ކޯޓް މަރުހަލާ ނިމުމުގެ ކުރިން ދެވަނަ ބުރުގައި ތާއީދު ކުރާނެ ކެންޑިޑޭޓެއް ނުނިންމޭނެ: ގާސިމް

ޖުމްހޫރީ ޕާޓީން ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމުމުގެ ކުރިން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ގުޅުމުން ކަންތައް ކުރަންވީ ގޮތް ނިންމުމަކީ ކުރެވިދާނެ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. ގާސިމް ނެރުއްވާފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ސާބިތު ހެއްކާ އެކު ފާހަގަކުރެވިފައިވާތީ އެ މައްސަލަތައް ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ޝަރީއަތަށް ހުށަހަޅަމުންދާ ކަމަށެވެ. ކޯޓުގެ ހުކުމް އަންނަ ގޮތަކުން ވޯޓުގެ ނަތީޖާއަށް ބޮޑެތި ބަދަލުތަކެއް އައުން ނުވަތަ އަލުން އިންތިހާބު ބާއްވަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. "ވީމާ މިދަނޑިވަޅުގައި ކެތްތެރިކަން އިސްކުރައްވާ، މި މައްސަލަތަކުގެ ޝަރުއީ މަރުހަލާ ނިމެންދެން، ސިޔާސީ ގޮތުން ވަކި ނިންމުންތަކެއް ނުނިންމަވާ ތިއްބެވުމަށް ޖުމްހޫރީ ގުޅުމުގެ ހުރިހާ މެމްބަރުންނަށާއި މި ގުޅުމަށް ތާއީދުކުރެއްވި އެތަކެއް ހާސް ދިވެހި ރައްޔިތުންނަށާއި އަދި މިހާރު އަލަށް ތާއީދުކުރައްވަމުން ގެންދަވާ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް ވެސް ނުހަނު އިހްލާސްތެރިކަމާ އެކު އިލްތިމާސް ކުރަމެވެ،" ބަޔާނުގައިވެ އެވެ. އިންތިހާބާ ގުޅޭ ލިޔެކިޔުންތައް ހޯދުމަށް ޖުމްހޫރީ ޕާޓީން ހައި ކޯޓަށް ހުށަހަޅާފައިވާ ދައުވާގެ ފުރަތަމަ އަޑުއެހުން މާދަމާ ބާއްވާނެ އެވެ. މީގެ އިތުރުން، އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އަލުން ބާއްވައި ދިނުމުގެ އަމުރަކަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅަން ވެސް އެ ޕާޓީން ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ