ފޭދޫ ކުއްޖާގެ މައްސަލަ އިސްތިއުނާފުކުރުން ލަސްވަނީ ކޯޓުން ލިޔުންތައް ނުލިބިގެން: ވަކީލް
ޒިނޭގެ ކުށް ސާބިތުވެ ހައްދު ޖެހުމަށާއި ގޭގައި ބަންދުކުރުމުގެ ހުކުމެއް އައިސްފައިވާ 15 އަހަރުގެ އަންހެން ކުއްޖާގެ މައްސަލަ އިސްތިއުނާފުކުރުން ލަސްވަނީ ކޯޓުން ލިބެންޖެހޭ ލިޔުންތައް އަދި ނުލިބޭތީ ކަމަށް އެ ކުއްޖާގެ ވަކީލް މިއަދު ވިދާޅުވެއްޖެ އެވެ. ކުޑަކުއްޖާ އަށް ދައުލަތުން ހަމަޖައްސައިދީފައިވާ ވަކީލް ވިދާޅުވީ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރުމަށް ބޭނުންވާ، ގަޒިއްޔާ ނިމުނު ގޮތުގެ ރިޕޯޓް މި ހަފުތާ ތެރޭގައި ލިބޭނެ ކަމަށް ކޯޓުން ބުނެފައިވާ ކަމަށެވެ. އަދި އެ ލިޔުންތައް ލިބުނުހާ އަވަހަކަށް އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޖުވެނައިލް ކޯޓުން ބުނީ ލިޔުންތައް ހޯދުމަށް ހުށަހެޅީ ކުއްޖާގެ ވަކީލް ކަމަށާއި އެކަމަކު އެއީ ކުޑަކުއްޖެއްގެ މައްސަލަ އަށް ވުމުން ލިޔުންތައް ހަވާލުކުރަނީ ބެލެނިވެރިޔާ ނުވަތަ ސީދާ އެ ކުއްޖާ އެދުމުން އެ ކުއްޖަކަށް ކަމަށެވެ. އަދި މިހާރު އެ ކުއްޖާގެ ބަލަދުވެރިޔަކީ ޖެންޑާ ޑިޕާޓްމަންޓް ކަމަށް ވާތީ ލިޔުންތައް ލިބޭނީ އެ ފަރާތުން އެދުމުން ކަމަށް ވަކީލަށް އަންގާފައިވާ ކަމަށް ކޯޓުން ބުންޏެވެ. ކޯޓުން ބުނީ ލިޔުންތައް މިހާރު ހުރީ ނިމިފައި ކަމަށާއި ޕްރޮސިކިއުޓާ ޖެނެރަލް އަށް ވެސް އެ ލިޔުންތައް މިހާރު ފޮނުވާފައިވާ ކަމަށެވެ. ޒިނޭގެ ކުށް ސާބިތުވެފައި ވާތީ 100 އެތިފަހަރުން ހައްދު ޖެހުމަށާއި އަށް މަސް ދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމެއް އައި ށ. ފޭދޫ ކުއްޖާގެ މައްސަލަ ދައުލަތުން އިސް ނަގައިގެން އިސްތިއުނާފުކުރުމަށް ނިންމާފައި ވަނީ އެ ކުއްޖާ އަކީ އުމުރުން 12 އަހަރުން ފެށިގެން އެތައް ބައެއްގެ ޖިންސީ ގޯނާ ލިބެމުން އައި ކުއްޖެއް ކަމަށް ވެފައި އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވެފައި ވަނީ މީހަކާ އެކު ރުހުމުގައި ގުޅުން ހިންގުމުން ކަމަށް އިއުތިރާފު ވުމުން ކަމުގައި ވިޔަސް އެ ކުއްޖާ އަކީ ރުހުން ދެވޭ ފަދަ ހާލަތެއްގައި ހުރި ކުއްޖެއް ކަމަށް ނުފެންނާތީ އެވެ. ކުއްޖާގެ މައްޗަށް ހުކުމް އައިސްފައި ވަނީ އުމުރުން 15 އަހަރުގައި ނަހަލާލަށް ވިއެހުމަށް ފަހު ދަރިފުޅު މަރާލައި ވަޅުލާފައި އޮއްވައި ފެނުނު މައްސަލައެއް ތަހުގީގުކުރުމުގެ ތެރޭގައި ފެންމަތިވި މައްސަލައެއްގަ އެވެ. އަންހެން ކުއްޖާ އަށް ލިބުނު ދަރިފުޅު މަރާލުމުގެ ކުށުގައި އަންހެން ކުއްޖާގެ މަންމަ އާއި ދޮންބައްޕަގެ މައްޗަށް ވަނީ ގަސްދުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާ ކޮށްފަ އެވެ. އަދި ދޮންބައްޕަގެ މައްޗަށް ވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ވެސް ކޮށްފަ އެވެ. އަދި މަންމަގެ މައްޗަށް ވަނީ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގާކަން އެނގި ހުރެ ނާންގާ ހުރުމުން އެ ދައުވާ ވެސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ