ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ ޖަނާޒާ ބާއްވައިފި

ފުލުހުންގެ ހައްޔަރުގައި ހުއްޓާ ނިޔާވި ގދ. ހޯނޑެއްދޫ އުމުރުން 43 އަހަރުގެ ޢަބްދުﷲ ރަޝީދު(މާޓީ)ގެ ޖަނާޒާ ބާއްވައިފިއެވެ.އަބްދުﷲ ރަޝީދުގެ ޖަނާޒާ ބޭއްވީ މިރޭގެ މަޣްރިބް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.ހޯނޑެއްދޫން އޭނާ ހައްޔަރުކޮށްގެން ލޯންޗަކަށް އަރުވަނިކޮށް އޭނާގެ މެއަށް ވަރަށް ބޮޑު ތަދުވާ ކަމަށް ރަޝީދު ބުނަމުންދިޔަ ކަމަށް އެ ވަގުތު ބަނދަރު ސަރަހައްދުގައި ތިބި މީހުން ވަނީ ބުނެފަ އެވެ. ނަމަވެސް އޭނާ ގެންދިޔައީ ވެސް މާ ދުރު ރަށެއްގެ ހޮސްޕިޓަލަކަށެވެ.ފުލުހުން ވިދާޅުވީ، އޭނާ ނިޔާވީ މެއަށް ތަދެއް އަރައިގެން އޭނާގެ ކިބައިން ސިޒަރގެ ޢަލާމަތްތަކެއް ފެނުމާއި ގުޅިގެން ގދ. މަޑަވެލި ސިއްޙީ މަރުކަޒަށް ގެންދިޔަ މަގުމަތީގައި ކަމަށެވެ. އޭނާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރުންނާއި ޙަވާލާދީ ފުލުހުން ވިދާޅުވެއެވެ.މާޓީގެ ޖަނާޒާ މިއަދު ބާއްވާފައިމިވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާ އަށް ވެސް ގެންދިއުމަށް ފަހު އެވެ. އާއިލާ އިން ތުހުމަތުކޮށްފައިވާ ގޮތުގައި އޭނާ މަރުވީ ފުލުހުންގެ އިހުމާލުންނެވެ.މާޓީގެ މަރާ ގުޅިގެން ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާއިރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ މި ހާދިސާގައި ފުލުހުންގެ އެއްވެސް އިހުމާލެއް އޮތްކަން ސާބިތުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.ފުލުހުންގެ އިހުމާލު އޮތް ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކަށް ވާތީވެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ނެޝަނަލް އިންޓެގްރޭޝަން ކޮމިޝަން (އެންއައިސީ) އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިންނެވެ. ހަށިގަނޑުގެ ޕޯސްޓްމޯޓަށް ހެދުމަށް ނިންމީ އެންއައިސީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ