އެމްޑީޕީގެ ނުރައްކަލުން އަދި ސަލާމަތް ނުވާ ކަމަށާއި އެ ޕާޓީ ބަލިކުރެވޭނީ އެ ޕާޓީ އަށް ވުރެ ނުލަފާވެގެން ކަމަށް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.
އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި އޭނާ ވަނީ އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
"އެ މީހުން [އެމްޑީޕީން] ގެންދަނީ ވަރަށް ރަނގަޅަށް އިންތިޒާމްކުރަމުން. އެ މީހުންނަކީ 24 ގަޑިއިރު ހަމައިގައި ނުތިބި ނަމަވެސް ދޮގު ހެދުމާއި މަކަރު ހެދުމާ އޮޅުވާލުމުގައި ޕީއެޗްޑީ ނަންގަވައިގެން ތިއްބެވި ބޭފުޅުން. ގެންދަވަނީ ރަށްރަށަށް ވަޑައިގެން އެކި ވައްތަރު ވައުދުތަކާ އެއްޗެތި ވަމުން،" އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އެމްޑީޕީގެ ނުލަފާ ކަމާ އާދައިގެ ބަޔަކަށް ކުރިމަތިނުލެވޭނެ ކަމަށާއި އެމްޑީޕީގެ ފަރާތުން ކުރިޔަށް އޮތްތަނުގައި ދިމާވެދާނެ ނުރައްކަލަކަށް ވިސްނަން ޖެހޭ ކަމަށެވެ.
"މިދެންނެވި ނުރައްކަލުން ކުރިޔަށް ޖެހި ކުރީ ސަފުން ލީޑްކުރާނެ ލީޑާޝިޕެއް އެބަ ބޭނުންވޭ މި ގައުމަށް އަދި މި ޕާޓީ އަށް ވެސް. މިހާ ހިސާބަށް ވެސް ކުރީ ސަފުން ލީޑާޝިޕް ދައްކާފައިވާނީ އަޅުގަނޑުމެންގެ ޓީމުން،" އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އެމްޑީޕީ ބަލިކުރެވޭނީ ކުރީ ސަފުން ލީޑާޝިޕް ދެއްކޭ ބަޔަކަށް ކަމަށް ކަމަށާއި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެކަމެއް ނުފެންނަ ކަމަށް ވިދާޅުވި އެވެ.
"އެމްޑީޕީ އަތުން މި ގައުމު ސަލާމަތްކުރީ ވެސް އަޅުގަނޑުމެންގެ ލީޑާޝިޕްގައި. އެމްޑީޕީ އަތަށް މިގައުމު ދިޔަ ނުދީ ހިފަހައްޓާނީ ވެސް އަޅުގަނޑުގެ ލީޑާޝިޕްގައި،" އުމަރު ވިދާޅުވި އެވެ. "އެ މީހުން ބަލިކުރެވޭނީ އެ މީހުންނަށް ވުރެ މުރާލިވެގެން. އެ މީހުންނަށް ވުރެ އިންތިޒާމްތައް އަޅުގަނޑުމެން ވަރުގަދަކޮށްގެން. އަޅުގަނޑުމެންނަށް އެމްޑީޕީ ބަލިކުރެވޭނީ އެމްޑީޕީ މިނާ ނާޅިން މިނެގެން. އަޅުގަނޑުމެން އެ މީހުން ބަލިކުރީ ވެސް އެ މީހުން މިނާ ނާޅިން މިނެގެން."
އޭނާ ވިދާޅުވީ އާދައިގެ "މައުދަންތަކަކަށް" އަދި އާދައިގެ "ލީޑާޝިޕަކަށް" އެމްޑީޕީ ބަލިނުކުރެވޭނެ ކަމަށެވެ.
ސަރުކާރުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި އިލްޔާސް އިބްރާހިމާ އެކު މަޝްވަރާތަކެއް ކުރައްވަމުން ގެންދަވާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށް ދައުވަތު ދެއްވި ނަމަވެސް އޭނާ އެކަން ގަބޫލުނުކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިލްޔާސް އަށް ދެއްވި ދައުވާތާ ގުޅިގެން ވަރަށް ފުންކޮށް ވިސްނަވައި އަދި ވަރަށް ގިނަ ބޭފުޅުން އެކަމަށް ހިތްވަރު ވެސް ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަމަވެސް އެތައް ސަބަބުތަކަށްޓަކައި އެމަނިކުފާނު ފަހަތަށް ޖެހިވަޑައިގެން މި ގައުމީ ވާޖިބު އަދާކުރުމަށް އަޅުގަނޑު ތެދުވުމަށް އެމަނިކުފާނު ހިތްވަރު ދެއްވި. އަދި ރާއްޖެ އަށް މިފަހަރު މި ގެނެވުނު ސިޔާސީ ބަދަލު ލީޑްކުރި މީހެއްގެ ހައިސިއްޔަތުން އަދި އެއްފަހަރު ކުރިއަށް ޖެހި ޕީޕީއެމް ލީޑްކުރުމަށް [އިލްޔާސް] އެދިވަޑައިގެންނެވި،" އުމަރު ވިދާޅުވި އެވެ.
ވަރަށް ޖޯޝާއެކު ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ "އެހެންކަމުން ﷲގެ ހަޒުރަތުން ވާގި އެދޭ ހާލު މުހައްމަދު ނަޝީދުގެ ލާދީނީ ފިކުރު މި ގައުމަށް އެނބުރި އަޔަނުދީ ޕީޕީއެމް މި ގައުމުގެ ވެރިކަމަށް ގެނައުމުގެ ގައުމީ ވާޖިބު އަދާކުރުމަށް ތެދުވުމަށް އަޅުގަނޑު ނިންމައިފިން" ކަމަށެވެ.
އުމަރު ވިދާޅުވީ އިލްޔާސް ވަނީ އޭނާއެކު ހުންނެވި ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށެވެ.
އުމަރުގެ އެހެން ޖަލްސާތަކަށް އިލްޔާސް ވަޑައިގެންނެވި ނަމަވެސް ރޭގެ ޖަލްސާ އަށް އޭނާ ވަޑައިއެއްނުގަންނަވަ އެވެ.
"އަޅުގަނޑު ވަނީ އަޅުގަނޑުގެ ރަނިން މޭޓަކު ވެސް އިހުތިޔާރުކޮށްފައި. ނަމަވެސް ޕާޓީގެ ގަވައިދު އޮތް ގޮތުން ޕްރައިމަރީ އިންތިހާބު ނިމުމުގެ ކުރިން ރަނިންމޭޓް އިއުލާންކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ޕާޓީގެ ރައީސް އަޅުގަނޑަށް އިޝާރާތްކުރައްވާފައިވާތީ އަޅުގަނޑު އިހުތިޔާރުކުރި ރަނިންމޭޓް ނަން އަޅުގަނޑު ނުއެއް ދަންނަވާނަން،" އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އޭނާ އިހުތިޔާރުކުރެއްވި ރަނިންމޭޓަކީ ރާއްޖޭގެ އެންމެ ވަރުގަދަ އެއް ސިޔާސީ ތަޖުރިބާކާރު ކަމަށެވެ.
އުމަރުގެ އިތުރުން ޕީޕީއެމްގެ ޕްރައިމަރީގައި ދެން ވާދަކުރައްވަނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނެވެ.
އެމްޑީޕީ ބަލިކުރެވޭނީ އެމްޑީޕީ އަށް ވުރެ ނުލަފާވެގެން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ