ގައުމަށް ގައްދާރުވެ މިނިވަންކަން ނަގާލަން ފުރުސަތުދީގެން ނުވާނެ: އުމަރު
ގައުމަށް ގައްދާރުވެ، މިނިވަންކަން ނަގާލުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދިނުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ގޮވާލައްވައިފި އެވެ. ހުރަވީ ދުވަސް ފާހަގަކުރަން ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ދޮން ބަންޑާރައިންގެ ޖިހާދުން ފިލާވަޅުތައް ހިއްސާކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ މަލާބާރީންގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ދިޔައީ ގައުމަށް ގައްދާރުވި ދެ ދިވެހިންނާ ހެދި ކަމަށެވެ. އެއީ ދިވެހިން އިބުރަތް ހާސިލްކުރަން ޖެހޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.މިނިސްޓަރު ވިދާޅުވި ގޮތުގައި އުފެދޭ ހިޔާލު ތަފާތުވުންތަކަކީ އެހެން މީހުންނަށް ދައުވަތުދީ، ގައުމުގެ މިނިވަންކަމަށް އަރަިގަތުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމެއް ނޫނެވެ. ދޮން ބަންޑާރަ އިން މިސާލަކަށް ނަގައި، އެންމެން ވެސް ގައުމަށް ތެދުވެރިވާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ."އަޅުގަނޑުމެންގެ ތެރޭގައި ހުންނަ ހިޔާލު ތަފާތުވުން އެއީ އެހެން މީހުންނަށް ދައުވަތު ދޭން ނުޖެހޭ ކަމެއް ކަން އަޅުގަނޑުމެން ހަނދާނަށް ގެންނަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.މަލާބާރީންގެ ހަމަލާތަކާއި ތަންތަނުގައި ހުޅުޖަހައި ރޯކޮށްލުމުގެ ސަބަބުން އެތައް ދިވެހިންނެއް ޝަހީދުވެ ގެއްލުންތައް ލިބުނުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އޭރު ވެރިއަކަށް ހުންނެވި ރަސްގެފާނު ވެސް ހައްޔަރުކުރި ކަމަށެވެ. އެފަދަ ނުރައްކާތެރި ދަނޑިވަޅުގައި، ރާއްޖޭގެ ދިފާއުގައި ތެދުވެވަޑައިގަންނާވާނީ ކޮން ބޭފުޅުންނެއްތޯ ރައްޔިތުން ސުވާލު އުފެއްދި ކަމަށް ވިދާޅުވި އެވެ.މަލާބާރީންގެ ވެރިކަމަށް ތިން މަސް ފުރިފައި ވަނިކޮށް ރާއްޖެ ސަލާމަތްކުރަން ތެދުވެވަޑައިގަތީ ދޮން ބަންޑާރައިން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މަލާބާރީން ތިބި މަރުކަޒަށް ދަންވަރުގެ ވަގުތެއްގައި ހަމަލާދީނީ، ދޮން ބަންޑާރައިންނާއި އެ މަނިކުފާނާ އެކު މަސައްކަތް ކުރެއްވި 200އެއްހާ ދިވެހިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ."ދިވެހިންގެ ތެރެއިން ބައެއްގެ ގައިގައި އެފަދަ ހިތްވަރެއް ހުރެ، އެ މީހުންގެ ގައުމު ސަލާމަތްކުރުމަށް ނުކުމެ އެ މީހުންގެ ފުރާނަ ދިޔަސް ހެޔޮކަމަށް އެ މީހުން ހަނގުރާމަކުރީ ކީއްވެގެންތޯ އަޅުގަނޑުމެން ބަލައިލަން ޖެހޭ. ކޮންކޮން ސިފަތަކެއްތޯ ދޮން ބަނޑާރައިންގެ ގައިގައި ހުރީ؟" މިނިސްޓަރު ވިދާޅުވި އެވެ.އުމަރު ވިދާޅުވި ގޮތުގައި ދޮން ބަންޑާރައިންނަކީ ހިތްވަރު ގަދަ، ޖެހިލުންކުޑަ، އަދި ގައުމަށް ތެދުވެރި ބޭފުޅެކެވެ. މިހާރުގެ ޖީލުތަކުން ވެސް އެމަނިކުފާނުގެ ނަމޫނާ ބަލައިގަނެ ގައުމަށް ތެދުވެރިވުމަށް މިނިސްޓަރު އުމަރު ގޮވާލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ