ވަކި ގޮތެއް ކަނޑައަޅަންދެން ހަވީރު ވިއްކާލުން ހުއްޓާލުމަށް އަމުރު ނެރެފި
"ހަވީރު"ގެ މިލްކުވެރިކަމާ މެދު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ކޯޓުން ހުކުމެއް ކުރަންދެން ނުވަތަ ޝަރީއަތުން ވަކި ގޮތަކަށް ކަނޑައަޅަންދެން، ހަވީރުގެ މިލްކިއްޔާތު ވިއްކާލުމުގެ އެއްވެސް ކަމެއް ނުކުރުމަށް މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ."ހަވީރު ނޫސް އެޖެންސީ"ގެ ދަށުން ކުރާ ވިޔަފާރިތައް ވިއްކުން ހުއްޓުވައިދިނުމަށް އެދި ވަގުތީ އަމުރެއް ނެރެފައި މި ވަނީ ވަގުތީ އަމުރަކަށް ކޯޓުގައި އެދި ހަވީރުގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ހަވީރު ނޫސް އެޖެންސީގެ ކުރީގެ ދެ މުއައްސިސެއް ކަމަށްވާ އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަން ކުރާ ދައުވާއާ ގުޅިގެންނެވެ.މި ދެ ބޭފުޅުންގެ ދައުވާގައި ބުނެފައި ވަނީ ހަވީރު ނޫހާއި ޗާޕްހާނާ އާއި އެންމެހާ ވިޔަފާރި ހިންގަމުން އަންނަނީ ހަވީރުގެ ޗެއާމަން މުހައްމަދު ޒާހިރު ހުސެއިން އާއި އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު އަދި މުހައްމަދު ނައީމް ނަމަކަށް ކިޔާ މީހަކު އެއްވަރަށް ހިއްސާވާ ގޮތަށް 1 އޭޕްރީލް 1983 ވަނަ އަހަރު ގާއިމުކުރި އެއްބަސްވުމެއްގެ ދަށުން އުފެއްދި ހަވީރު ނޫސް އެޖެންސީގެ ދަށުން ކަމަށެވެ. އެ އެއްބަސްވުމުގައިވާ ގޮތުން ހަވީރުގެ މުދަލާއި ލިބޭ ފައިދާ ބަހަން ޖެހެނީ ހަތަރު މުއައްސިސުންގެ މެދުގައި އެއް ހަމައެއްގެ ދަށުން ކަމަށްވާ އިރު މިހާތަނާ ޖެހެންދެން ވެސް ހަވީރުގެ ވިޔަފާރި ކުރިއަށް ގެންގޮސްފައި ވަނީ އަނެއް ތިން ބޭފުޅުންނަށް އެއްވެސް އެންގުމަކާ ނުލައި އަދި އެއްވެސް ފައިދާއެއް ވެސް ނުލިބޭ ގޮތަށް ޒާހިރު ހުސައިން އަމިއްލަ އަށް ކަމަށެވެ.ދައުވާ ކުރާ ފަރާތުން ވަގުތީ އަމުރަކަށް އެދިފައި ވަނީ "ހަވީރު" ވިއްކާލުމުގެ ވާހަކަތަކެއް މީޑިއާގައި ފެތުރިފައިވާ ކަމަށް ބުނެއެވެ.ދައުވާ ލިބޭ ފަރާތުގެ ވަކީލް ހުސްނުއް ސުއޫދު އެންމެ ފަހުން އޮތް އަޑުއެހުމުގައި ވިދާޅުވެފައި ވަނީ "ހަވީރު" އާއި "ހަވީރު ނިއުސް އެޖެންސީ" އަކީ ވަކި ދޭއްޗެއް ކަމަށާއި އޭގައި އޮތީ ކޮން ގުޅުމެއްކަން ދައުވާ ކުރާ ފަރާތަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި "ހަވީރު" ވިއްކާލިޔަސް އަދި ވިއްކާ ނުލިޔަސް ދައުވާކުރާ ފަރާތަށް ލިބޭނެ އެއްވެސް ގެއްލުމެއް ނޯންނާނެ ކަމަށް ވަކީލް ވިދާޅުވެފައިވެ އެވެ.ނަމަވެސް މިއަދު ނެރުނު އަމުރުގައި ބުނެފައި ވަނީ ޒާހިރު ހުސައިންގެ ފަރާތުން ްފާހަގަކޮށްފައިވާ ކަންކަމަކީ "މައުޟޫއީ ގޮތުން ބެލިގެންދާނެ ކަމަކަށް ވާތީ" ހުކުމެއް ކުރުމުގެ ކުރިން ހަވީރު ނޫހާއި އެ ތަނުގެ މުދާތައް އެހެން ފަރާތަކަށް ވިއްކާލައިފި ނަމަ ދައުވާކޮށްފައިވާ ދެ ފަރާތަށް އިޔާދަނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.މި މައްސަލާގައި އިތުރު އަޑުއެހުމެއް އޮންނާނެ ދުވަހެއް މިއަދު ޝަރީއަތުން އިއުލާނެއް ނުކުރައްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ