ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ވުމުގެ ފުރުސަތު ރައީސް ވަހީދަށް ވެސް އެބައޮތް: އުމަރު

ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓަށް ވުމުގެ ފުރުސަތު ރައީސް މުހައްމަދު ވަހީދަށް ވެސް އެބައޮތް ކަމަށް އެ ޕާޓީގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ކެންޑިޑޭޓަކަށް ރައީސް ވަހީދު ނެރުއްވުމަށް މަޝްވަރާކުރަމުން އަންނަ ކަމުގެ ވާހަކަތައް ފެތުރިފައިވަނިކޮށް އުމަރު މިއަދު ވިދާޅުވީ ޕީޕީއެމްގެ ދޮރޯށި ހުރީ ބޭނުން ކޮންމެ ބޭފުޅަކަށް ވެސް ހުޅުވާލާފައި ކަމަށެވެ. އެ ކެންޑިޑޭޓަށް ވުމުގެ ފުރުސަތު ރައީސް ވަހީދަށް ވެސް އެބައޮތް ކަމަށާއި އެކަމަށް ޕާޓީން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އުމަރު ވިދާޅުވި ގޮތުގައި ރައީސް ޕީޕީއެމުން ވާދަކުރެއްވުމާ ގުޅޭގޮތުން މިހާތަނަށް އެއްވެސް މަޝްވަރާއެއް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.
"ޕީޕީއެމްގެ ޓިކެޓް ތަބަކެއްގައި ސާވެއް ނުކުރާނެ. އެއީ ހިތި ތަޖުރިބާއެއް، އެހެންވީމާ ރައީސް ވަހީދު ވިއަސް ގާސިމް ވިއަސް، ހަމަ ކޮންމެ ބޭފުޅަކަށް ވެސް ޕީޕީއެމްގެ ގޭޓް ހުރީ އޯޕަންކޮށްފައި،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގައި އެހެން ޕާޓީއެއްގެ މަސްލަހަތު ގެއްލޭގޮތަށް ރައީސް ވަހީދު ވާދަނުކުރައްވާނެ ކަމުގެ ޔަގީންކަން އިއްތިހާދުގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވަނީ ދެއްވައިފަ އެވެ. ނަމަވެސް އެގޮތަށް ރައީސް ވިދާޅުވެފައި ވަނީ ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ކަމެއް ނުވަތަ އޭގެ ކުރިން ކަމެއް އުމަރު ވިދާޅެއް ނުވި އެވެ.
"އިއްތިހާދުގެ ބައިވެރިންނަށް އެނގިވަޑައިގަންނަވާނެ އެކަން. އެ ބައްދަލުވުމުގައި އިންތިހާބުގައި ކުރިމަތިނުލައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި އޮތީ،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް ވަހީދު ނުކުމެވަޑައިގެންފި ނަމަ ތިން ޕާޓީއެއްގެ މަސްލަހަތަށް ބުރޫއަރާފާނެ ކަމަށް ގަބޫލުކުރެއްވެ އެވެ. އެއީ ޑީއާރްޕީ އާއި ގައުމީ ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"މިހާރު އެބަތިއްބެވި އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާންކުރައްވާފައިވާ ދެ ކެންޑިޑޭޓަކު، އެއީ ގާސިމް އާއި ތަސްމީން. ޑީއާރްޕީ އާއި ގައުމީ ޕާޓީ މިވަނީ ކޯލިޝަން ހަދާފައި. އެހެންވީމަ ވަހީދު [ވާދަކުރައްވަން] ނުކުމެވަޑައިގެންފި ނަމަ އެ ތިން ޕާޓީގެ މަސްލަހަތަށް ބުރޫއަރާނެ. އެއީ ގޭޓް ކްލޯސްކޮށްފައި ތިބި ޕާޓީތައް،" އުމަރު ވިދާޅުވި އެވެ. "ޕީޕީއެމްގައި އޭގެ އެއްވެސް މައްސަލައެއް ނެތް، ވަހީދަށް ވެސް ވަޑައިގެންނެވިދާނެ."
އުމަރު ވިދާޅުވީ ޕީޕީއެމް އަކީ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާކުރާ ކުރުމަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ. އެހެންކަމުން ޕީޕީއެމްގައި ކޮންމެ މަގާމަކަށް ވެސް ވާދަކުރެއްވުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ހޮވުމުގެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ވިސްނުން އުމަރު ވެސް ގެންގުޅުއްވަ އެވެ.
އޭނާ ވިދާޅުވީ ޕްރައިމަރީގައި ކެންޑިޑޭޓެއްގެ ގޮތުގައި "ފެނުން ވަރަށް ގާތް" ކަމަށެވެ. ގައުމުގެ އަމާންކަމާއި ހަމަޖެހުމަށް، އިންތިހާބުގައި ވާދަކުރެއްވުމަށް ނުފޫޒުގަދަ ލީޑަރުން ބޭނުންވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް އިއުލާންކުރައްވައިފަ އެވެ. އެހެން ނަމަވެސް، މިހާރު އޭނާ ހުންނެވީ ޕީޕީއެމްގައި ކަމަށް ވާތީ، ރިޔާސީ އިންތިހަބުގެ ޓިކެޓް އޭނާ އަށް ލިބިވަޑައިގަންނަވާނީ ޕްރައިމަރީގައި ވާދަކުރައްވައިގެންނެވެ. އެއާ ހިލާފަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ނިންމައިފައިވުމާއި، ޑީއާރުޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެ ޕާޓީގެ ލީޑަރަކީ ރިޔާސީ ކެންޑިޑޭޓް ކަމަށް ވާތީ، އެ ދެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުން މިހާރު ވަނީ ޔަގީންވެފަ އެވެ. އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލައްވާފައި ވަނީ ކުރީގެ ރައީސް މުހަންމަދު ނަޝީދު އެކަންޏެވެ. އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބާއްވާނީ އަންނަ މަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ