ކޯޓުގައި މައްސަލައެއް އޮތަސް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ: ފުއާދު

ސެޕްޓެމްބަރު 7 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ ބޭފުޅެއްގެ މައްސަލައެއް ޝަރުއީ ކޯޓުގައި ހިނގަމުން ދިޔަ ނަމަވެސް ޝަރުތު ހަމަވާ ކޮންމެ ފަރާތަކަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހޯމަ ދުވަހު ހުޅުވާލަން ނިންމާފައިވާއިރު އިދިކޮޅު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ މައްސަލައެއް ކޯޓުގައި ހިނގަމުން ދާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ފުއާދު ވިދާޅުވީ ކެންޑިޑޭޓެއްގެ މައްސަލައެއް ކޯޓެއްގައި ހިނގަމުން ދިޔުމަކީ އިންތިހާބަށް ވާދަ ކުރުމުގެ ޝަރުތު ގެއްލޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޝަރީއަތުގައި ހިނގަމުންދާ މައްސަލަ ވަކި ގޮތަކަށް ނިމި ކެންޑިޑެސީ ގެއްލޭ ވަރުގެ ހުކުމެއް ނާންނަހާ ހިނދަކު އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޯޓުގައި މައްސަލައެއް ހިނގަމުން ދިޔުމަކީ ކެންޑިޑެންސީ ބާތިލްވާނެ ކަމެއް ނޫން. އަދި އެއީ އިލެކްޝަން ކޮމިޝަނާ ގުޅޭ ކަމެއް ވެސް ނޫން. ގާނޫނުގައި އޮންނަ ގޮތުގެ މަތިން ކެންޑިޑެސީ ބާތިލްވާ ވަރުގެ ހުކުމެއް ނާންނަ ނަމަ ޝަރުތުހަމަވާ ކޮންމެ ކެންޑިޑޭޓެއް ވެސް އަޅުގަނޑުމެން ގަބޫލު ކުރާނަން،" ފުއާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހޯމަ ދުވަހުގެ މެންދުރު 2:00 އިން ފެށިގެން މި މަހުގެ 24އާ ހަމައަށް ހުޅުވިފައި އޮންނާނެ ކަމަށެވެ. އަދި އެކަން މާދަމާ އިއުލާން ކުރާނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ. އި
އޭނާ ވިދާޅުވި ގޮތުގައި އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމާއި އެހެން ވެސް މައުލޫމާތު އިލެކްޝަންސް ކޮމިޝަންގެ ކައުންޓަރުން ލިބޭނެ އެވެ.
"އަޅުގަނޑުމެން މާދަމާ އިއުލާން ވެސް ނެރޭނަން. ހޯމަ ދުވަހުން ފެށިގެން އަޅުގަނޑުމެން 10 ދުވަހުގެ މުއްދަތަށް ރަސްމީ ގަޑީީގައި އެޕްލިކޭޝަންތައް ބަލައިގަންނަމުން ގެންދާނަން،" ފުއާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބަށް ވާދަކުރާ ފަރާތްތަކުގެ ނަންތައް އަންނަ މަހުގެ ކުރީކޮޅު އާންމު ކުރެވޭވަރު ވާނެ ކަމަށެވެ. އަދި ކޮމިޝަނުން ނިންމާ ގޮތެއް ކެންޑިޑޭޓުންނަށް އެންގުމުން އެ ނިންމުމާ މެދު ހިތްހަމަ ނުޖެހޭނަމަ އެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ އިހުތިޔާރު އެ ފަރާތްތަކަށް އޮންނާނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ