ދަރިވަރުން ހޯދާ ނަތީޖާއަށް ސްކޫލުން ޒިންމާވުމުގެ ސަގާފަތެއް އަށަގަންނުވަން ޖެހޭ: މިނިސްޓަރު

ތައުލީމީ ގޮތުން ކުރިއަށް ނުދެވޭ ދަރިވަރުންނަށް ވެސް އެ ކުދިންގެ ހުނަރު ތަރައްގީކޮށް، ގައުމަށް ހިދުމަތްތެރި މީހަކަށް ވެވޭނެ މަގު ސްކޫލުގެ ތެރެއިން ތަނަވަސް ވާން ޖެހޭނެ ކަމަށާއި އެކަން ކުރެވޭނީ ދަރިވަރުން ހޯދާ ނަތީޖާއަށް ސްކޫލުން ޒިންމާ ވުމުގެ ސަގާފަތެއް އަށަގަންނުވައިގެން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
މެލޭޝިޔާގެ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ މުއައްސަސާތަކުގެ މުވައްޒަފުން ތަމްރީނުކުރުމުގައި އިސްކޮށް އުޅުއްވާ ޕްރޮފެސަރ ޑރ. ބާލާއެސް ރާމިޔާ ރާއްޖެ ވަޑައިގެން، ސްކޫލުތަކުގެ ޕްރިންސިޕަލުންނަށް ބޭއްވި ވޯކްޝޮޕް ނިންމުމުގެ ގޮތުން ބުދަ ދުވަހުގެ ރޭ ހިރިޔާ ސްކޫލުގައި ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ތައުލީމުގެ ފެންވަރު ވަޒަންކޮށް، ދަރިވަރުން ހާސިލް ކުރާ ނަތީޖާ މަތިކުރާނެ އުކުޅުތަކާއި ހުނަރުތައް ދަސްކޮށް، އެކަމަށް ސްކޫލުތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ސްކޫލުތަކުގެ ޕްރިންސިޕަލުންނަށް ބޭއްވި ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ އެޑިއުކޭޝަން "ތައުލީމީ ހިޔާވައްސެއްގެ ތެރޭގައި ކޮންމެ ކުއްޖަކީވެސް މުހިއްމު ކުއްޖެއް. އަދި އެ ހިޔާވަހީގެ ތެރެއިން ކޮންމެ ކުއްޖަކުވެސް ނުކުންނަންޖެހޭނީ ހުނަރުވެރި ބޭނުންތެރި މީހެއްގެ ގޮތުގައި،" މިނިސްޓަރު ވިދާޅުވި އެވެ.
ގިނަ ސްކޫލުތަކެއްގެ ޕްރިންސިޕަލުންނާއި ޓީޗަރުން ބައިވެރިވި އެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ޒަމާނާ އެއްގޮތަށް ކިޔަވާދިނުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަންޖެހޭކަން ގަބޫލު ކުރައްވާ ކަމަށާއި އެގޮތުގެމަތިން ތައުލީމީ ދާއިރާއަށް ގިނަ ބަދަލުތަކެއް ގެންނަމުން އަންނަ ކަމަށެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ބަދަލަކަށް މިނިސްޓަރު ފާހަގަ ކުރެއްވީ އަލަށް އެކުލަވާލާ ގައުމީ މަންހަޖަށް އަންނަ އަހަރު އަމަލު ކުރަން ފެށުމެވެ.
އޭނާ ވިދާޅުވީ އާ މަންހަޖު ވުޖޫދަށް އަންނައިރު އެންމެ މުހިއްމު ދައުރެއް އަދާކުރާނެ ބަޔަކީ ޓީޗަރުންނާއި ސްކޫލްތަކުގެ އިސްވެރިން ކަމަށާއި އެހެންވެ އެ ފަރާތްތަކަށް ދޭން ޖެހޭ ތަމްރީނު މިހާރު ދެމުން އަންނަ ކަމަށެވެ.
ސްކޫލް އިމްޕްރޫވްމެންޓް ޕްލޭންގެ ނަމުގައި ހަފުތާއެއް ވަންދެން ކުރިއަށް ގެންދިޔަ އެ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވި 162 މީހުންނަށް ރޭ ވަނީ ހަނދާނީ ލިޔުންދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ