ސުޕްރީމް ކޯޓުގެ ކުރީގެ ދެ ފަނޑިޔާރުން ކަމަށްވާ ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނާއި، މުއުތަސިމް އަދުނާން މަގާމުން ވަކިކުރުމަށް މަޖިލީހުގައި ވޯޓަށް އެހިއިރު އެމްއެމްޕީއާރްސީގެ ފައިސާއިން 10 މިލިއަން ރުފިޔާ ހަރަދު ކުރިކަން ހާމަވެއްޖެ އެވެ.
މިކަން ހާމަވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ތަހުގީގުކޮށް އޭސީސީން މިއަދު އާންމު ކުރި ތަހުގީގު ރިޕޯޓްގައި ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމާ ގުޅޭގޮތުން އަމިއްލަ މީހަކު އޭސީސީއަށް ދީފައިވާ ބަޔާނަކުންނެވެ.
އޭސީސީގެ ތަހުގީގަށް މއ. ޝޭޑީކެބިން އަބްދުﷲ ރާފިއު ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބް އެއް ދުވަހެއްގެ ރޭގަނޑު އޭނާއަށް ގުޅުއްވައި ޖެހިގެން އަންނަ ދުވަހުގެ ހެނދުނު ނުވައެއް ޖެހުމުގެ ކުރިން 10 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ދެންނެވި ކަމަށެވެ. އެފައިސާ ހޯދުމަށްފަހު އަދީބަށް އެންގުމުން ކުރީގެ މަޝްހޫރޫ ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ހުސައިން (އޮއިއްޓެ)އާއި އެފައިސާ ހަވާލުކުރަން އަދީބް އެންގެވި ކަމަށެވެ. އަދި އެފައިސާ ހިފައިގެން އޮއިއްޓޭއާ ހަވާލުކުރަން ދިޔައީ ފެންޓަސީ ކުރިމަތީގައި ހުރި އޮފީހެއްގެ ހަތްވަނަ ފަންފިލާއަށް ކަމަށްވެސް ބުނެފައިވެ އެވެ.
ރާފިއު ބުނީ އެ ފައިސާ ހޯދީ ކީއްކުރަން ކަން ކުރިން ނޭނގޭ ކަމަށާއި އެކަމަކު އެ ފައިސާ ހޯދަން ބުނި ދުވަހަކީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އެޖެންޑާކޮށްފައި އޮތް ދުވަސްކަން ފަހުން އެނގުނު ކަމަށެވެ. އަދި އެފައިސާ ހެނދުނު 9:00 ޖެހުމުގެ ކުރިން ހޯދުމަށް އަދީބް އެންގެވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރިން ކުރަންޖެހޭ ކަމެއް ކުރުމަށް ކަމަށް ވިދާޅުވެފައިވާ ކަމަށްވެސް ރާފިއު ބުނެފައިވެ އެވެ. ނަމަވެސް އެފައިސާ ދިނީ ކޮން ބަޔަކަށް ކަމެއް އޭނާއަށް އެނގިވަޑައިގެންފައި ނުވާ ކަމަށްވެސް ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ ދެ ފަނޑިޔާރުން ކަމަށްވާ އަހްމަދު ފާއިޒު ހުސައިނާއި، މުއުތަސިމް އަދުނާން މަގާމުން ދުރުކުރުމަށް ވޯޓު ހޯދުމަށްޓަކައި މަޖިލީހުގެ ވަކިވަކި މެންބަރުންނަށް 10 މިލިއަން ރުފިޔާ އިން ފައިސާ ބަހާފައިވާ ކަމަށް ބައެއް މެންބަރުން މީގެކުރިން ވިދާޅުވެފައިވެ އެވެ.
އަހުމަދު ފާއިޒް ހުސައިނާއި މުއުތަސިމް އަދުނާން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ވަކިކުރުމަށް މަޖިލީހުން ފާސްކުރީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.
ދެ ފަނޑިޔާރުންގެ އިތުބާރު ނެތް ކަމަށް 53 މެމްބަރުން އެދުވަހުގެ ޖަލްސާގައި ވޯޓް ދެއްވާފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން 10 މިލިއަން ރުފިޔާ ޚަރަދުކުރި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ