މޫސުން ގޯސްވާނެކަމަށް ލަފާކޮށް ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މިއަދު ހުދު ސަމާލު ނެރެފައި ވަނީ ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށެވެ. މިސަމާލުގެ މުއްދަތު ހަމަވާނީ މިއަދުގެ ހަވީރު 4:30ގައެވެ.
މެޓް އޮފީހުން ބުނީ، ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވައިގަދަވާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އާންމު ގޮތެއްގައި ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ.
ޖުމުލަ ގޮތެއްގައި ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކުރާ ގޮތަށް ބަލާއިރު އެކިހިސާބަށް ވިއްސާރަކުރާ އިރު، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ އާދައިގެ ވަރަކަށް ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިނުގައި 3 ފޫޓާއި 6 ފޫޓް ހުންނާނެ ކަމަށް ބުނެފައިވެއެވެ.
މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން އަހަރެމެން ގުނަމުން މިދަނީ ހޭނަކަތުގެ ދުވަސްތަކެވެ. މިއީ ހުޅަނގުން 15 ވަނަ ނަކަތަށް ވާއިރު، ހޭނަކަތަކީ ވައިގެ ނަކަތެކެވެ.
އެހެންކަމުން މިހިނގާ މަހުގެ 31ގެ ނިއަލަށް ކުރިއަށް މިއޮތް ދުވަސްވަރު މޫސުން ގޯސްވުމަކީ ލަފާކުރެވޭ ކަމެކެވެ.
ކޮންމެ ދުވަހެއްގެ މޫސުމާބެހޭ މަޢުލޫމާތުތައް އާއްމުންނާ ހަމައަށް ތާޒާކޮށް ގެނެސްދިނުމަށް މެޓް އޮފީހުން މުހިންމު މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން މޫސުމީ މަޢުލޫމާތު ގެނެސްދިނުމަށް މެޓް އޮފީހުގައި ސްޓޫޑިއޯއެއް ހަދާ، އެ މަޢުލޫމަތު ވީޑިއޯ ހިމެނޭހެން މީޑިއާތަކަށް ދަނީ ފޯރުކޮށްދެމުންނެވެ.
އަދި ކޮމިއުނިޓީ ވައިބަރ ގްރޫޕާ އަދި ވެބްސައިޓް މެދުވެރިކޮށް މި މަޢުލޫމާތުތައް އަބަދުވެސް ދަނީ އަޕްޑޭޓްކުރަމުންނެވެ.
އެހެންކަމުން ދަތުރަކަށް ފެއްޓެވުމުގެ ކުރިން މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަކީ އެންމެ އެދެވޭ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ