އަޅުވެތިވި ކޮންމެ ފަހަރަކުވެސް ދިވެހީން ކާމިޔާބު ހޯދީ ދުޝްމަނުންނާ ހަނގުރާމަ ކޮށްގެން: އުމަރު

އަޅުވެތިވި ކޮންމެ ފަހަރަކުވެސް ދިވެހީން ކާމިޔާބު ހޯދީ ދުޝްމަނުންނާ ހަނގުރާމަ ކޮށްގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހާ ގުޅިގެން ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ރާއްޖެ އަޅުވެތިވި ކޮންމެ ފަހަރަކުވެސް ދިވެހީން ކާމިޔާބު ހޯދީ ދުޝްމަނުންނާ ހަނގުރާމަ ކޮށްގެން ކަމަށެވެ. އަދި މިނިވަންކަމަށް ޓަކައި ދިވެހީންނަކީ ކޮންމެ ފަދަ ގުރުބާނެއް ވުމަށް ވެސް ފަސް ނުޖެހޭނެ ބައެއް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ 3 ނޮވެމްބަރުގައި، މުޅި ގައުމުގެ ބޭރުބައެއްގެ އަޅުވެތި ކަމަށް ދާ ފަދަ ނުރައްކާތެރި ކަމެއް ރާވާ، ހަތިޔާރު އުފުލާ، އެތަށް ބަޔަކު ޝަހީދު ކޮށް، އެތަށް ބަޔަކު ރަހީނު ކުރި ކުރުން އެއީ ދުވަހަކުވެސް ދިވެހިންގެ ހިތްތަކުން ފިލުވާލެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި ސަރުކާރުން، މިއަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަސް ރަސްމީކޮށް ފާހަގަ ނުކުރީތީ އެކަން ޑީއެންއޭގެ ނަމުގައާއި އުމަރުގެ އަމިއްލަ ނަމުގައި ކުށްވެރި ކުރައްވާ ކަމަށެވެ.
އުމަރު ވިދާޅުވީ ދިވެހީންނަކީ މިނިވަންކަމަށްޓަކައި ހަނގުރާމަ ކުރާނެ ބައެއް ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ކުރީގެ ހައި ކޮމިޝަނަރު އަކިލޭޝް މިޝްރާ، ވެސް އޭނާގެ އަރިހުގައި ވިދާޅުވިކަމަށެވެ.
އުމަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި، ދިވެހީން އަޅުވެތި ކުރުމަށްޓަކައި ހަނގުރާމަ ކުރަން އައި އެއްވެސް ބަޔަކު އަމިއްލައަށް ދިވެހި ފަސްގަނޑުން ފައިބައިގެން ގޮސްފައި ނުވާ ކަމަށާއި ކޮންމެ ފަހަރަކުވެސް ދިވެހީން އެބަޔަކު ފޮނުވައިލީ، ހިތްވަރާއެކު ނުކުމެ ހަނގުރާމަ ކޮށްގެން ކަމަށެވެ.
ސަރުކާރުން ރަސްމީކޮށް މިދިޔަ ދެ އަހަރު ނަސްރުގެ ދުވަސް ފާހަގަކޮށްފާ ނުވި ކަމުގައި ވިޔަސް، އިއްޔެ އެމްއެންޑީއެފުން ވަނީ ހަރާތްތަކެއް ކުރިއަށް ގެންގޮސްފައެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ