މައުމޫން ވެރިކަމުގެ އިސް ބޭފުޅުން ހައްޔަރުނުކުރީ ބަދަލު ނުހިފަންވެގެން: ނަޝީދު

ރާއްޖޭގެ ވެރިކަމުގެ ތާރީހުގައި ކަން ހިނގާފައިވާ އުސޫލުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ އިސް ބޭފުޅުން އެމްޑީޕީ ސަރުކާރުގައި ހައްޔަރުނުކުރީ ބަދަލުނުހިފައި، ވާދަވެރި ސިޔާސީ ނިޒާމެއް ރާއްޖޭގައި އުފެއްދުމަށް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އިންޑިއާ އަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ޓްރިވެންޑްރަމްގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަން ކުރިއަށް ގެންގޮސްފައި ވަނީ ހިފައި ހައްޔަރުކުރުމުގެ އުސޫލާއި އާދަކާދައިގެ ތެރެއިން ކަމަށެވެ. އެ އުސޫލުން 2008 ގެ އިންތިހާބަށް ފަހު ސިޔާސީ ވާދަވެރިން ހިފައި ހައްޔަރުކުރުމުގެ ފުރުސަތު އެމްޑީޕީ އަށް ވެސް އޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ބުނާތީ އަޑުއެހިން އަޅުގަނޑުމެން އެ ބޭފުޅުން ހިފައި ހައްޔަރުކޮށްފާނެތީ ބިރުން [ރައީސް އޮފީހުގެ މިނިސްޓަރު] މުހައްމަދު ހުސެއިން ރައީސް މައުމޫނާ ފޯނުން ވެސް ވާހަކަ ދެއްކެވީ ތިން ހަފުތާ ފަހުންނޭ. ރައީސް މައުމޫންގެ އާއިލާ އަދި ރައީސް މައުމޫންގެ ފަރާތުން ވެރިކަން ކުރަން ތިއްބެވި ހުރިހާ ބޭފުޅުން ވެސް ނިންމަވައިގެން ތިއްބެވީ އަޅުގަނޑުމެން އެ އުޅެނީ އެ ބޭފުޅުން ހައްޔަރުކުރާށޭ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވެރިކަމެއްގައި ސިޔާސީ ވާދަވެރިން ހައްޔަރުނުކުރި ނަމަވެސް ރައީސް މައުމޫން ވެސް ވެރިކަމަށް ވަޑައިގަތްތާ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 3،000 އެއްހާ މީހުން ހައްޔަރުކުރި އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ވެސް ސަރުކާރު ހިންގަވަން ތިއްބެވި ހުރިހާ ބޭފުޅުން ކަހަލަ ގޮތަކަށް ހައްޔަރުކުރެއްވި ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭގެ ކުރީގެ ވެރިކަމުގައި ވެސް ކަންހިނގާފައި ވަނީ އެ އުސޫލުން ކަމަށެވެ.
ނަޝީދު ވިދާޅުވީ ރައީސް މައުމޫންގެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ބޭފުޅުން އެމްޑީޕީގެ ވެރިކަމުގައި ހިފައި ހައްޔަރުކުރި ނަމަ ރާއްޖެ އަށް "ބަޣާވާތެއް" ނުގެނެވުނީސް ކަމަށެވެ.
"އަދި އަޅުގަނޑު ބޭނުންގޮތަކަށް ވެރިކަން ކުރުމަށް 30 އަހަރު ލިބުނީސް. ގާނޫނު އަސާސީ ވެސް އަލުން އަނބުރާ ބަދަލުކޮށްލެވުނީސް. އެހެން ނަމަވެސް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަމާޒަކަށްވީ، އަޅުގަނޑުމެންގެ މަގްސަދަކަށްވީ ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމެއް ހޯދުމުގެ މަސައްކަތް ކުރުން. އެ ދިރިއުޅުން އަޅުގަނޑުމެންނަށް ހޯދޭނީ ލިބޭނީ ރަނގަޅު ވެރިކަމުގެ ނިޒާމެއް ރާއްޖޭގައި ގާއިމްކުރެވިގެން،" ނަޝީދު ވިދާޅުވި އެެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ހިކުމަތްތެރިކަމާ އެކު ވެރިކަން ކުރުމަކީ "ވެރިކަމުގެ ހުރިހާ ބާރެއް އަތަށް ނެގުން" ކަމަށް ބައެއް ބޭފުުޅުން އެމަނިކުފާނަށް ލަފާ ދެއްވާފައިވީ ނަމަވެސް އެގޮތަށް އެކަން ނުކުރެއްވީ ރާއްޖޭގައި ވެރިކަން ހިންގާފައިވާ ގޮތުގެ މާޒީ ތަކުރާރުވިޔަ ނުދިނުމަށެވެ. އެމްޑީޕީގެ ވެރިކަމުގައި ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމާއި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މަގު ހުޅުއްވައިދެއްވައި، ދި ޓީވީ އާއި ވީޓީވީ ވެސް ހަގީގަތާ ހިލާފަށް "ގޮވުނު އެއްޗެއް ގޮވަން" ދޫކޮށްލެވި ކަމަށް ވެސް ވިދާޅުވި އެވެ. އަމާޒަކީ ދީލަތި، އޯގާތެރި ޑިމޮކްރެޓިކް މުޖުތަމައަކަށް މަގުފަހިކޮށްދެއްވުން ކަމަށް ވެސް ވިދާޅުވި އެވެ.
"ވެރިއަކު ގޯސްމަގަށް ގެއްލި ދަނީ އެ ވެރިއެއްގެ ވަށައިގެން ވެސް އަދި ވެރިއަކު ވެރިކަން ކުރުމަށް އުފެއްދޭ ނިޒާމު ވެސް ގޯސްވެދާތީ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީން ރައްޔިތުންނަށް ކޮށްދީފައިވާ އެންމެ މުހިއްމު އެއް ކަމަކީ ރައްޔިތުން ބޭނުންވާ ވެރިއަކު ހިޔާރުކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.
ރާއްޖޭގައި ކުރިން ވެރިކަން ކުރި ނިޒާމުގެ ސަބަބުން ރައްޔިތުން އެދޭ ބަދަލުތައް ގެނެސްދެވިފައި ނުވާ ކަމަށާއި ރައްޔިތުންގެ ބޭނުންތައް ވެރިންނަށް ސާފުނުކުރެވެނީ ޑިމޮކްރެޓިކް ހަޔާތެއް ރާއްޖޭގައި ނުގެންގުޅެވޭތީ ކަމަށް ނަޝީދު ވެސް ވިދާޅުވި އެވެ. އެހެންކަމުން އެމްޑީޕީގެ އެންމެ ބޮޑު އަދި އެންމެ ބުރަ މަސައްކަތެއްގެ ގޮތުގައި، ހިޔާލުފާޅުކުރުމާއި އެއްވެއުޅުމާއި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަން ހޯދައިދީފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ޑިމޮކްރަސީގެ އެންމެ ބޮޑު ބޭނުމަކީ ދެން އުފެދޭ ވެރިކަމެއްގައި ސީދާ ތިމަންނާއަށް އޮތީ ކޯއްޗެއްތޯ ސުވާލުގެ ޖަވާބު ހޯދުން. ސިޔާސީ ޕާޓީތައް ގާތުގައި ރައްޔިތުން މިއަހަނީ ކޮންކަމެއްހޭ ވާނީ ތިމަންނާ އަށް ތި ބޭފުޅުންގެ ވެރިކަމެއްގައި، ކޯއްޗެއްހޭ ތިމަންނާއަށް އޮތީ، އާއިލާ އަށް، ރަށަށް، އަތޮޅަށް އަދި މުޅި މި ދިވެހި ރާއްޖެ އަށް އޮތީ ކޮންގޮތެއްހޭ. އެ ސުވާލު ރައްޔިތުންނަށް އެހުމުގެ ފުރުސަތު ލިބިގެން ދިޔައީ 2008 ވަނަ އަހަރު ތަސްދީގުކުރެވުނު ގާނޫނޫނު އަސާސީ އަށް ފަހު ފުރަތަމަ ބޭއްވުނު ރިޔާސީ އިންތިހާބާ ގުޅިގެން،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ