ނާޝިޒާއި އާޒިމްގެ ގޮނޑީގެ މައްސަލަ މާދަމާ ސުޕްރީމް ކޯޓުގައި
ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު އަހުމަދު ނާޝިޒާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ މެމްބަރުކަމުގެ ގޮނޑީގެ މައްސަލައިގެ ހުކުމް އިއްވުން މާދަމާ ސުޕްރީމް ކޯޓުގައި ބޭއްވުމަށް ތާވަލްކޮށްފި އެވެ. ނާޝިޒާއި އާޒިމްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދޭން އެދި ހުށަހެޅީ ގާނޫނީ ވަކީލް މުހައްމަދު ހަލީމެވެ. އޭނާ އެ މައްސަލަ ހުށަހެޅީ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް އިން އެ ބޭފުޅުން ގެރެންޓީ ދެއްވައިގެން ނަގާފައިވާ ލޯނުތަކެއް ކޯޓުގެ ހުކުމާ އެއްގޮތަށް އަނބުރާ ނުދެއްކި މައްސަލައިގަ އެވެ. އެ ލޯނުތަކަށް ފައިސާ ނުދައްކައިގެން އެ ލޯނުގެ ރަހުނުތައް ވިއްކާލުމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ކޯޓުން ނިންމާފައިވަނީ ފައިސާ ނުދެއްކިއްޖެ ނަމަ ލޯނަށް ގެރެންޓީ ދިން ފަރާތުން ވެސް އެ ލޯނުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށެވެ. ގާނޫނު އަސާސީ ބުނާ ގޮތުން ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ. އެ މައްސަލައިގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާ މެންދުރު 2:30 އަށެވެ. އެ މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުން ނިންމާލަމުން އިތުރު އަޑުއެހުމެއް ބާއްވާނެކަން ނުވަތަ ނޫންކަން ވެސް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އިއުލާނެއް ނުކުރެ އެވެ. ނަމަވެސް އެ ދެ ބޭފުޅުންގެ ވަކީލު ހުސްނުއްސުއޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ މައްސަލައިގެ ހުކުމް އިއްވުން މާދަމާ އޮންނާނެ ކަމަށެވެ. ނާޝިޒާއި އާޒިމް ގެރެންޓީ ދީފައިވަނީ ފުނައްޑޫން ނެގި ފަސް ލޯނަކަށެވެ. އެ ލޯނުތަކަށް ފައިސާ ނުދެއްކުމުން އިންޓްރެސްޓާއި ޖޫރިމަނާގެ ގޮތުގައި ޖުމްލަ 206 މިލިއަން ރުފިޔާ ވަނީ އަރައިފަ އެވެ. އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކުރި އިރު އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުގެ މުއްދަތު ވެސް މިހާރު ވަނީ ހަމަވެފަ އެވެ. އެ ފައިސާތައް ނުދެއްކުމުން އެ ލޯނުތަކަށް ރަހުނުކޮށްފައިވާ ފުނައްޑޫ ނަމަކަށް ކިޔާ ރަށާއި ޔޮޓަކާއި ރީތި ބީޗް ރިސޯޓް ވިއްކާލުމުގެ ހުއްދަ ކޯޓުން ވަނީ ބޭންކަށް ދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ