އިންޑޮނޭޝީޔާއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުން އަދަދު 35 އަށް

ސުލަވެސީއަށް ބިންހެލުމުގައި ލިބިފައިވާ ބައެއް ގެއްލުންއިންޑޮނޭޝިޔާގެ ސުލަވެސީ ޖަޒީރާއަށް އައި 6.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 35 އަށް އަރައިފިއެވެ. ޒަޚަމްވި މީހުންގެ އަދަދު މިހާރު ވަނީ 600 އަށްވުރެ މައްޗަށް ގޮސްފައެވެ.
ރޭ ދަންވަރު 1:30 ގައި (ރާއްޖޭ ގަޑިން ރޭ 11:30 ގައި) ސުލަވެސީ ޖަޒީރާގެ މަޖޭނާ އަވަށުގެ 6 ކިލޯމީޓަރު ބޭރުން ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށް އައި ބިންހެލުމުގެ ސަބަބުން ހޮސްޕިޓަލެއް ބިމާ ހަމަވެފައި ވާއިރު، ރަށުގެ ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ސުލަވެސީއަށް 7.5 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސް އެރި ސުނާމީގައި 4 ހާހަށްވުރެ ގިނަ މީހުން މަރުވީ ސެޕްޓެންބަރު 2018 ގައެވެ. އެހެންކަމުން، ރޭގެ ބިންހެލުން އައުމާއެކު ރަށުގެ ގިނަ ބަޔަކު ވަނީ ރައްކާތެރި އުސް ހިސާބުތަކަށް ގޮސްފައެވެ. ބިންހެލުމުގައި މަރުވި މީހުން މަރުވެފައި ވަނީ މަޖޭނާ އަވަށާއި، އެ އަވަށުގެ ކައިރީގައި އޮންނަ މުމޫޖޫ އަވަށުންނެވެ.
ބިންހެލުމުގައި 300 އަށްވެރު ގިނަ ގެއާއި ދެ ހޮޓެލް ހަލާކުވެފައި ވާއިރު މަމޫޖޫ އަވަށުގެ ހޮސްޕިޓަލް ވަނީ ބިމާ ހަމަވެފައެވެ. އަދި ގަވަރުނަރުގެ އޮފީސްވެސް ވެއްޓިފައިވާ ކަމަށްވެއެވެ. މި ދެ އިމާރާތުގެ އަޑީގައި ގިނަ ބަޔަކު ވަނީ ތާށިވެފައެވެ.  
އިންޑޮނޭޝިޔާގެ މީޓިއޮރޮލޮޖީ އެންޑް ޖިއޯފިޒިކްސް އެޖެންސީ (ބީއެމްކޭޖީ) ގެ ވެރިޔާ ޑްވިކޮރީޓާ ކަރްނަވަތީ ވިދާޅުވި ގޮތުގައި ސުނާމީގެ އިންޒާރެއް ނެރެފައި ނުވި ނަމަވެސް، ބިންހެލުމަށް ފަހުން އަންނަ ލޮޅުންތަކުގެ ތެރޭގައި ބާރުގަދަ ލޮޅުމެއް އަތުވެއްޖެނަމަ ސުނާމީއެއް އެރުން އެކަށީގެންވާ ކަމެކެވެ.
2004 ވަނަ އަހަރުގެ ޑިސެންބަރު މަހު 26 ވަނަ ދުވަހު އިންޑޮނޭޝިޔާގެ ސުމްޓްރާ ޖަޒީރާގެ ބޭރުން ކަނޑަށް އައި 9.1 މެންގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމާއި ގުޅިގެން އައި ބިޔަ ސުނާމީގައި އިންޑިޔާ ކަނޑުގެ އައްސޭރި ފަށުގެ ރަށްތަކުން 2 ލައްކަ 30 ހާސް މީހުން މަރުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ