ރިޔާސީ ޓިކެޓް އެހެން ފަރާތަކަށް ދިނުމަށް ޕީޕީއެމްގެ އަސާސީ ޤަވާއިދު ތަނެއްނުދޭ: ޔާމީން

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާ ފަރާތަކުން ބޭނުންވާ އެހެން ފަރާތަކަށް ޓިކެޓް ދިނުމަށް ޕީޕީއެމްގެ އަސާސީ ޤަވާއިދު ތަންނުދޭކަމަށް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޔާމީންގެ ޔަޤީން ޓީމުން މިރޭ އާރޓިފިޝަލްގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިއްޖެނަމަ އެހެން ފަރާތަކަށް ޓިކެޓް ދޭނެކަމަށް އެހެން ފަރާތްކުން ވާހަކަ ދެއްކިނަމަވެސް ޔާމީނަށް އެހެން ވިދާޅުވެވެން ނެތްކަމުގައެވެ. ޔާމީން ވިދާޅުވީ އެކަން އެގޮތަށް ނުކުރެވެނީ ޕީޕީއެމްގެ އާއްމު މެމްބަރުން އެކަށައަޅާފައިވާ އަސާސީ ޤަވާއިދުން އެކަމަށް ތަން ނުދޭތީ ކަމުގައެވެ.
ޕީޕީއެމްގެ އަސާސީ ޤަވާއިދު ބުނާގޮތުން އެޕާޓީގެ ރިޔާސީ ޓިކެޓް ލިބޭފަރާތަކަށް އެއްވެސް ސަބަބަކާއި ހުރެ ރިޔާސީ އިންތިހާބްގައި ވާދަ ނުކުރެވޭނަމަ އެން އެޓިކެޓް ލިބޭނީ ދެ ވަނައަށް އެންމެ ގިނަ ވޯޓް ލިބުނު ފަރާތަކަށެވެ.
ރިޔާސީ ޓިކެޓް ލިބިއްޖެނަމަ އެހެން ބޭފުޅަކަށް ޓިކެޓް ދިނުމުގެ ވިސްނުން ހުރިކަމަށް ވާހަކަތައް ދެކެވެމުންދަނީ އުމަރުގެ ޓީމްގެ ތެރޭގައެވެ.
ޔާމީން ވިދާޅުވީ ޓިކެޓަށް ކުރިމަތި ލައްވާފައިވަނީ ކަންކުރެވޭނެތީކަމަށާއި އެއީ އެހެން ފަރާތެއް ފަހަތުގައި ހުރެގެން އެހަން ފަރާތަކަށް ކޮށްދޭ ކަމެއް ނޫންކަމުގައެވެ.
މިރޭގެ ޖަލްސާގައި ޔާމީންވަނީ އުމަރުގެ ޓީމަށް ނުސީދާކޮށް ބަހުގެ ހަމަލާތައް ދެއްވާފައެވެ. އަދި މިޤައުމު މިހާހިސާބަށް ގެނެވިފައިވަނީ މަޖިލީހުގެ ތެރެއިން ކުރެވިފައިވާ މަސައްކަތުންކަމަށާއި މަގުމަތިން ކުރި ކަންތައްތަކުގެ ސަބަބުން ނޫންކަމަށް ޔާމީން ވިދާޅުވިއެވެ.
ނަމަވެސް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދާއިރު މަޖިލީހުގައި ކުރެވުނު މަސައްކަތްތަކަކީ އެއްވެސް މަސައްކަތެއް ނޫންކަމަށް އަދި ހުރިހާ މަސައްކަތެއްވެސްކުރީ މަގުމަތިންކަމަށް ހޭދަވާ ގޮތައް ވާހަކަ ދައްކަމުން ގެންދާކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ