ހަމީދުގެ މައްސަލަ ބަލަން އިމްރާން އަންގަން ޖެހޭ: އުމަރު

ބަނގުރާ ބޮަމުން ދިޔަ ތަނެއްގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ހުންނެވި ކަމަށް ބުނާ މައްސަލައިގައި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ބަލަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމާބެހޭ ފަރާތްތަކުގައި އެދެން ޖެހޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ ރޭ ވިދާޅުވެއްޖެއެވެ.
ބަނގުރާ ހުރި ތަނެއްގައި ދިވެހިންގެ ބަޔަކު އެ ތަކެތި ބޭނުން ކުރާ މަންޒަރުތަކެއް އެކުލެވޭ ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވަމުންދާ އިރު، އެ ތަނުގައި ޕޮލިސް ކޮމިޝަނަރު ހަމީދު ވެސް ހުންނަވައެވެ. އެކަމަކު، އެއީ ކޮން އިރެއްގެ ފޮޓޯތަކެއް ކަމެއް ފޮޓޯތައް އާންމު ކުރި "އެނޮނިމަސް" އިން ބުނެފައެއް ނުވެއެވެ.
މި ފޮޓޯތަކާ ގުޅިގެން ޕޮލިސް ކޮމިޝަނަރު އަދި ސަރުކާރުން ވެސް ވަކި އެއްޗެއް އަދި ނުބުނެއެވެ. މި ފޮޓޯތަކާ ގުޅިގެން ހަމީދަށް ވަނީ ފާޑު ކިއުން އަމާޒުވެފައެވެ. އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ހަމީދުގެ އިސްތިއުފާ އަށް ގޮވާލައި ބަޔާނެއް ވެސް ނެރެފައެވެ.
އުމަރު ނަސީރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕޮލިސް ކޮމިޝަނަރާ ގުޅޭ ގޮތުން މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާ ވީޑިޔޯއާ ގުޅޭ ގޮތުން، މިނިސްޓަރުގެ ހުވަޔާ އެއްގޮތަށް އިމްރާން އަމަލު ކުރަން ވާނެ ކަމަށެވެ. އަދި ފުލުހުންގެ ގާނޫނުގައިވާ ގޮތުގެ މަތިން އެ މައްސަލަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ފޮނުވަން ވާނެ ކަމަށް ވިދާޅުވިއެވެ.
އުމަރު ވަނީ އޭނާގެ ވަޒީރު ކަމުުގައި ހިނގައިދިޔަ ބައެއް ކަންކަމާއި ގުޅިގެން އޭރު ހުންނެވި ފުލުސް ކޮމިޝަނަރުގެ މައްސަލަ ބަލަން ވެސް ފޮނުވި ކަމަށް ވިދާޅުވެފައެވެ.
"މަޖީދީމަގުގައި ހުރި ރުއްތަކެއް ފުލުހުންގެ ބަޔަކު ކެނޑިކަމަށް ތުހުމަތު ކުރެވުނު ދުވަހު، މީގެ ކުރިން މިނިސްޓަރު ކަން ކުރެއްވި ބޭފުޅަކު ވަނީ، މި ގާނޫނުގެ ދަށުން އެ މައްސަލަ ބެލުމަށް އެ ކޮމިޝަން އަށް މައްސަލަ ފޮނުއްވާފައި. އަދި އެހެން ވަޒީރަކު އެކަމުގައި ޝާމިލްވާ ކަމަށް ތުހުމަތު ކުރެވުނު ވަގުތު، އެތައް ފިއްތުން ތަކެއްގެ ކުރިމަތީ ފަހަތަށް ނުޖެހި، އެ ވަޒީރުގެ މައްސަލަ ވެސް ތަހުގީގު ކުރުމަށް ފުލުހުންނަށް ލިޔުމަކުން އަމުރު ކޮށްފައި،" އުމަރު ނަސީރު ލިޔުއްވާފައިވެއެވެ.
އުމަރު ވިދާޅުވީ ހޯމް މިނިސްޓަރު ކަން ކުރެއްވުމަކީ ތޯތޯ ކަމެއް ނޫން ކަމަށާއި ގާނޫނުގެ ކުރިމަތީ އެއްވެސް މީހަކު އިސްތިސްނާ ނުވާކަން އަމަލުން ދައްކުވައިދޭން ވާނެ ކަމަށެވެ. އެހެންވެ، އިމްރާން ކުރައްވާފައިވާ ހުވަޔާ އެއްގޮތަށް އަމަލު ކުރެއްވުމަށް ވެސް އުމަރު ވަނީ ގޮވާލައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ