ރައީސް ޔާމީންގެ ޖަލުހުކުމުގެ އިސްތިއުނާފު ސުޕްރީމް ކޯޓުގައި ތާވަލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމަށް ހައިކޯޓުން ތާއީދުކުރި މައްސަލައިގެ އިސްތިއުނާފު ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.
ހައި ކޯޓުން ދަށު ކޯޓުގެ ހުކުމް ދެމެހެއްޓީ އެމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެފަނޑިޔާރެއްގެ އަޣުލަބިއްޔަތުންނެވެ.
މިގޮތަށް ހައިކޯޓުން ނިންމީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.
ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް 5 އަހަރަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށްވެސް ހައިކޯޓުން ބުނެއެވެ.
އެމައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 9:00 ގައެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ހުކުމްކުރީ ހުސްވި ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
އަދި މިފައިސާ 6 މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށްވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރިކަމުގެ ދައުވާ ސާބިތުވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއްމިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ