ރުކުމާ ނަން ނުނަގައިފިނަމަ، ދާއިރާގެ ހުރިހާ ގެއަކަށްވަދެ އެ ގޮނޑި މާ ބޮޑަށް ނަގާނަން: ނަޝީދު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ ޕްރައިމަރީން ނާކާމިޔާބުވެ ވަޑައިގެންނެވުމުންވެސް މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ، އެ ދާއިރޭގެ މިހާރުގެ ވެސް މެންބަރު ހުމައްހަދު އަބްދުލްކަރީމު (ރުކުމާ އަހުމަދު) އިންތިހާބުގައި ވާދަ ނުކުރައްވައި ނަން ނެންގެވުމަށް އެމްޑީޕީގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ރައީސް ނަޝީދު މިކަމަށް އެދިވަޑައިގެންފައިވަނީ، އއ. އުކުޅަހުގައި ބޭއްވި، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާންގެ ކެންޕެއިން ޖަލްސާގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، މުހައްމަދު އަބްދުލް ކަރީމް އެ ދާއިރާއަށް ކުރިމަތިނުލައްވައި އަނބުރާ ނަން ނެންގެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެގޮތަށް ކަންތައްތައް ނުކުރައްވައިފި ނަމަ އެމަނިކުފާނު ހެންވޭރު ދެކުނު ދާއިރާގެ ހުރިހާ ގެއަކަށް އަމިއްލަފުޅަށް ވަންނަވައި އެ ދާއިރާ އިން އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ހުސެއިން ޝަމީމް (އަނދުން ހުސައިން) އަށް ކެންޕެއިން ކުރައްވައި އެގޮނޑި މާބޮޑަށް ނަންގަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެމްޑީޕީން ވަކިވެވަޑައިގަތުމަށް ފަހު އަމިއްލަ ގޮތުން އިންތިޚާބުގައި ރުކުމާ ވާދަކުރައްވަނީ، ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮތް އިސްލާހު ސުޕްރީމް ކޯޓުން ބާތިލް ކުރުމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ގައި ބަލިވި ބޭފުޅުން މަޖިލީހުގެ އިންތިހާބަށް ނެރުމަށް ސުޕްރީމް ކޯޓު ލައްވާ ބަޔަކު މަސައްކަތް ކުރުވި ކަމަށާއި އެ މަސައްކަތުން އެ ޕާޓީ އިން ހަގީގަތުގައި އިންތިހާބަށް ނިކުންނެވީ އެންމެ ކެންޑިޑޭޓެއް ކަމަށެވެ. އަދި އެމްޑީޕީ ކެންޑިޑޭޓުންގެ ތެރެއިން އެމަނިކުފާނަށް ފެނުނީ ދެރަ އަހުލާގުގެ އެންމެ ކެންޑިޑޭޓެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެހެންކަމުން އެކަންތައް ނުކުރެއްވުމަށް ރުކުމާ އަހުމަދަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މި ވާހަކަފުޅާ ގުޅިގެން ހުމައްހަދު އަބްދުލްކަރީމު ވިދާޅުވީ ހެންވޭރު ދެކުނު ދާއިރާގެ ކޮންމެ ގެއަކުންވެސް ރައީސް ނަޝީދަށް ފުރިހަމަ މެހްމާން ދާރީއެއް އަދާކުރުމަށް އެ ދާއިރާގެ އެމްޕީގެ ހައިސިއްޔަތުން އިލްތިމާސް ކުރައްވާކަމަށެވެ.
"ހެންވޭރު ދެކުނުދާއިރާގެ ކޮންމެ ގެއަކުންވެސް ރައީސް މުހައްމަދު ނަޝީދަށް ފުރިހަމަ މެހްމާން ދާރީއެއް އަދާކުރުމަށް ދާއިރާގެ އެމްޕީގެ ހައިސިއްޔަތުން އިލްތިމާސްކުރަން،" ހުމައްހަދު އަބްދުލްކަރީމު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ