އިއްތިހާދުގެ ހަތަރު ލީޑަރުންގެ ތެރެއިން ބޭފުޅަކު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާއި ހަވާލުވުމަކީ ރައްޔިތުންގެ އިތުބާރާއި، ޔަގީންކަން މި ސަރުކާރާއި، އަދި އިންތިޚާބީ ރައީސްގެ މެނިފެސްޓޯ ތަންފީޒުވާނެކަމަށް ލިބިގެންދިޔަ ވަރުގަދަ އުންމީދެއްކަމަށް ކުރީގެ ނާއިބް ރައީސް އަދި ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރު ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މެންބަރުންގެ ތަނަވަސް އަގްލަބިއްޔަތުން މަޖިލީހުގެ ރައީސްކަމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އިންތިޚާބުކޮށްފައިވާތީ، އެމަނިކުފާނަށް މަރުހަބާ ދަންނަވާ ކުރެއްވި ޓްވީޓެއްގައެވެ.
ޚާއްސަ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ގާސިމް އިބްރާހިމް މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވީ 62 މެންބަރުންގެ ވޯޓާއިއެކުއެވެ. ގާސިމް އިބްރާހިމަކީ އިއްތިހާދުގެ ހަތަރު ލީޑަރުންގެ ތެރެއިން ލީޑަރެވެ.
ޑރ ޖަމީލް ވަނީ މަޖިލީހުގެ ރައީސްކަމަށް ގާސިމް އިންތިޚާބުވެވަޑައިގެންނެވުމާއި ގުޅިގެން ވަރަށް ހޫނު މަރުހަބާއެއް ދަންނަވާކަމަށް ވިދާޅުވެފައެވެ. އަދި އްތިހާދުގެ ހަތަރު ލީޑަރުންގެ ތެރެއިން ބޭފުޅަކު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާއި ހަވާލުވުމަކީ ރައްޔިތުންގެ އިތުބާރާއި، ޔަގީންކަން މި ސަރުކާރާއި، އަދި އިންތިޚާބީ ރައީސްގެ މެނިފެސްޓޯ ތަންފީޒުވާނެކަމަށް ލިބިގެންދިޔަ ވަރުގަދަ އުންމީދެއްކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
މަޖިލީހުގެ ރިޔާސަތުގައި ގަދަބާރުން އިންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ މަސީހު މުހައްމަދުގެ އިތުބާރުނެތްކަމުގެ މައްސަލަ 51 މެންބަރުންގެ ސޮޔާއިއެކު ހުށައެޅުމުން، އިތުބާރުނެތްކަމުގެ ވޯޓާއި ކުރިމަތިލައްވަންކެރިވަޑައިނުގެން މަސީހު ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.
މަޖިލީހުގެ ރައީސްކަމުން އަބުދުﷲ މަސީހު މުހައްމަދު އިސްތިއުފާދެއްވުމަކުން ނުފުދޭކަމަށާ ކުރިކަންތަކާ ޖިނާއީ ތަހުގީގަށް ކުރިމަތިލާންޖެހޭކަމަށް ޑރ ޖަމީލް އިއްޔެ ވަނީ ވިދާޅުވެފައެވެ.
ޑރ ޖަމީލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ތަކައްބުރުކަމާއި، ބޮޑާކަން ދައްކާ، ބާރުގެ ބޭނުންކޮށް އަދި އެމަނިކުފާނު ގާނޫނޫ އަސާސީއާއި ޚިލާފަށް ވަކިކުރިއިރު، ތިމާ ފޭހުނު އިލޮށިގަނޑު ތިމާގެ ލޮލަށް ހެރޭނެކަމެއް ނޭންގުނުކަމަށެވެ.
ރައްޔިތުން އިންތިޚާބުކުރި ރައީސުލްޖުމްހޫރިއްޔާގެ ނާއިބްކަމުގެ މަގާމުގައި ޑރ ޖަމީލް ހުންނަވަނިކޮށް، އުސޫލުތަކާއި ހަމަތަކުގެ ބޭރުން އެމަނިކުފާނު މަގާމުން ދުރުކުރުމުގައި އެންމެ އިސްކޮށް ހުރީ އަބުދުﷲ މަސީހެވެ. މަސީހު ވަނީ ޑރ ޖަމީލް ވީހާވެސް އަވަހަށް މަގާމުން ދުރުކުރުމަށް މަޖިލީހުގެ ގަވާއިދަށް އަވަސް ބަދަލުތަކެއްގެނެސް، އެމަނިކުފާނަށް ޖަވާބުދާރީވުމުގެ ފުރުސަތުވެސް ނުދެއްވާ މަގާމުން ދުރުކޮށްފައެވެ.
ގާސިމް މަޖިލީހުގެ ރިޔާސަތަށް ވަޑައިގަތުމަކީ ލިބުނު އުންމީދެއް: ޑރ ޖަމީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ