އިންތިހާބު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުން ހަވީރު 5 ޖަހާއިރު

މިދިޔަ މަހުގެ 7 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލްކޮށްދިނުމަށް އެދި، ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް މައްސަލައިގެ ހުކުމް އިއްވުން މިއަދު މެންދުރުފަހު ބޭއްވުމަށް ހަމަޖައްސާފައިވަނިކޮށް މިއަދު ހަވީރަށް ފަސްކޮށްފި އެވެ.
ސުޕްރީމް ކޯޓުން ބުނި ގޮތުގައި މިހާރު އެ ޝަރީއަތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހަވީރު 5 ޖަހާއިރު އެވެ. ކުރިން މި ޝަރީއަތް ބޭއްވުމަށް ތާވަލްކޮށްފައިވަނީ މިއަދު މެންދުރު ފަހު 2:30 ގައި އެވެ.
ޖޭޕީން ސުޕްރީމް ކޯޓަށް ވައްދާފައިވާ މައްސަލައިގެ މައްޗަށް ފެށި ޝަރީއަތުގެ އަޑު އެހުންތައް ނިންމާލާފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ފަސްކުރަން ސުޕްރީމް ކޯޓުން މީގެކުރިން އަމުރު ނެރުމާއި ގުޅިގެން ދެވަނަ ބުރު ބޭއްވުމަށް ގޮވާލާ މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ކޮންމެ ރެއަކުހެން އެމްޑީޕީން އަންނަނީ މުޒާހަރާކުރަމުންނެވެ. މި މުޒާހަރާގައި ގިނަ އަދަދަދެއްގެ ބަޔަކު މިހާތަނަށް ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި މަޖިލިސް މެންބަރުން ވެސް ހިމެނެ އެވެ. ނަމަވެސް މީގެ ތެރެއިން ގިނަ މީހުން ވަނީ ދޫކޮށްލާފައެވެ.
މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި ހުލާސާ ބަޔާން އިއްވަމުން ޖުމްހޫރީ ޕާޓީގެ ވަކީލު ޑރ ހަސަން ސައީދު ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބުތައް ބޭއްވުމަށް ގާނޫނުތަކާއި ގާނޫނު އަސާސީން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލާޒިމުކުރާއިރު، އެ ކޮމިޝަނާއި މަތިކޮށްފައިވާ އެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރެވިފައި ނުވާކަމަށާއި އެގޮތުން ވޯޓާސް ލިސްޓަކީ، އިންތިހާބެއްގެ ސައްހަކަން ކަށަވަރުކުރުމަށް އެންމެ މުހިންމު އެއް އަސާސް ކަމަށްވާއިރު އެ ލިސްޓުގެ ސައްހަކަން ވެސް ގެއްލިގެން ގޮސްފައިވާ ކަމަށެވެ.
މީގެއިތުރުން ކުޑަކުދިން ވޯޓުލި ކަމާއި އެތައް ބަޔަކަށް ނޭނގި އެހެން ގޭގޭގެ އެޑްރެހުގައި ޖަލްސާފައިވާކަން ވެސް ހެކިންގެ ބަހުން ސާބިތުވާ ކަމަށާއި އެހެންކަމުން އިންތިހާބު ބާތިލްކުރަން ޖެހޭ ކަމަށް ވެސް ޑރ.ހަސަން ސައީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިންތިޚާބު ބާތިލް ނުކޮށްފިނަމަ އޭގެ އަސަރު ކުރިއަށް އޮތް އިންތިޚާބުތަކުގައި ކުރާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ވަކީލް ހުސެއިން ސިރާޖް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލްކުރަން އެކަށީގެންވާ ހެއްކެއް ދެއްކިފައިނުވާ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ގާނޫނުތަކާއި ގާނޫނު އަސާސީއާއި ޚިލާފަށް ކޮށްފައިވާ އެއްވެސް ކަމެއް މިހާތަނަށް ދެއްކިފައި ނުވާކަމަށެވެ.
ސިރާޖު ވަނީ އިންތިޚާބުގައި ބޭނުންކުރި ވޯޓުލާ މީހުންގެ ލިސްޓު ސައްހަކަމަށް ނިންމައި، އެ އިންތިޚާބު ބާތިލްކުރަންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައެވެ.
ވޯޓާސް ލިސްޓުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ ފުރުސަތު ހޯދުމަށް ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުން މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ މަހުގެ 26 ވަނަ ދުވަހު ނިންމާލައި، ދެ ފަރާތުގެ ހުލާސާ ބަޔާން ވަނީ އިއްވައިފަ އެވެ. އެ މައްސަލަ ޝެޑިއުލް ކޮށްފައި ވަނީ އަންގާރަ ދުވަހުގެ މެންދުރު 2:00 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ