސަބްސްޓޭޝަނާއި، މަޖީދިއްޔާ ސްކޫލު ކުރިމައްޗަށްވާގޮތައް ހުރި ޕާކިންޒޯނާއި ދިމާލުގައި ހަދާފައިވާ ސަބްސްޓޭޝަނުގެ އިތުރުން، ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން އޮތް ޕާކިން ޒޯނުގައި ހަދާފައިވާ ސަބްސްޓޭޝަނެވެ.މީގެ ތެރެއިން، ސިނަމާލޭ 2 ގޯތި ތެރޭގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރަކީ މިހާރުވެސް، އޯވާލޯޑްވުމުގެ ސަބަބުން ކައިރީގައިހުރި އެހެން ޓްރާންސްފޯމަރުތަކަށް އޭގެ ބައެއް ލޯޑް ޓްރާންސްފާރ ކުރަންޖެހިފައިވާ ޓްރާންސްފޯމަރެއް ކަމަށް ސްޓެލްކޯ އިން ބުނެ އެވެ. މި ސަބްސްޓޭޝަނުގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަނަށް ބޭނުންވާ ބިން ހޯދުމަށް 2 މެއި 2021 ގައި ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައިވީ ނަމަވެސް އެ ސިޓީއަށް ޖަވާބެއް ނުލިބުމާއި ގުޅިގެން އިތުރު ސިޓީތަކެއްވެސް ފޮނުވި ކަމަށާއި ނަމަވެސް އެ ސިޓީތަކަށް ވެސް ޖަވާބު ލިބިފައި ނުވާ ކަމަށް ބުނެފައިވެ އެވެ.ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން އޮތް ޕާކިންޒޯން ހުރި ބިމުގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރަކީ 81 އިންސައްތަ ޔުޓިލައިޒްކުރެވިފައިވާ ޓްރާންސްފޯމަރަކަށްވުމާއެކު، އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަން ބޮޑު ކުރުމަށް ބޭނުންވާ ބިން އެތަނުން ހަމަޖެއްސައިދިނުން އެދި، 13 ސެޕްޓެމްބަރ 2021 ގައި ފޮނުވި ސިޓީއަށް ވެސް ޖަވާބެއް ނުލިބޭ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.މީގެ އިތުރުން މަޖީދިއްޔާ ސްކޫލް ކުރިމަތީ ޕާކިންޒޯން ކައިރީގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރުގެ 73 އިންސައްތަ ޔުޓިލައިޒް ކުރެވިފައިވާއިރު، އެ ސަބްސްޓޭޝަނުގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަނާއި އިން ވެގެންއޮތް ހުސް ބިންކޮޅެއް ހަމަޖައްސައިދިނުމަށް 23 މެއި 2021 ގައި ސިޓީ ކައުންސިލަށް ފޮނުވި ސިޓީއަށް ވެސް ޖަވާބު ނުލިބޭ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ."މި ސަބްސްޓޭޝަން ތަކުގެ ހާލަތު ބަޔާންކޮށް، ސިޓީކައުންސިލަށް ފޮނުވާފައިވާ ސިޓީތަކުގައި، އެ ޓްރާންސްފޯމަރުތައް އަވަސް ގޮތެއްގައި ނުބެހެއްޓިއްޖެނަމަ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިއަށްއޮތް ދުވަސްތަކުގައި ކަރަންޓު ކެނޑުންފަދަ ދަތިތަކާއި ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއްކަމާއި، މި ޓްރާންސްފޯމަރުތަށް ބެހެއްޓުމަށްޓަކައި ބޭނުންވާ ބިންތަކުގެ ކުރެހުންތައްވެސް ވަނީ ހިއްސާ ކުރެވިފައި. އަދި ކުރިއަށް މިއޮތް ދުވަސްތަކަކީ ހޫނު މޫސުމުގެ ދުވަސްތަށް ކަމުގައިވާތީއާއި، އަދި ރޯދަމަހު މި ޓްރާންސްފޯމަރުތައް އޯވާރލޯޑްވެ، ކަރަންޓު ކެނޑުންފަދަ ކަންކަން ދިމާވެދާނެތީ، މި ބިންތައް ހަމަޖެހި މި ޓްރާންސްފޯމަރުތައް ވީއެންމެ އަވަހަކަށް ބެހެއްޓުމަށް މިކުންފުނިން ބޭނުންވޭ." ނޫސްބަޔާނުގައި ބުނެފައި ވެ އެވެ.ސްޓެލްކޯގެ ސިޓީތަކަށް އެއްވެސް ޖަވާބެއް ނުލިބުނު ނަމަވެސް މާލޭ ސިޓީކައުންސިލްގެ އިސްނެންގުވުމުގެ މަތިން މާލޭގެ 9 ނަންބަރު ކޮށި (ހ. ދޫވެހި ހުންނަ) ސަރަހައްދުގައި އިމާރާތްކުރަމުންދާ ފަރާތްތަކުން އެ ފަރާތްތަކަށް ކަރަންޓު ކަނެކްޝަން ހެދުމަށް ބޭނުންވާ ޓްރާންސްފޯމަރެއް ބަހައްޓައިދިނުމަށް އެދެމުންދާކަމަށްބުނެ، އާޓިފިޝަލް ބީޗްގައިވާ ވޮލީކޯޓާއި އިންވެގެން އޮތް ސަރަހައްދުން ކަނޑައަޅުއްވައި 24 އޮކްޓޯބަރ 2022 ގައި ކައުންސިލްގެ ސިޓީއެއް ސްޓެލްކޯއަށް ލިބިފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެ އެވެ. އެހެން ނަމަވެސް އެ ސަރަހައްދުން ކަރަންޓަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކަށް ކަރަންޓު ސްޓެލްކޯއަށް ނުދެވޭނެ އެއްވެސް ސަބަބެއް ނެތްކަމަށް ބަޔާނުގައި ބުންޏެވެ.ސްޓެލްކޯ އިން ބުނީ ކުންފުނީގެ ސަބްސްޓޭޝަންތަކަށް ބިން އިތުރުކުރުމަށް އެދި ހުށަހަޅާފައިވާ ބިންތައް އެކުންފުންޏަށް ހަމަޖައްސައިދިން ނަމަވެސް، އެކަމުގެ ސަބަބުން އެއްވެސް ބަޔަކަށް ނުވަތަ ބައެއްގެ ބިމަކަށްވެސް ގެއްލުމެއްވެސް އަދި އަސަރެއްވެސް ނުކުރާނެ ކަމަށެވެ."މިކަން މިހެން އޮތް އިރު އަޅުގަނޑުމެންގެ އެދުމަކީ، ރައްޔިތުންނަށް މިކުންފުނިން ދެމުންގެންދާ ހިދުމަތް އޭގެ އެންމެ ފުރިހަމަގޮތުގައި އަދި މެދު ނުކެނޑި ފޯރުވައިދިނުމަށް ކަމާއިބެހޭ އެންމެހާ ފަރާތްތަކުންވެސް އެއްބާރުލުން ދެއްވާ، ޒިންމާދާރުކަމާއެކު، މި ކުންފުންޏާއި ގުޅިގެން އެކީގައި މަސައްކަތް ކުރުން." ސްޓެލްކޯގެ ބަޔާނުގައި ބުނެފައި ވެއެވެ.ސްޓެލްކޯގެ ވާހަކަތަކަށް ރައްދު ދެމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވީ ސްޓެލްކޯ އިން ދައްކަނީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި ސްޓެލްކޯ އިން އެދުނު ހުރިހާ ހުއްދައެއް ދީފައިވާނެ ކަމަށެވެމޭޔަރު ވިދާޅުވީ ސްޓެލްކޯ އިން އެދުނު ތިން ސަރަހައްދުން ވެސް ބިން ދޫކޮށް ސްޓެލްކޯ އެންގި ނަމަވެސް ސްޓެލްކޯ އިން ބޭނުންވެގެން އުޅެނީ އެ ބިންތައް އެ ކުންފުންޏަށް ރަޖިސްޓްރީކުރަން ކަމަށެވެ.މޭޔަރު މުއިއްޒު އިތުރަށް މިހާރުވެސް މާލޭގެ ވަރަށް ގިނަ ސަރަހައްދުތަކުގައި ސްޓެލްކޯގެ ސަބް ސްޓޭޝަންތައް މިހާރުވެސް ހުންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ