މީޑިއާ ރެގިއުލޭޓްކުރަން އެއް މުއައްްސަސާ ހަދަން ވަނީ ނިންމާފަ: އުމަރު

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާ މޯލްޑިވްސް މީޑިއާ ކައުންސިލް އެއްކޮށްލުމަށްފަހު މީޑިއާ ރެގިއުލޭޓް ކުރުމަށް ހާއްސަކުރެވިފައިވާ އެއް މުއައްސަސާ އުފައްދަން ސަރުކާރުން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ދިޓީވީ ހަބަރު ތެރެއިން ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ މިއީ ކުޑަކުޑަ ގައުމެއް ކަމަށާއި މީޑިއާ ރެގިއުލޭޓް ކުރުމަށް މިގައުމުގައި ދެ މުއައްސަސާ އޮތުމުގެ ބޭނުމެއް ނެތް ކަމަށެވެ.
އުމަރު ވިދާޅުވީ މީޑިއާ ރެގިއުލޭޓް ކުރުމަށް އެއް މުއައްސަސާއެއް އުފެއްދުމަށް ނިންމާ އެކަމާ ގުޅޭ ބިލް ޑްރާފްޓް ކުރުމުގެ މަސައްކަތް ބަންޑާރަނައިބް އޮފީހުން ފަށާފައިވާ ކަމަށެވ.
މިނިސްޓަރު އުމަރު ވިދާޅުވީ މިހާރު އޮތް ބްރޯޑްކާސްޓިން ކޮމިޝަނާ މީޑިއާ ކައުންސިލަކީ މީޑިއާ ރެގިއުލޭޓް ކުރަން އޮތް ދެ ފަރާތަށް ވާއިރު މީޑިއާ ރެގިއުލޭޓް ކުރަން މި ދެ މުއައްސަސާއަށް ގާނޫނުގައި މާބޮޑު ބާރުތަކެއް މިހާރު ނެތް ކަމަށެވެ. ނަމަވެސް އަލަށް އުފައްދާ މުއައްސަސާއަށް ގާނޫނީ ބާރުތަކެއް ދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
މީޑިއާ ކައުންސިލްގެ ބައެއް މެންބަރުންނާ ބައެއް ސީނިއަ ނޫސްވެރިން މިދިޔަ އާދިއްތަ ދުވަހު ވަނީ ބަންޑާރަނައިބް މުހައްމަދު އަނިލްއާ ބައްދަލުކުރައްވާ މީޑިއާ ރެގިއުލޭޓް ކުރުމަށް އެއް މުއައްސަސާ އުފައްދަން ހުށަހަޅާފަ އެވެ. އަދި އެ މުއައްސަސާގެ މެޖޯރިޓީ މީޑިއާގެ ތެރެއިން އިންތިހާބުކުރާ ބަޔަކަށް ދިނުމަށްވެސް މި ބޭފުޅުން ވަނީ ހުށަހަޅުއްވާފަ އެވެ.
އެދުވަހުގެ ބައްދަލުވުމުގައި ބަންޑާރަނައިބް ވަނީ މީޑިއާ ޓީމުގެ ހުށަހެޅުމަށް ތާއީދުކުރައްވާފަ އެވެ. އަދި އަލަށް އުފައްދާ މުއައްސަސާއަކީ މީޑިއާ އިން އިންތިހާބުކުރާ ތިން ބޭފުޅުންނާއި މަޖިލީހުން ރުހުން ދެއްވާ ދެ ބޭފުޅުންގެ މައްޗަށް ހިމެނޭ މުއައްސަސާއަކަށް ހައްދަވާނެ ކަމުގައިވެސް ބަންޑާރަނައިބް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ