ސަރުކާރު ކުންފުނިތައް ވިއްކާލުމުން ޒުވާނުންނަށް ވަޒީފާގެ ދޮރު ބަންދުވާނެ: ރައީސް ޔާމީން

ސަރުކާރުގެ ކުންފުނިތައް ވިއްކާލުމުން ޒުވާނުންނަށް ހުޅުވިފައިވާ ވަޒީފާގެ ދޮރު ބަންދުވާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ސަރުކާރުގެ 13 ކުންފުއްޏެއް ކޯޕަރަޓައިޒޭޓް ކުރުމަށް ވަނީ ބަޖެޓުކޮށްފައެވެ. ށ. ފޯކައިދޫގައި މިރޭ ބޭއްވި މޫސާ ފަތުހީ އާދަމްގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ޒުވާނުން ވަޒީފާތަކުން މަހުރޫމްކޮށްފައިވާ ކަމަށެވެ. ޒުވާނުންނަށް ވަޒީފާ ދިނުމަށް އެންމެ ފަސޭހަގޮތަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާތައް އުފައްދައި ވަޒީފާ ދިނުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނެގެ ވެރިކަމުގައި އުފެއްދި އެއްލައްކައަށް ވުރެ ގިނަ ވަޒީފާ ވެސް އުފެއްދީ ކުންފުނިތަކުގެ ތެރެއިންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ސިވިލް ސާވިސްގެ ތެރެއިން ގިނަ ވަޒީފާތަކެއް އުފެއްދުމަކީ ދައުލަތުގެ ބަޖެޓަށް ބާރުބޮޑުވާނެ ކަމެއްކަމަށެވެ. މި ސަރުކާރުން ބޭރުގެ މީހުންނަށް ކުންފުނިތަކުން ވަޒީފާދޭ ކަމަށާއި އެފަދަ ކަންކަމުން ގެއްލުންވަނީ ހަމަ ދިވެހި ޒުވާނުންނަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "ރާއްޖެ ޓުއަރިޒަމް ބެސްޓް ޑެސްޓިނީއަށް ވީމަ އަތްޖަހާ. އެކަމަކު އެތަނުންލިބޭ މަންފާއަށް ބަލާއިރު އެ އިން ލިބޭ ނަފާއެއް ފައިދާއެއް ލިބެންޖެހެނީ ބިދޭސީންނަށް. ކުންފިނިތަކުގެ ހިދުމަތްދޭން ޖެހެނީ ދިވެހީންނަށް. އެކަމަކު އެތަނުން މަންފާ ލިބެނީ ބިދޭސީންނަށް." ރައީސް ޔާމީން ވިދާޅުވިއެވެ. މި ސަރުކާރުން ވަޒީފާ އިތުރުކުރުމަށް ކުރާހާ ވެސް ކަމަކީ ސިޔާސީ މަގާމްތަކަށް ގިނަ ބަޔަކު އައްޔަން ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުން މިހާތަނަށް 1،029 މީހަކު ސިޔާސީ މަގާމްތަކަށް އައްޔަންކޮށްފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. "މިއިން ކޮންމެ ވަޒީފާގެ މުސާރަ މި އުޅެނީ އެވްރެޖް ގޮތެއްގައި 18،000 ރުފިޔާގެ ތެރޭގައި. ކޮބައިތޯ މި ދުރު ރަށްރަށުގައި ތިބި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު. މިހިރީ ސިޔާސީ މަގާމް އުފައްދާފަ،" ރައީސް ޔާމީން ވިދާޅުވިއެވެ. ސިޔާސީ މަގާމު އުފެއްދުމަށް އެމަނިކުފާނު ދެކޮޅު ނަހަދާކަމަށާއި ނަމަވެސް ޒުވާނުންނަށް ވަޒީފާގެ ދޮރު ބަންދުވާނެހެން ކުންފުނިތައް ވިއްކާލުން ބަލައިނުގަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ކޮމަންޑޫދާއިރާގެ ބައި އިލެކްޝަނުގެ ކެމްޕޭނަށް ރައީސް ޔާމިން އެ ދާއިރާއަށް ވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ދާއިރާގެ ބައި އިލެކްޝަނުގެ ފޯރި ގަދަވެފައިވާއިރު މިރޭ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ އެ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ