ކޯލިޝަން ފުޅާވާ ވަރަކަށް ވެރިކަން ލިބުމުގެ ފުރުސަތު އެންމެ ބޮޑީ ރައީސް ވަހީދަށް: ގައުމީ އިއްތިހާދު ޕާޓީ

މި އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ވަހީދާ އެކު ކޯލިޝަން ހަދާ ޕާޓީތައް އިތުރުވަމުން އަންނައިރު އެ އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު އަދި އެންމެ ބޮޑީ ރައީސް ވަހީދަށް ކަމަށް އެ މަނިކުފާނުގެ ޕާޓީ ގައުމީ އިއްތިހާދުން މިއަދު ބުނެފި އެވެ.
ރައީސް ވަހީދާ އެކު ކޯލިޝަން ހަދަން ޑީއާރުޕީން މިއަދު ނިންމި ނިންމުމާ ގުޅޭ ގޮތުން ގައުމީ އިއްތިހާދު ޕާޓީގެ ފަރާތުން ވާހަކަ ދެއްކެވި މަސްއޫދު އިމާދު ވިދާޅުވީ މިހާރު ރައީސް ވަހީދާ އެކު ކޯލިޝަން ހަދަން ނިންމާފައި ވަނީ ޑީއާރުޕީ އާއި އަދާލަތު އަދި ގައުމީ ޕާޓީން ކަމުގައި ވިޔަސް ކޯލިޝަން އެއަށް ވުރެ ފުޅާވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"އަދި އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު އެންމެ ބޮޑީ މި ކޯލިޝަންގެ ކެންޑިޑޭޓް މުހަންމަދު ވަހީދު ހަސަން މަނިކަށް. މިހާރު މި ޖަމާއަތުގެ ޖުމްލަ މެމްބަރުންގެ އަދަދު 45،000 އަށް އަރާނެ. މިހާރު މަޝްވަރާ ކުރަމުންދާ އެހެން ޕާޓީތަކާ އެކު ގޮތެއް ނިމި ގުޅިއްޖެ ނަމަ އެ އަދަދު ގާތްގަނޑަކަށް 70،000 އަށް އަރާނެ. ދެން ނުކުމެ ކެމްޕޭން ކޮށްލާއިރު އިތުރުން 30،000 މީހުން ވާނެ. ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން މިވަގުތު އެންމެ ބޮޑީ އަޅުގަނޑުމެންގެ ޖަމާއަތް،" ރައީސް ވަހީދުގެ ޕާޓީގެ ކައުންސިލް މެމްބަރު މަސްއޫދު ވިދާޅުވި އެވެ.
މަސްއޫދު ވިދާޅުވީ ރައީސް ވަހީދާ އެކު ކޯލިޝަން ހަދަން ނިންމި ޕާޓީތަކާ އެކު އެއްވަނަ ނުވަތަ ދެވަނާގައި ކޯލިޝަން ހިމެނޭނެ ކަމަށެވެ. އަދި އިންތިހާބަށް ކުރިމަތިލާ އެންމެ ބޮޑު ޖަމާއަތަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ