ގާސިމް ފުލުހަށް ހާޒިރުކޮށް، އޭނާގެ ފޮޓޯ އާއި އޯޑިއޯ ސާމްޕަލް ނަގައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ފުލުހަށް ހާޒިރުކޮށް ފޮޓޯ އާއި އޯޑިއޯ ސާމްޕަލް ފުލުހުން ނަގައިފި އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް މިދިޔަ ހަފުތާގައި މަޖިލީހުގައި ނެގި ވޯޓުގައި، މަސީހާ ދެކޮޅަށް ވޯޓު ދޭ ފަރާތްތަކަށް އިނާޔަތް ދެއްވާނެ ކަމަށް ގާސިމް ވިދާޅުވެފައިވާ މައްސަލައިގައި ގާސިމްގެ މައްޗަށް ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވެސް އޭނާ ފުލުހަށް ހާޒިރުކުރި އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ މިއަދު ފުލުހަށް ހާޒިރުކުރީ އެ މައްސަލާގައި އޭނާގެ ފޮޓޯ އާއި އޯޑިއޯ ސާމްޕަލް ނެގުމަށް ކަމަށާއި ފުލުހުންގެ މަސައްކަތް ބަލައިގަންނަ ކަމަށް ވިދާޅުވި އެވެ.
"ބަޔަކު ރިޕޯޓްކޮށްގެން ކުރައްވަންޖެހޭ ތަހުގީގެއް އެ ބޭފުޅުން ކުރައްވަން ވާނެ. އަޅުގަނޑު އެޕްރިޝިއޭޓް ކުރަން އެކަން. އެ ބޭފުޅުން އަދާކުރަންޖެހޭ ވާޖިބެއް އަދާކުރަންޖެހޭނެ،" ވަކީލުންނާ އެކު ހުންނަވައިގެން ގާސިމް ވިދާޅުވި އެވެ.
އިތުރަށް ގާސިމް ވިދާޅުވީ ކޮންމެ ތުހުމަތެއް އޭނާގެ މައްޗަށް ކުރިޔަސް، އިދިކޮޅު ލީޑަރުންނާ ގުޅިގެން ކުރައްވާ މަސައްކަތް އަދިވެސް ކުރައްވާނެ ކަމަށާއި ކިތަންމެ ބިރެއް ދެއްކިޔަސް، އެ މަސައްކަތް ހުއްޓާލާނީ ސަރުކާރުގެ އަނިޔާވެރިކަން ހުއްޓުވާލުމަށް ފަހު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ