ހަލާލު ޓޫރިޒަމަކީ ފައިދާވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ރާއްޖޭގައި ހަލާލު ޓޫރިޒަމް ފަށަން ސަރުކާރުން ނިންމާފައިވާ ނިންމުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ފާޑުވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޔާމީން މިގޮތަށް ވާހަކަދެއްކެވީ ރޭ އޮތް ޕީއެންއެފް ޖަލްސާގަ އެވެ.
ޔާމީން ވިދާޅުވީ ހަލާލު ޓޫރިޒަމަށް ހުޅުވާލާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ އައްޑޫގެ ހަންކެޑެ އެ ކޮންސެޕްޓުގެ ފަތުރުވެރިކަމަށް ދޫކޮށްލައިގެން ނުވާނެ ކަމަށެވެ. އެއީ އެތައް އަހަރުތަކެއް ވަންދެން ފަތުރުވެރިކަމުގެ ފައިދާއެއް ނުލިބިއޮތް އައްޑުއަށް އަނެއްކާވެސް ދެވޭ ގެއްލުމެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވި އެވެ.
ބުނީ ކީކޭ؟ - ޔާމީން ވިދާޅުވީ "ހަލާލު ޓޫރިޒަމޭ" ކިއުމުން ދޭހަވަނީ މިހާރު އޮތީ "ހަރާމް ޓޫރިޒަމް" ކަމަށް ކަމަށެވެ. ހަރާމް ޓޫރިޒަމަަކަށް މިހާރު އޮތް ޓޫރިޒަމް ވަނީ ދީނުގެ ހަރާމް ހަލާލަށް ބަލާ ނަމަ، އެ ތަންތަނުގައި ބޭނުންކުރާ ރަލާއި އޫރުމަަސް ފަދަ ތަކެތި ކަމަށެވެ.
ހަލާލު ޓޫރިޒަމް ނަމުގައި އެކަން ކުރަން އުޅެނީ ވޭތުވެދިޔަ ދުވަސްތަކުގައި ދީނަށް ފުށޫއަރާ ގޮތަށް ސަރުކާރުން ކޮށްފައިވާ ކަންކަން އޮއްބާލައި ދީނީ އިލުމުވެރިން ހިތްހަމަޖައްސައިދިނުމަށް ކަމަށް ޔާމީން ވިދާޅުވި އެވެ.
އެހެން ވިޔަސް، އެތައް އަަހަރުތަކަކަށް ދެމިގެން ގޮސް، ކާމިޔާބު ފަތުރުވެރިކަމެއް އޮތް ރާއްޖެ ފަދަ ތަނެއްގައި މިހާރު އޮތް ގޮތް ދޫކޮށް، ރާއްޖޭގައި ދުވަހަކު ތަޖުރިބާ ވެސް ކޮށްފައި ނުވާ މިފަދަ ކަމެއް ޓޫރިޒަމްގެ ތެރެއިން ކުރަން އުޅުމަކީ ސަރުކާރުން ހަދާ ގޯހެއް ކަމަށް ޔާމީން ވިދާޅުވި އެވެ.
"މިހާރު ހަލާލު ޓޫރިޒަމް އައީމާ މި އަންނަނީ އެކްސްޕްރިމަންޓަލް ޕްރޮޑަކްޓެއް. މި ޕްރޮޑަކްޓުގެ ވެލިއުއެއް ނެތް. ބާއެއް އެހެން ތަނެއް ހުންނާނީކީ ނޫން. ޓިޕްސްއެއް އެހެން އެއްޗެއް ލިބޭނީކީ ނޫން. އެ ތަނުގެ ޖާގައިގެ ގެރެންޓީއެއް ނެތް،" އެ މަނިކުފާނު ވިދާޅުވި އެވެ.
"ރާއްޖޭގެ ހަމައެކަނި މޫދު ބަލައިލާފައި ދާން އަންނަ މީހުންނެއް ނޫނޭ މި އަންނަނީ. ދޭ ވޯންޓު ހޭވް ގުޑް ޓައިމް. އެ އަންނަ ގުޑް ޓައިމްގެ ތެރޭގައި އެންމެ ރަނގަޅު އަޅުގަނޑުމެން އިސްލާމުން ވީމާ އަޅުގަނޑުމެންނަށް ހިތްހަމަނުޖެހޭ ކަންތައްތައް ހުންނާނެ. އެކަމަކު އެ މީހުންނަށް އަޅުގަނޑުމެން މި ހިދުމަތް ދެނީ ދެއްތޯ،" ޔާމީން ވިދާޅުވި އެވެ.
ނަމަވެސް ރާއްޖޭގައި މިހާރު އޮތް ޓޫރިޒަމް ސިނާއަތަކީ އިސްލާމްދީނާ ފުށޫއަރާ އެފަދަ ކަންކަމުގައި ދިވެހިން ޝާމިލުނުކޮށް، އެ ކަންކަން ކުރެވޭ ގޮތަށް އޮތް ސިނާއަތެއް ކަމަށް ޔާމީން ވިދާޅުވި އެވެ. އެހެންކަމުން ރިސޯޓުތަކުގައި އެ ހިދުމަތްތައް ދިނުމަކުން މައްސަލައެއް ނެތް ކަމަށް އެ މަނިކުފާނު ސިފަކުރެއްވި އެވެ.
ހާއްސަ ގޮތެއްގައި ހަލާލު ޓޫރިޒަމަށް ހުޅުވާލާ ތަންތަނުގެ ގޮތުގައި އައްޑޫ ހިމަނާފައި އޮތުމުން، އެކަމާ ޔާމީން ހިތްހަޖެހިވަޑައިނުގަންނަވައި ޔާމީން ރޭ ވާހަކަދެއްކެވި އެވެ. އެ މަނިކުފާނު ވިދާޅުވީ އައްޑުއަށް ހަލާލު ޓޫރިޒަމް ތަރައްގީކުރަން އުޅޭއިރު އެ ތަނުގެ ރައްޔިތުން އެގޮތް ބޭނުންވޭތޯ ނުވަތަ ނުވޭތޯ ބަލަން ސަރުކާރުން އެ ރައްޔިތުންގެ ބަހެއް ހޯދާފައި ވެސް ނުވާ ކަމަށެވެ.
"އެހެންވީމާ މިއީ ވަރަށް ގޮސްކޮށް ކުރާ ކަމެއް. މިގޮތަކަށް ޓެސްޓްއައުޓް ކުރާނެ ކަމެއް ނެތް. އައްޑޫ އަތޮޅުގައި ކަމެއް ކުރެވޭތޯ ބަލަންވީ. މިހާރު މިއަންނަނީ ޓޯޓަލީ އަންޓެސްޓެޑް ޕްރޮޑަކްޓެއް. އެއްގޮތަކަށް ވެސް މިޔަކުން ނަތީޖާއެއް ލިބޭނެ އެއްޗެއް ނޫން މިއަންނަނީކީ،" ޔާމީން ވިދާޅުވި އެވެ.
"މިތަނަށް [އައްޑުއަށް] ފުލް ބެނެފިޓް ލިބެންވާނެ. ކީއްވެގެންތޯ މިތަނަށް މިއޮންނަ ހަރާމް ޓޫރިޒަމް މިތަނުގައި ބާއްވައިދީފައި އެހެން ތަނަކަށް ލާންވީ ނޫންތޯ ހަލާލު ޓޫރިޒަމް. މިހާރު އަރިއަތޮޅާއި މާލެ އަތޮޅުގައި މިހުރީ ހަރާމް ޓޫރިޒަމް ހުރި ތަންތަން. މި ބެލެންސްކޮށްލަންޏާ ވެސް އެތަނަކަށް ނޫން ހަލާލު ޓޫރިޒަމް ދާންވީ. އެހެންވީމާ އަޅުގަނޑު ހަމަ ރިކަމެންޑުކުރަން ސަރުކާރަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެނގުން މުހިންމު - ހަލާލު ޓޫރިޒަމަށް ރާއްޖޭގެ ހަ ސަރަހައްދެއް ހާއްސަކުރަން ސަރުކާރުން ނިންމާ މިއަދު ވަނީ އެކަން އިއުލާންކޮށްފަ އެވެ. އޭގެެ ތެރޭގައި އައްޑޫގައި ފަތުރުވެރިކަން ފުޅާކުރުމަށް އެ ރަށު ރައްޔިތުން ގެންގުޅޭ ބޮޑު އުންމީދަކާ ގުޅިފައިވާ ހަންކެޑެ ވެސް ހިމެނެ އެވެ.
ހަންކެޑެ ތަރައްގީކުރަން 2005 ވަނަ އަހަރުން ފެށިގެން އެކިއެކި ސަރުކާރުތަކުގައި މަސައްކަތްކޮށްފައިވެ އެވެ. އެކަމަކު މިހާތަނަށް އެ މަޝްރޫއު އޮތީ ކުރިއަށް ނުގޮހެވެ.
ހަލާލު ޓޫރިޒަމް ފަށަން އުޅޭތީ ޔާމީން ހިތްހަމައެއްނުޖެހުން: 'ފައިދާއެއް ނުވާނެ'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ