މަޖިލީހުގެ ތެރެއިން ޖީއެމްއާރަށް އެއާޕޯޓް ހޯދައެއް ނުދެވޭނެ: ގާސިމް

ރައްޔިތުން މަޖިލީހުގެ ތެރެއިން އިންޑިއާގެ ޖީއެމްއާރަށް އަލުން އަނބުރާ މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހޯދައިދިނުމަށް އެމްޑީޕީން މަސައްކަތްކުރާ ކަމަށާއި ނަމަވެސް އެކަން ކާމިޔާބުނުކުރެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ. ގއ. ގެމަނަފުށީގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ގާސިމް ވިދާޅުވި ގޮތުގައި އެއާޕޯޓް އަލުން އަނބުރާ ޖީއެމްއާރަށް ހޯދައިދިނުމަށްޓަކައި އެމްޑީޕީން މަޖިލީހުގެ މެމްބަރުން ގަތުމަށްޓަކައި މިލިއަން ޑޮލަރު ހުށަހަޅަމުން އެބަދެ އެވެ. ބައެއް ފަހަރު ދެ މިލިއަން ޑޮލަރު ވެސް ހުށަހަޅާފައިވާ ކަމަށް މެމްބަރުން ވިދާޅުވެފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ. "އަޅުގަނޑު ދަންނަވާނީ ކެނެރީގޭ މުހައްމަދު ނަޝީދަށް، ދެން ކަލޭ ރައްޔިތުންގެ މަޖިލީހުން، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެއްވެސް ކަމެއް ނުކުރެވޭނެއޭ،" މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވި އެވެ. "[ނަޝީދު] މި ގައުމަށް އަނިޔާވެރިވާން ނޫޅޭށޭ. މި ގައުމުގެ މިނިވަންކަމާއި އަޅުގަނޑުމެންގެ އޮތް މުދަލާއި އަޅުގަނޑުމެންގެ މި ގައުމުގައި ހުރި، އަޅުގަނޑުމެންގެ ކާބަފައިން ހޯދާދީފައި ހުރި ތަރިކަ މުދާ ވިއްކާލައި، އެހެން މިހެން ހަދައި، ދިވެހިރާއްޖޭގައި އޮތް އިސްލާމް ދީނަށް ހަޖޫ ޖަހައި، ޖޯކުޖަހަމުން ގެންގޮސް އެ ކަންތައްތައް ކުރުމުގެ މުއްދަތު ހަމަވަނީއޭ. އެކަން ދިވެހި ރައްޔަތުން ދައްކަދޭނޭ އަންނަ ރިޔާސީ އިންތިހާބުގައި." އެއާޕޯޓް އަލުން އަނބުރާ ޖޭއެމްއާރަށް ހޯދައިދިނުމަށް އެމްޑީޕީން ކުރާ މަސައްކަތް ގާސިމް ސިފަކުރެއްވީ މުޅި ގައުމު ވިއްކާލުމަށް ކުރާ މަސައްކަތެއްގެ ގޮތުގަ އެވެ. ރާއްޖޭގެ ބައެއް ރިސޯޓުތައް ގަތުމަށް 70 މިލިއަން ޑޮލަރު ހުށަހަޅާއިރު، "މުޅި ގައުމު 70 ޑޮލަރު ދީފައި ގަންނާނެ މީހުންވާނެ" ކަމަށް އޭނާ ވިދާޅުވި އެވެ. އެމްޑީޕީން ހުށަހަޅާ މާލީ މަންފާގައި ހިއްޕެވުމަށް ފަހު، އެކަމުން ނުނެއްޓެވޭނެ ކަމަށާއި އޭގެ ފަހުން އެމްޑީޕީން ވަކިވެވަޑައިގަތުމަށް މަސައްކަތް ކުރައްވައިފި ނަމަ މަރާ ކުރިމަތިލާންޖެހިދާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. "މަޖިލީހުގެ މެމްބަރުންނޭ ވިސްނާ ވަޑައިގަންނަވާށޭ. މުޅި އުމުރަށް ތި ނިމުނީއޭ އިނގޭތޯ؟ އޭގައި ހިފުމަށް ފަހު އޭގެ އަޅުވެތިކަމުން ދުވަހަކު ވެސް ނުނެއްޓޭނެ. ނެއްޓެން ވިސްނައިފިއްޔާ ދެން އޮންނާނީ ޑރ. އަފްރާޝީމްގެ ނިޔާވުންކަން ތިޔަ ބޭފުޅުން ހަނދުމަ ބަހައްޓަވާށޭ. ތިބޭފުޅުން އޭގައި ހިފުމަށް ފަހު ދެން ނެއްޓެން މަސައްކަތް ކޮށްފިއްޔާ ދެން އޮންނާނީ ޑރ. އަފްރާޝީމްގެ ކަންތައްތައް ހިނގައި ދިޔަ ގޮތަށް ނޫންބާއޭ އަމިއްލަ އަށް ފިކުރުކޮށްލައްވާށޭ،" ގާސިމް ވިދާޅުވި އެވެ. އެއާޕޯޓް ހިންގުމުގެ ކޮންޓްރެކްޓް އުވާލުމުގެ ސަބަބުން ޖީއެމްއާރުން ބަދަލުގެ ގޮތުގައި ނަގައިދިނުމަށް 1.4 ބިލިއަން ޑޮލަރު ހުށަހަޅާފައިވާތީ، މިދިޔަ ހުކުރު ދުވަހުގެ ރޭ ތިމަރަފުށީގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިއްމު ވާޖިބަކީ އެ ކޮންޓްރެކްޓް އަލުން އަނބުރާ އިއާދަކުރުމަށް އެކަމާ އެ ކުންފުންޏާ އެކީގައި މަޝްވަރާ ކުރެވޭނެ ގޮތެއް ހޯދައި ރައްޔިތުންނަށް ކުރިމަތިވާން މި އުޅޭ ބޮޑު މުސީބާތުން މި ރާއްޖެ ސަލާމަތް ކުރުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ