އިންކަމް ސަޕޯޓުގެ ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް 60 މިލިއަނެއްހާ ރުފިޔާ ދޫކޮށްފި

ފަތުރުވެރިކަމުގެ ސިނާޔަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެކަނިވެސް އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 60 މިލިއަނެއްހާ ރުފިޔާ ދޫކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ސަރުކާރުން އަންނަނީ އާމްދަނީއަށް ނުރަނގަޅު އަސަރުކުރި މީހުންނަށް އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި މަހަކު 5000 ރުފިޔާ ދެމުންނެވެ.
ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވީ، މިހާތަނަށް ޚިދުމަތް އަލުން ފަށާފައިވާ ހުރިހާ ސަފާރީ އުޅަނދުތަކާއި ގެސްޓް ހައުސްތަކާއި ރިސޯޓްތައް ހިންގަމުން އަންނަނީ މަދު މުވައްޒަފުންތަކާއެކު ނަމަވެސް ވަރަށް ބޮޑު ގެއްލުމެއްގައިކަމަށެވެ. އެއީ ފަތުރުވެރިކަމުގެ އިންޑަސްޓްރީން ވަމުން އަންނަ ބޮޑު ގުރުބާނިއެއްގެ ގޮތުގައި ސިފަކުރައްވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތަށް ސަރުކާރުން ވެދެވެން އޮތް އެހީތެރިކަމެއް ވަމުން އަންނަކަމަށާއި، އެގޮތުން މިސިނާއަތުގެ ވަރަށް ގިނަ ބައެއްގެ ވަޒީފާ ގެއްލި އާމްދަނީއަށް ނުރަގަޅު އަސަރުކޮށްފައިވުމުން އޭގެ ތެރެއިން ވަރށް ގިނަ ޢަދަދެއްގެ ބަޔަކަށް އިންކަމް ސަޕޯޓް އެލަވެންސް ދެވިފައިވާކަމަށެވެ. އެގޮތުން 60 މިލިއަނާއި ގާތްކުރާ ޢަދަދަކަށް އެލަވެންސް ދޫކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"60 މިލިއަނާއި ގާތްކުރާ ޢަދަދަކަށް ޓޫރިޒަމް އިންޑަސްޓްރީގެ މުވައްޒަފުންނަށް އިންކަމް ސަޕޯޓް އެލަވެންސް ދެވިއްޖެ. އެހެންނަމަވެސް އެދުނު ހުރިހާ ބޭފުޅުންނަކަށް ނޫން. ޝަރުތު ހަމަވާ ބޭފުޅުންނަށް އެދެވުނީ. އުއްމީދު ކުރަނީ އިންކަމް ސަޕޯޓް ބައި ކެނޑޭވަރަށް ވަޒިފާގެ ކަންކަން ހަމަޖެހިގެން ދާނެކަމަށް." މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަމުގައި ޚިދުމަތަށް މިހާތަނަށް ނުހުޅުވި ވަނީ މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ކަމަށާއި، މިހާރު މިވަގުތު ސިނާއަތުގައި އެންމެ އިސް ބަހެއް ކިޔާބަޔަކީ ސިއްޙީ ޚިދުމަތްތެރިންކަމަށެވެ. އެހެންކަމުން އެޗްޕީއޭއާއި ޓެގް ޓީމްގެ އެހީތެރިކަމާއެކު މަސައްކަތް ކުރަނީ އަންނަ ނޮވެމްބަރު މަހު މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއިރުން މުޅި ސިނާއަތް ހުޅުވާލެވުނީކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މުޅި ސިނާއަތް ހުޅުވާލެވުމުން މުޅި ސިނާއަތަށް ހެޔޮ ބަދަލެއް އަންނާނެކަމަށާއި އުއްމީދަކީ ވިހާވެސް އަވަހަށް ހުރިހާ ތަނެއްވެސް ފައިދާގައި ހިންގަންފެށުން ކަމަށެވެ. އެކަމުގެ ސަބަބުން މުވައްޒަފުންގެ އާމްދަނިއަށްވެސް ހެޔޮ ބަދަލެއް އަންނާނެކަމުގައި މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 9989 މީހަކަށް މިހާތަނަށް ޖުމްލަ 106 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމުގައި ސަރުކާރުން ހާމަކުރައްވާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ