ހުވާކުރަން ވާނީ ނޮވެމްބަރު 11 ގައި އެކަމަށް މަސައްކަތް ކުރާނަން: ގާސިމް

މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ރައީސް ކަމުގެ ހުވާ ކުރައްވަން ވާނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ކަމަށް ގަބޫލުކުރައްވާ ކަމަށާއި ޕްރޮސެސް އެމަގުން ގެންދެވޭތޯ ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހީމް މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު ރާއްޖެ ވަޑައިގެން ޖުމުހޫރީ ޕާޓީގެ މައި ޖަގަހަ މާފަންނު ކުނޫޒުގައި ދާދި ދެންމެ ދެއްވި ނޫސް ކޮންފަރެންސުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދިމާވި ޚާއްސަ ހާލަތެއްގެ ސަބަބުން ނޮވެމްބަރު 17 ވަނަ ދުވަހު ހުވާކުރައްވަން ޖެހުނަސް އަބަދު އެހެން އެކަން އޮންނަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"މިކަން ރާއްޖޭގައި އަބަދުވެސް މި ކުރަނީ ރާއްޖޭގެ ފަޚުރުވެރި ޖުމުހޫރީ ދުވަހު. މިދިޔަ ފަހަރު ކަމެއް ދިމާވެގެން ތާރީޚު ބަދަލުކޮށްލަން ޖެހުނަސް އަބަދު އެހެން އޮންނާކަށް ނުޖެހޭ. 11 ވަނަ ދުވަހު ހުވާކުރާ ގޮތަށް ބަދަލުކުރެވޭތޯ ބަލާނަން." ގާސިމް ވިދާޅުވި އެވެ.
ގާސިމް މިއަދު ރާއްޖެ ވަޑައިގެންނެވި އިރު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއި ނައިބު ރައީސް ފައިސަލް ނަސީމް އާއި ޖޭޕީގެ ކައުންސިލް މެންބަރުންނާއި އިއްތިހާދަށް ނިސްބަތްވާ ޕާޓީ ތަކުގެ އިސް ބޭފުޅުން އެއާޕޯޓަށް ވަޑައިގެންނެވި އެވެ. އަދި މާފަންނު ކުނޫޒަށް ގާސިމް ވަޑައިގެންނެވި އިރު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން އެތަނަށް ވެސް އެއްވެ ތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ