މިދިޔަ އަހަރު އެންމެ ގިނަ މައްސަލަ ނިންމެވީ ގާޒީ ސަމީރު

މިދިޔަ އަހަރު ކްރިމިނަލް ކޯޓުގައި އެންމެ ގިނަ މައްސަލަ ނިންމެވި ގާޒީގެ ރެކޯޑް އެ ކޯޓުގެ ގާޒީ އަހުމަދު ސަމީރު އަބްދުލްއަޒީޒަށް ލިބިވަޑައިގެންފި އެވެ.
ރޭ ބޭއްވި ކްރިމިނަލް ކޯޓުގެ އަހަރީ ހަފުލާގައި ގާޒީ ސަމީރަށް ވަނީ އެކަމުގެ ހަނދާނީ ލިޔުން ދެއްވައިފަ އެވެ. އެ ކޯޓުގެ ހިސާބުތައް ދައްކާ ގޮތުން ގާޒީ ސަމީރު ވަނީ މިދިޔަ އަހަރު އެކަނި ވެސް 728 މައްސަލަ ނިންމައިފަ އެވެ. އަދި 2429 މީހެއްގެ ބަންދާ މެދު ވެސް ގާޒީ ސަމީރު ގޮތެއް ނިންމައިދެއްވާފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
އެންމެ ގިނަ މައްސަލަ ނިންމުމުގެ ރެކޯޑްގެ އިތުރުން ހާޒިރީ އާއި ގަޑި އަށް އެންމެ ރަނގަޅު ގާޒީއަކަށް ހޮވިވަޑައިގަތީ ވެސް ގާޒީ ސަމީރެވެ. ކުރިން ކުޑަކުދިންގެ ކޯޓުގައި ވެސް މަސައްކަތް ކުރެއްވި ގާޒީ ސަމީރަކީ ފާހަގަކުރެވޭ ބޮޑެތި މައްސަލަތަކެއް ކްރިމިނަލް ކޯޓުގައި ނިންމާފައިވާ ގާޒީއެކެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކް ހިންގި މ. ލޮނުމިދިލިގޭ އިބްރާހިމް ޝަފާޒް އަބްދުއްރައްޒާގާއި އޭނާގެ ބައިވެރިން ދިގު މުއްދަތުތަކަށް ޖަލަށްލުމަށް ހުކުމް ކުރެއްވުމުގެ އިތުރުން ވަކީލު އަހުމަދު ނަޖީބްގެ ދެ ގާތިލުން މެރުމަށް ހުކުމް ކުރެއްވީ ވެސް ސަމީރެވެ.
މީގެ އިތުރުން ރާއްޖެ އަށް ކަނޑުމަގުން އެތެރެކުރި 24 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ދައުވާކުރާ ދެ މީހުންގެ މައްސަލަ އާއި މިދިޔަ ޖޫން މަހު ކ. ތުލުސްދޫގައި މަރާލި އެރަށު ބިޖިލީ އުފާ އަލީ ޝިހާމްގެ މަރުގެ މައްސަލަ ވެސް މިހާރު ބައްލަވަނީ ގާޒީ ސަމީރެވެ.
ގާޒީ ސަމީރުގެ އިތުރުން އެ ކޯޓުގެ ގާނޫނީ މަސައްކަތުގައި އެހީތެރިވެފައިވާތީ އެ ކޯޓުގެ ގާޒީ އަބްދުﷲ ދީދީ އަށް ވެސް ރޭ ވަނީ އެކަމުގެ ހަނދާނީ ލިޔުން ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ