ނަސީމްގެ ދާއިރާގެ ކޮންމެ ރަށަކަށް 200 މާސްކާއި އަންގި ފޮނުވައިފި

ކޮވިޑް-19 އާ ގުޅިގެން ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހިމް ނަސީމް، ދާއިރާގެ ކޮންމެ ރަށަކަށް މާސްކާއި އަންގި ފޮނުއްވައިފިއެވެ.
ނަސީމްގެ ފޭސްބުކް ޕޭޖްގައި އިއްޔެ ލިޔެފައިވާ ގޮތުގައި ދާއިރާގެ ހުރިހާ ރަށެއްގައި އެކުލަވާލާފައިވާ "ޓާސްކް ފޯސް" ގައި ބޭނުން ކުރުމަށް ކޮންމެ ރަށަކަށް 200 ފޭސް މާސްކާއި 200 އަންގި ފޮނުއްވާފައިވާ ކަމަށެވެ. އެ ރަށްތަކަކީ ކ. ތުލުސްދޫގެ އިތުރުން، ކ. ދިއްފުށި، ކ. ހުރާ އަދި ކ. ހިންމަފުއްޓެވެ.
މާލެ ފިޔަވައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން މި ބަލި ފެނިފައި ވަނީ ތުލުސްދޫގެ އިތުރުން ހއ. ތުރާކުނު، ހއ. އުލިގަން، ށ. މިލަންދޫ، ށ. ނަރުދޫ އަދި ނ. މަނަދޫންނެވެ. ތުލުސްދޫގައި މި ބަލި ފެތުރިފައި ވަނީ ބިދޭސީންގެ ތެރޭގައެވެ. މިހާތަނަށް އެ ރަށުން ހަ ބިދޭސީއެއްގެ ގައިން ކޮވިޑް-19 ފެނިފައިވެއެވެ.
އެހުރިހާ ބިދޭސީން ވަނީ ކަރަންޓީން ފެސިލިޓީތަކަށް ގެންގޮސްފައެވެ. ތުލުސްދޫގައި ކޮވިޑް-19 ފެތުރިފައިވާތީ، އެ ރަށު ކައުންސިލުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން އެ ރަށުގައި މީހުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާ އިރު، ޒަރޫރީ ބޭނުމެއްގައި ބޭރަށް ނުކުންނަ ނަމަ، ހުއްދަ ހޯދަން ޖެހެއެވެ.
ނަސީމްގެ ޕޭޖްގައިވާ ގޮތުގައި ދާއިރާގެ ރަށްރަށަށް މާސްކާއި އަންގި ފޮނުއްވީ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން ރައްކާތެރިކޮށް ދިނުމުގެ ބޭނުމުގައެވެ. އަދި ކޮންމެ ރަށަކުން ވެސް މި ސާމާނާ ހަވާލުވެވަޑައިގެންނެވީ އެ ރަށެއްގެ ކައުންސިލްގެ ރައީސް ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.
"މެމްބަރު އެދިވަޑައިގަންނަވަނީ އެޗްޕީއޭގެ ލަފަ އާއި އެއްގޮތަށް އެންމެހާ ރައްޔިތުން އަމަލު ކުރެއްވުމަށް. އަދި ޓާސްކް ފޯސްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވި،" ނަސީމްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ލިޔެފައިވެއެވެ.
ރާއްޖެ އިން މިހާތަނަށް 904 މީހެއްގެ ގައިން ކޮވިޑް-19 ފެނިފައިވާ އިރު، އޭގެތެރޭގައި ހިމެނެނީ 304 ދިވެހިންނާއި 600 ބިދޭސީންނެވެ. މި ބަލީގައި ތިން މީހަކު ނިޔާވެފައިވާ އިރު، ބަލިން ޝިފާ ލިބިފައި ވަނީ 31 މީހުންނަށެވެ. އަދި ބަލި ޖެހިގެން 800 އަށް ވުރެ ގިނަ މީހުންނަށް ދަނީ ފަރުވާދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ