ސަރުކާރުން ޖުމުހޫރީޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ހައްޔަރު ކުރުމުގެ އެއްބޭނުމަކީ ލޯކަލް ކައުސިލް އިންތިޚާބަށް ނުފޫޒު ފޯރުވުން ކަމުގައި ޖުމުހޫރީޕާޓީގެ ޤައުމީ ހިންގާ ކޮމެޓީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޑރ އަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
"ޖުމުހޫރީ ޕާޓީން ރައްޔިތުންނާއި ގާތަށް"ގެ ދަށުން ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅޭގޮތުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ޑރ އަބުދުﷲ މައުސޫމް ވިދާޅުވީ، ގާސިމް އިބުރާހިމް ހައްޔަރު ކުރުމުގައި ސަރުކާރުގެ އެއް ބޭނުމަކީ ލޯކަލް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުން ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައެވެ. މިގޮތުން ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭންތައް ކުރިޔަށް ގެންދިޔުމުގައި ދިމާވި ދަތިތައް ޑރ މައުސޫމް ފާހަގަކުރެއްވިއެވެ.
"ކެމްޕޭން ކިތަށް ދަތުރުތޯ އަޅުގަނޑުމެން ކެންސަލް ކޮށްލަން ޖެހުނީ. މުޅިން މިކަމުގެ ތެރޭގައި މާލޭގައި ނޫންތޯ އަޅުގަނޑުމެން މިއުޅެން ޖެހުނީ" ގާސިމް އިބުރާހިމް ފުލުހުންގެ އިދާރާއަށް ހާޟިރު ކުރުމާއި ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައިވުން ފާހަގަ ކުރައްވައި ޑރ އަބުދުﷲ މައުސޫމް ވިދާޅުވިއެވެ.
ގާސިމް އިބުރާހިމް ތަކުރާރުކޮށް ފުލުހުންގެ އިދާރާއަށް ހާޟިރު ކުރުމާއި އަދި ދެފަހަރެއްގެ މަތިން ހައްޔަރު ކުރުމާއި އަދި މިހާރުވެސް ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައި ވުމުން ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ވަގުތު ހޭދަކުރުމަށްވުރެ ބޮޑަށް ޖުމުހޫރީ ޕާޓީގެ އިސްސަފުގައި ތިއްބެވި ބޭފުޅުންނާއި އެމަނިކުފާނުގެ ސަޕޯޓަރުން މަސައްކަތްކުރައްވަން ޖެހިފައި އޮތީ އެމަނިކުފާނު މިނިވަން ކުރުމަށް މަސައްކަތް ކުރުމަށެވެ.
މިޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން ޖުމުހޫރީ ޕާޓީގެ ޤައުމީ ހިންގާ ކޮމެޓީގެ މެމްބަރު ހުސައިން ޒާމިރު ވިދާޅުވީ، ޤާސިމް އިބުރާހިމްގެ ބަންދުގެ މުއްދަތުޖެހުމަށް ޝަރީއަތުގެ މަޖިލީހެއް ބޭއްވުމަށް މާދަމާއަށް ތާވަލުކުރީވެސް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކަމުގައެވެ.
"މާދަމާގެ 6 ޖަހާއިރަށް ކެމްޕޭން ކުރުމުގެ ވަގުތު ހަމަވާއިރު، މާދަމާ ހަވީރަށް ބަންދުގެ މުއްދަތު އިތުރު ކުރުމުގެ ޝަރީއަތުގެ މަޖިލީހެއް އެވަނީ ތާވަލުކޮށްފައި." ޒާމިރު ވިދާޅުވިއެވެ.
ޒާމިރު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން މާދަމާ އިރުއޮއްސި 6 ޖެހުމާއި ހަމައިން ބަންދުވާއިރު، ހަވީރު 4:30 އަށް މުއްދަތު މަޖިލީހެއް ބޭއްވުމަށް ތާވަލުކުރީ، ކެމްޕޭންގެ އެންމެ ފަހު ވަގުތު އިދިކޮޅު ފަރާތްތަކަށް ކެމްޕޭންކުރުމަށް ދަތިކޮށް ފުރުޞަތު ކުޑަކުރުމަށް ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައެވެ.
ޤާސިމް އިބުރާހިމްގެ ބަންދަށް އޭޕްރީލް 22، 2017 ގައި ކުރިމިނަލްކޯޓުން ޖަހައިދީފައިވާ ފަނަރަ ދުވަހުގެ ބަންދުގެ މުއްދަތު ހަމަވާނީ، ހޮނިހިރު ދުވަހުގެ ހަވީރަށެވެ. އާއްމުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން ކޯޓަށް ދަނީ ބަންދުގެ މުއްދަތުގެ އެންމެ ފަހު ދުވަހުގައި ނަމަވެސް، ހުކުރު ދުވަހު ބަންދުގެ މުއްދަތު އިތުރުކުރުމަށް ގާސިމް ކޯޓަށް ހާޟިރު ކުރަނީ، ކެމްޕޭންގެ އެންމެ ފަހު ވަގުތުކޮޅު ޖުމުހޫރީޕާޓީއަށް އެކަށީގެންވާ ގޮތެއްގައި ބޭނުން ނުހިފޭނެ ގޮތް ހެދުމަށް ކަމުގައި ދެކޭކަމުގައި ޖުމުހޫރީޕާޓީން ވަނީ ބުނެފައެވެ.
ގާސިމް ހައްޔަރުކުރީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް: ޑރ މައުސޫމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ