ނުރައްކާތެރި މީހެއް ކަމަށް ފުލުހުން އާންމުކޮށްފައިވާ އިބްރާހިމް ޝަހުމް އާދަމް ބަންދުން ދޫކޮށްލުމަށް މިދިޔަ އަހަރުގެ ފެބްރުއަރީގައި ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ހައި ކޯޓުން އެގޮތަށް ހުކުމްކޮށްފައިވަނީ މަރުގެ މައްސަލައެއްގެ ތަހުގީގަށް ޝަހުމް ބަންދުކޮށްފައި ވަނިކޮށް ހެލްތު މިނިސްޓަރު ޒިންމާދާރު ކުރުވުމަށް ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އޭނާ ދޫކޮށްލަން ނެރެއްވި އަމުރު ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ.
ހުކުމް އިއްވަވަމުން ހައި ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފް ވިދާޅުވީ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމުގައި އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ ކުޑަ ބޮޑުމިނަށާއި އެކަމުގައި ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ފަނޑިޔާރު ބަލަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ފަރާތުން މުޖްތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ނަމަ ނުވަތަ ފިލާފާނެ ކަމަށް ބެލެވޭ ނަމަ އެމީހަކު ބަންދުގައި ބަހައްޓަން އަމުރު ކުރެވޭނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
އިސް ފަނޑިޔާރު ވިދާޅުވީ އޭރު ޝަހުމް ހައްޔަރުކޮށްފައިވަނީ މަރުގެ މައްސަލައެއްގެ ތުހުމަތުގައި ކަމަށާއި އަދި އޭނާ ހައްޔަރުކުރީ ވެސް ފިލައިގެން އުޅެނިކޮށް ކަމަށް ދައުލަތުން ހައި ކޯޓުގައި ބުނެފައިވާ ކަމަށެވެ. އަދި ހެލްތު މިނިސްޓަރު އައިމިނަތު ޖަމީލް ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ނުޖެހޭނެ ކަމަށް ހައި ކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
އެހެންކަމުން ޝަހުމް ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފު އަމުރެއް ކަމަށް ހައި ކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރާ ކަމަށް ފަނޑިޔާރު ޝަރީފް ވިދާޅުވި އެވެ.
ހައި ކޯޓުން ކުރި ހުކުމުގައި އެއްވެސް މުއްދަތަކަށް ފުލުހުންގެ ބަންދުގައި ޝަހުމް ބަހައްޓަން އަމުރުކޮށްފައެއް ނުވެ އެވެ. އެގޮތަށް އަމުރު ނުކުރި ނަމަވެސް ޝަހުމް މިހާރު ހުރީ ފުލުހުންގެ ބަންދުގަ އެވެ. އަދި އޭނާގެ ޝަރީއަތްތައް އޮންނަ ދުވަސް ދުވަހު ކޯޓަށް ހާޒިރުކޮށް ކޯޓުން ގެންދަނީ ވެސް ފުލުހުންގެ ބެލުމުގެ ދަށުންނެވެ.
އޭރު ޝަހުމް ބަންދުކޮށްފައިވަނީ މާޒިޔާ ދަނޑު ކައިރީގައި ހިންގި މާރާމާރީއެއްގައި މ. ބިއުޓީފްލާވާ، މުހައްމަދު ހުސައިން މަރާލި މައްސަލައިގެ ތުހުމަތުގަ އެވެ. އެ މައްސަލައިގައި ޝަހުމް ހައްޔަރުކޮށްފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ފިލައިގެން އުޅެނިކޮށެވެ. ހަ މަހަށް ވުރެ ގިނަ ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު އޭނާ ދޫކޮށްލިތާ މާ ގިނަ ދުވަހެއް ނުވެ ސ. ހިތަދޫ ވަރުދީގެ އަހުސަން ބަޝީރު މަރާލުމުގައި ޝަހުމް ބައިވެރިވި ކަމަށް ވަނީ ދައުވާ އުފުލާފަ އެވެ. އެ ޝަރީއަތް މިހާރު ދަނީ ކުރިއަށެވެ.
ބަންދުގައި ހުރި ޝަހުމް ދޫކޮށްލަން އަމުރުކުރީ ހެލްތު މިނިސްޓްރީން ލިބެން ޖެހޭ މަރުވި ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓް ނުލިބި ގިނަ ދުވަސްތަކެއް ވުމުން ތަހުގީގު ނިމިފައި ނުވާތީ ކަމަށް ބުނެ އެވެ.
ޝަހުމް ބަންދުން ދޫކޮށްލަން އަމުރު ކުރައްވަމުން ގާޒީ އަބްދުﷲ މުހައްމަދު އޭރު ވިދާޅުވެފައިވަނީ ހެލްތު މިނިސްޓްރީން ލިޔުމެއް ނުލިބިގެން މީހަކު ބަންދުގައި ނުބެހެއްޓޭނެ ކަމަށާއި މުޖްތަމައުގެ ހައްގު އޮންނަ ފަދައިން ކުށުގެ ތުހުމަތުގައިވާ މީހުންނަށް ވެސް ގާނޫނު އަސާސީން ހައްގުތަކެއް ލިބިގެންވާ ކަމަށެވެ.
''އައިމިނަތު ޖަމީލް ޒިންމާދާރު ކުރުވަން މީނާ ދޫކޮށްލަނީ އިނގޭތޯ؟ '' އަމުރު ނެރުއްވަމުން އިސް ގާޒީ ވިދާޅުވެފައިވެ އެވެ.
ޝަހުމް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ ގާނޫނާ ހިލާފަށް: ހައި ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ