ރައީސް ޞާލިހަކީ ތަސައްވަރެއް ހުރި ލީޑަރެކޭ ބުނުމުން އިދިކޮޅު މީހުންނަށް ވަރަށް އަސަރުކޮށްފި: މެމްބަރު ޝަރީފް

ރައީސް އިބްރާހިމް މުުހައްމަދު ޞާލިހަކީ ތަސައްވަރެއް ހުރި ލީޑަރެކޭ ބުނުމުން އިދިކޮޅު މީހުންނަށް ފުން އަސަރެއްކޮށްފި ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
މެމްބަރު ޝަރީފް ކުރެއްވި ޓްވީޓެއްގައި ލިޔުއްވާފައި ވަނީ، ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި "އެމްޑީޕީ ކުރިއަށް" ކެމްޕެއިން ނިންމުމުގެ ޖަލްސާގައި، ރައީސް ޞާލިހަކީ ތަސައްވަރެއް ހުރި ލީޑަރެކޭ ބުނުމުން ވާދަވެރިންނަށް ފުން އަސަރެއްކޮށްފައިވާ ކަމަށާއި އެވާހަކަ ހަޖަމް ނުވެގެން ގުރޫޕްތަކުގައިވެސް ލިޔަން ފަށައިފި ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރެއްވި މަހެއްހާ ދުވަހުގެ ވާދަވެރި އަދި ފޯރިގަދަ ކެމްޕެއިނަށްފަހު، ދެ ކެންޑިޑޭޓުން ކަމަށްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ވޯޓުގެ ކުރިން ބާއްވާ ފަހު ޖަލްސާތައް ބުރާސްފަތި ދުވަހުގެ ރޭ ވަނީ ބާއްވާފައެވެ.
މިގޮތުން މާލޭގެ ހެންވޭރު އާޓިފިޝަލް ބީޗުގައި ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ޖަލްސާ ބޭއްވިއިރު، ރައީސް ޞާލިހްގެ "އެމްޑީޕީ ކުރިއަށް" ޖަލްސާ އައްޑޫ ސިޓީގައި ވަނީ ބާއްވާފައެވެ.
ރައީސް ނަޝީދުގެ ކެމްޕެއިންގެ އެންމެ ފަހު ހަރަކާތަކީ މިއަދު ހަވީރު އޮންނަ ހިނގާލުމެކެވެ. ރައީސް ޞާލިޙްގެ ޓީމުން އިތުރު ކަމެއް ރާވާފައިވާ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެެއެވެ.
އެމްޑީޕީގެ ރިޔާސީ ޕަރައިމަރީގެ ވޯޓުލުން މާދަމާ އޮންނާނެއެވެ. ޕްރައިމަރީ އިންތިޚާބަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވެ ނިމިފައިވާ ކަމަށާއި، މިއީ އިންސާފުވެރި އިންތިޚާބަކަށް ވާނެކަމަށްވެސް އިންތިޚާބީ ކޮމިޓީން ބުނެއެވެ. މިފަހަރުގެ އިންތިޚާބަށް 555 ޝަކުވާ މިހާތަނަށް ލިބިފައިވާއިރު، އެހުރިހާ ޝަކުވާއަކަށްވެސް އެޓެންޑު ވެވިފައިވާކަމަށް ކޮމިޓީން ބުނެއެވެ.
ޕްރައިމެރީގެ އިންތިޚާބަކީ ޕާޓީގެ ޗެއާރޕާސަނަކު ހޮވުމަށް ބޭއްވި އިންތިޚާބަށްފަހު އެމްޑީޕީގެ ސިޔާސީ ތާރީޚްގައި ބާއްވާނެ އެންމެ ވާދަވެރި އަދި ފޯރިގަދަ އިންތިޚާބަށް ވެގެންދާނެއެވެ.
މި އިންތިޚާބުގެ އެންމެ ފަހުގެ ތަފުސީލުތަކާއި ކަވަރޭޖް ވީމީޑިއާގެ އޮންލައިން ވީނިއުސް.އެމްވީ އަދި ވީޓީވީއިން، ގެނެސްދޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ