މޫސުން ގޯސްވެ ބޮޑުބަޔަކަށް އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ވައިޓް އެލާޓް ނެރެފި އެވެ.މެޓު އޮފީހުން ވިދާޅުވީ ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ ވިލާގަނޑުގެ ބާރު ކުރިއަށްއޮތް 24 ގަޑިއިރުވެސް ގަދަވާނެކަމަށާއި މީގެ ސަބަބުން ކުރިއަށް އޮތް 48 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. މިދުވަސްވަރު ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވީނަމަވެސް ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެންހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ލަފާ ކުރެ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވެއެވެ. މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓު އޮފީހުން މިހާރުވަނީ ހއ.އަތޮޅުން ފެށިގެން ދ.އަތޮޅާ ހަމައަށް ވައިޓް އެލަރޓް ނެރެފައެވެ. އެހެންކަމުން މިސަރަޙައްދުތަކުގައި ކަނޑު ދަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް އެއިދާރާއިން އިލްތިމާސްކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ