ކުރީގެ ރައީސް މުހައްމަދު ނަޝީދު ތިން އަހަރު ދުވަސްވަންދެން ވެރިކަން ކުރެއްވިއިރު އިސްލާމީ ގައުމުތަކުން ރާއްޖެއަކީ މުސްލިމް ގައުމެއްކަމަށް ގަބޫލުނުކުރާ ހިސާބަށް ކަންތައްތައް ދިޔަ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
"ގުޅިގެން ނިންމައިފިން" ނަމުގައި ޕީޕީއެމާއި އެމްޑީއޭއިން ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ނަޝީދުގެ ތިން އަހަރު ރާއްޖެ ފަޞީހަތްވި މިންވަރު ފެނިގެން ގޮސްފައިވާ ކަމަށާއި ބޭރު ދުނިޔޭގެ ގައުމުތަކުން ލިބޭ އެހީތައް ވެސް ކެންޑިގެން ގޮސްފައިވާ ކަމަށެވެ.
"އެހެންވީމަ މިފަދަ ގޮތަކަށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގައި ހުންނަވާ ބޭފުޅަކު ކަންތައްތައް ކުރެއްވުމަކީ ރާއްޖެއަށް އަބަދުވެސް ހުތުރު ނަން ލިބިގެން ދާނެ ކަމެއް، ރާއްޖެއަކީ ތަހްޒީބްވެފައިވާ މުޖުތަމައެއް ކަމަށް ގަބޫލެއް ނުކުރެވޭނެ،" މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އަރަބި ދުނިޔޭގެ ގައުމުތަކުން ރާއްޖެ ބަލައިނުގެންފައިވަނީ ކުރީގެ ސަރުކާރުން އިސްލާމް ދީނަށް ގޮންޖެހުމުން ކަމަށާއި ރާއްޖެއަކީ އިސްލާމީ ގައުމުތަކަށް ކަމޭހިތާ، އިސްލާމީ އަގީދާތަކަށް ލޯބި ކުރާ އިސްލާމްވަންތަކަން ހަރުދަނާ ކުރުމަށް މަސައްކަތް ކުރާ ގައުމެއް ކަމަށް ބޭރު އިސްލާމީ ގައުމުތަކުން މިހާރު ނުދެކޭ ކަމަށެވެ.
އިސްލާމީ ގައުމުތަކަށް ދިމާވާ ކަންކަމުގައި އެ ގައުމުތަކަށް ތާއީދުކޮށް އަޑު އުފުލަން ޖެހޭ ކަމަށާއި ފަލަސްތީނާއި އަފްޣާނިސްތާނު ފަދަ ގައުމުތަކާ އެކީގައިވާކަން ހާމަކޮށްދޭން ޖެހޭ ކަމަށާއި ބޭރުގެ ގައުމުތަކުގެ އެއްބާރުލުން ލިބިގެންދާނީ އޭރުން ކަމަށް ވެސް މައުމޫނު ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުކުރަން ޖެހެނީ ރާއްޖެއަށް ރީތި ނަން ހޯދައިދެއްވާނެ އަދި ބޭރު ދުނިޔޭގައި ރާއްޖޭގެ ތަސައްވުރު ފުރިހަމަކޮށްދެއްވާނެ ބޭފުޅެއް ކަމަށާއި އެބޭފުޅެއް ކަމުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށެވެ.
މައުމޫން ވިދާޅުވީ ތަސައްވުރު ހަރުދަނާ ކުރެއްވުމަށް ބޭރުގެ ގައުމުތަކާއި ބޭރުގެ ޖަމުޢިއްޔާތަކާއި ގުޅުން ބަދަހި ކުރަންޖެހޭ ކަމަށާއި ރާއްޖެ ތަރައްގީކޮށް އާރާސްތު ކުރެވޭނީ ބޭރުގެ ގައުމުތަކުގެ އެހީގައި ކަމަށެވެ.
އިސްލާމީ ގައުމުތަކުން ރާއްޖެއަކީ އިސްލާމީ ގައުމެއްކަމަށް ގަބޫލުނުކުރާ ހިސާބަށް ދިޔަ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ