ވ. އާރަށާ ގުޅޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން ކުރާ ރިޝްވަތު ހިފުމާއި، މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލައިގެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށެހެޅުންތައް ހުށަހެޅީ މުއްދަތު ހަމަވިފަހުން ކަމަށް ބައެއް އޮންލައިން ނޫސްތަކުގައި ރިޕޯޓު ކުރުމުން އެމަނިކުފާނުގެ ވަކީލުން އެކަން ދޮގުކޮށްފިއެވެ.
ރައީސް ޔާމީންގެ ވަކީލުން ނެރުނ ބަޔާނެއްގައި ބުނީ މިއަދު އޮތް އަޑުއެހުމުގައި، ދައުލަތުންނާއި ދިފާޢުން ހުށަހެޅި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ޝަރީޢަތުން ބަލައި ނުގަތް ނުގަތުމުގައި ރައީސް ޔާމީންގެ ވަކީލުންނަށް އެއްވެސް އޮޅުމެއް އަރާފައެއް ނުވެއެވެ.
ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދެވޭ މުއްދަތު ގުނުމުގައި ކުރިމިނަލް ކޯޓުން އަބަދު ވެސް މުއްދަތު ގުނަމުން އައިސްފައިވަނީ ހުށަހެޅުންތައް ހުށަހެޅުމަށް ފުރުޞަތު ދޭ ދުވަހާއި، މުއްދަތު ހަމަވާ ދުވަހާއި، އެދޭތެރަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުލާ ކަން ވަކީލުން ފާހަގަކުރިއެވެ. މި މައްސަލާގައި، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތު ދެއްވާފައިވަނީ 11 އޭޕްރިލް 2022 ވަނަ ދުވަހުގައި ކަމާއި، ކުރިމިނަލް ކޯޓުން މުއްދަތު ގުނަމުން އައި ގޮތަށް ބަލާއިރު، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދެވުނު މުއްދަތު ހަމަވާނީ 10 މެއި 2022 ވަނަ ދުވަހުގައި ކަަމަށް ޔާމީންގެ ވަކީލުން ބުންޏެވެ. އަދި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅީ 9 މެއި 2022 ގައިކަންވެސް ވަކީލުން ބުނެފައިވެއެވެ.
ކުރިމިނަލް ކޯޓުގައި މިހާތަނަށް ވެސް މުއްދަތު ގުނަމުން އައީ ބަންދު ދުވަސްތައް ނުލައި ކަމަށާއި، ޔާމީންގެ ފަރާތުން ހުށަހެޅުންތައް ހުށަހެޅީ އެގޮތުގެމަތިން މުއްދަތު ގުނުމަށްފަހު، އެ މުއްދަތުގެ ތެރޭގައި ކަމަށްވާތީ، އެމަނިކުފާނުގެ ވަކީލުންނަށް އެކަމުގައި އޮޅުމެއް އަރާފައެއް ނުވާކަމުގައި ބަޔާނުގައި ވަނީ ބުނެފައެވެ.
އޮޅުމެއް ނާރާ، ކޯޓުން އަބަދުވެސް މުއްދަތު ގުނަމުން އައީ ބަންދު ދުވަސް ނުލައި: ރައީސް ޔާމީންގެ ވަކީލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ