މަޖިލިސް ރައީސް ވަކިކުރުމަށް ވޯޓު ދިނުމަށް ހުޅުދޫ މެމްބަރު ޝާޑްއަށް ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމު ވޯޓު މާދަމާ ނަގާ އިރު މަސީހު ވަކި ކުރުމަށް ވޯޓު ދިނުމަށް ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑް)އަށް އެމްޑީޕީ ހުޅުދޫ ދާއިރާއިން ގޮވާލައިފިއެވެ.
އެމްޑީޕީ ހުޅުދޫ ދާއިރާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ މިނިިވަންކަމާއި، ދިވެހިންގެ ބިންތަކާއި ފަޅުތަކާއި ޤައުމިއްޔަތާއި އިސްލާމްދީނުގެ ދިފާޢުގައި ކެރިގެން ނިކުމެވަޑައިގެން ދިވެހިންގެ ޙައްޤުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު އެ މަޤާމުން ދުރުކޮށް ހެޔޮވެރިކަމެއް ބިނާކުރުމަށް ފުރުޞާތު ހޯދައިދިނުމަށް ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދަށް އިޙްތިރާމާއެކު ގޮވާލާކަމަށެވެ.
އެގޮތުން މާދަމާ ނެގޭ ވޯޓަކީ މުޅި ރާއްޖެ އެކަމުގެ މަައްޗަށް ނަޒަރު ހުއްޓިފައިވާ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މުސްތަޤްބަލް ހެޔޮގޮތުގައި ބިނާކުރުމަށް ލިބޭ އާ ފުރުޞަތެކަމަށެވެ. އަދި މިފަދަ ތާރީޚީ ވަގުތެއްގައި ހުޅުދޫގެ ރައްޔިތުން އެދެނީ ރައްޔިތުންގެ ފަޅީގައި، އިސްލާޙާއި ޑިމޮކްރަސީގެ ފަޅީގައި ތިބުމަށްކަމަށެވެ.
ހުޅުދޫ ރައްޔިތުންވަނީ 'ތަރައްޤީ ޔަގީން' ކުރުމަށް ފުރުޞަތު ދީފައި ކަމަށާޢި ނަމަވެސް 3 އަހަރު ފާއިތުވެގެންދާއިިރުވެސް ރަށުގެ ތަރައްޤީއަށް މަސައްކަތްތައް ކުރެވިފައިނުވާކަން ހިތާމައާއެކު ފާހަގަކުރާކަމަށް ނޫސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ނޫސް ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަން:
• ހުޅުދޫ ބަނދަރު ސަަރަޙައްދު ހިއްކާފައިނުވޭ
• ފެނުގެ ޚިދުމަތް ނުދެވޭ
• ނަރުދަމާ 3 މަސްދުވަސް ތެރޭގައި އަޅައި ނިންމާނެ ކަމަށް 2014 ވަނަ އަހަރު އިއުލާން ކުރިނަމަވެސް އެކަމެއް ނުވޭ.
• އެމްޑީޕީ ސަރުކާރުގައި މަގު ހެދުން އިފްތިތާޙްކުރިނަމަވެސް މިހާރު މަގު ހެދުން ހުއްޓިފައި
• 2012 ވަނަ އަހަރު ހުޅުދޫ މިސްކިތް އެޅުމަށް ބަޖެޓު ކުރިނަމަވެސް އެކަން ހުއްޓިފައި
• 2012 ވަނަ އަހަރު ހުޅުދޫ ސްކޫލްގައި 15 ކްލާސްރޫމް އެޅުމަށް ބަޖެޓު ކުރިނަމަވެސް އެކަން ހުއްޓިފައި
• މަސްވެރިންނަށް ދޭން ވައުދުވި 10،000 ރުފިޔާ ނުދޭ. ބަދަލުގައި މަސްވެރިން އަތުން ފައިސާ ނަގަނީ
• ދަނޑުވެރިންނަށް ދޭން ވައުދުވި 8،000 ރުފިޔާ ނުދޭ
• އެމްޑީޕީ ސަރުކާރުގައި ހުޅުމީދޫގައި ބެހެއްޓި 2 ޖެނެރޭޓަރު މިހާރަކު ނެތް. މައި ސަރުކާރުން އަނބުރާ ގެންގޮސްފި.
ހުޅުދޫގެ ތަރައްޤީގެ މަސައްކަތުގައި ސަރުކާރުން އިހުމާލުވެފައިވާކަމަށާއި އައްޑޫ ސިޓީ ކައުންސިލްގެ ބާރު ކަނޑުވާލައި، އިހު އޮތްގޮތަށް އައްޑޫގެ ތަރައްޤީގެ ކަންކަން ނިންމަނީ މާލޭގައި ހުންނަ މިނިސްޓަރެއް ކަމަށެވެ. އަދި އައްޑޫ ރައްޔިތުންގެ އަބަދުވެސް އުންމީދަކީ ލާމަރުކަޒީ އުސޫލުން އައްޑޫ ސިޓީ ކައުންސިލަށް ބާރު ލިބި، އައްޑޫ ސިޓީގެ އިހްތިޞާސްގައިވާ ބިންބިމާއި، ފަޅުތަކާއި ރަށްތަކުން ލިބޭ މާލީ ފައިދާ ސީދާ އައްޑޫ ސިޓީ ކައުންސިލަށް ލިބުމަށް ކަމަށް ބަޔާނުގައިވެއެވެ.
ފާއިތުވީ 3 އަހަރު ތެރޭގައި އަބްދުﷲ މަސީހްގެ ރިޔާސަތުގެ ދަށުން، މުޅި ލާމަރުކަޒީ ޤާނޫނުގެ ބާރު ކަނޑުވާލައި އައްޑޫ ސިޓީ ކައުންސިލަކީ މާލޭގައި ހުންނަ ހައުސިން މިނިސްޓްރީގެ ޑެސްކަކަށް ހަދާލައި އައްޑޫ ރައްޔިތުންގެ ބާރު ކަނޑުވާލާފައިވާ ކަމަށް އެމްޑީޕީ ހުޅުދޫ ދާއިރާގެ ނޫސް ބަޔާނުގައި ވެއެވެ.
އެހެންކަމުން ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށް މަގުފަހިވާނެ ގޮތަކަށް ދިވެހިރާއްޖޭގެ ސިޔާސީ ކަންކަން ބައްޓަން ކުރުމަށާއި އެގޮތުން ހުޅުދު ރައްޔިތުންނަށާއި މުޅި އައްޑޫއަށް ލިބޭނެ މަންފާއަށް ވިސްނާފައި މި ވަގުތަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހަޤީޤީ ބާރު މިނިވަންކަމާއެކު ބޭނުންކޮށް ރައްޔިތުންގެ ޙައްޤުތައް ދިފާޢު ކުރުމަށް ލިބޭ މުއްހިމު ދަނޑިވަޅަކަށްވާހިނދު، ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދުގެ ވޯޓު ރައްޔިތުންނާ އެއްކޮޅަށް، މަޖިލިސް ރައީސް ވަކިކުރުމަށް ވޯޓު ދިނުމަށް ވަނީ ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ