ހަތަރު އަހަރު ކުރިން އިއްވާފައިވާ މަރުގެ ހުކުމެއް ހައި ކޯޓުން ބާތިލްކޮށްފި
މީގެ ހަތަރު އަހަރު ކުރިން ޖިނާއީ ކޯޓު (މިހާރުގެ ކްރިމިނަލް ކޯޓު) ން މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމެއް ބާތިލްކޮށް އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރުކޮށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ހައި ކޯޓުން މިއަދު ބާތިލްކޮށްފައިވަނީ ގއ. މާމެންދޫ ތަރިވިދާގޭ މުހައްމަދު ގާސިމް މެރުމަށް 2008 ވަނަ އަހަރުގެ ތެރޭގައި ދަށު ކޯޓުން ކޮށްފައިވާ ހުކުމެވެ. އޭނާ މެރުމަށް ހުކުމްކޮށްފައިވަނީ 2006 ވަނަ އަހަރުގެ ތެރޭގައި މާމެންދޫއަށް ގޮސް އުޅުނު އެ އަތޮޅު ވިލިގިލީ ކަނޑުއޮޅި، މުހައްމަދު ޝިހާބަށް ހަމަލާދީ މަރާލި މައްސަލައިގަ އެވެ. ޝިހާބަށް ހަމަލާދީ މަރާލި މައްސަލައިގައި ގާސިމްގެ އިތުރުން އެހެން ތިން މީހަކު މެރުމަށް ވެސް ޖިނާއީ ކޯޓުން ހުކުމްކޮށްފައިވެ އެވެ. އެއީ މާމެންދޫ މާސް، އަލީ މަސްދޫއު ސައީދާއި އެރަށު ޖަވާހިރުވާދީ، ފަރިޔާޒް އަހުމަދާއި އެރަށު ޕިންކްލައިޓް، މުހައްމަދު ޝިފްރާޒްގެ މައްޗަށެވެ. އޭގެ ތެރެއިން ހައި ކޯޓުން މިއަދު ނިންމީ ގާސިމްގެ މައްސަލަ އެކަންޏެވެ. އެ މައްސަލައިގައި ޝަރީއަތަށް ފާހަގަ ކުރެވުނު ކަންކަން އިއްވަވަމުން، އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަބްދުﷲ ހަމީދު ވިދާޅުވީ އެ މައްސަލަ ދަށު ކޯޓުގައި ހިނގިއިރު ތިން ހެކިވެރިއެއްގެ ހެކިބަސް ނަގާފައިވަނީ އެ މީހުން ކޯޓަށް ހާޒިރުނުކޮށް ލިޔުމުން ކަމަށެވެ. އަދި އެގޮތަށް ހެކިބަސް ނެގުމަކީ ހެކިވެރިންނާ ސުވާލުކުރުމުގެ ފުރުސަތު ތުހުމަތު ކުރެވޭ މީހާއަށް ގެއްލޭ ކަމެއް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ހެކިންނާ ސުވާލުކުރުމުގެ ހައްގު ތުހުމަތުކުރެވޭ މީހާއަށް ގާނޫނު އަސާސީން ކަށަވަރުކޮށްދޭއިރު އެ ތިން މީހުންގެ ހެކިބަސް ނަގާފައި ވަނީ އެ އުސޫލުން ކަމަށް ބެލެވެން ނެތްކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. މީގެ އިތުރުން އެ ތިން ހެކިވެރިން ފިޔަވައި ގާސިމާ ދެކޮޅަށް ޖިނާއީ ކޯޓުގައި ހެކިބަސް ދިން އެއްވެސް ހެއްކެއްގެ ހެކިބަހުގައި ގާސިމްގެ މައްޗަށް އެ ކުށް ސާބިތުވާފަދަ ހެއްކެއް ގަރީނާއެއް ލިބިފައި ނުވާއިރު ދިފާއުގައި ހެކިން ހުށަހަޅަން ގާސިމް އެދިފައިވާކަން ވެސް ފަނޑިޔާރުން ފާހަގަ ކުރެއްވި އެވެ. އެހެންކަމުން ލިޔުމުން ހެކިބަސް ނެގި ތިން ހެކިވެރިންނާ ސުވާލުކުރުމާއި ދިފާއުގައި ހެކިން ހުށަހެޅުމުގެ ހައްގު ގާސިމަށް ލިބެންޖެހޭނެ ކަމަށް ހައި ކޯޓުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ދެކެވަޑައިގަންނަވާ ކަމަށް ވެސް ފަނޑިޔާރު ހަމީދު ވިދާޅުވި އެވެ. އެކަންކަމަށް ރިއާޔަތް ކުރައްވާ ހުކުމް އިއްވަވަމުން ފަނޑިޔާރު ވިދާޅުވީ ދަށު ކޯޓުން ހުކުމްކޮށްފައި ވަނީ ގާސިމަށް ލިބެންޖެހޭ ހެކިންނާ ސުވާލު ކުރުމުގެ ހައްގާ ދިފާއުގައި ހެކި ހުށަހެޅުމުގެ ފުރުސަތު ދިނުމަށްފަހުގައި ކަމަށް ބެލެވެން ނެތުމުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ދަށު ކޯޓުގެ ހުކުމް ބާތިލްކުރާ ކަމަށެވެ. އަދި އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރުކޮށް އަދި ގާސިމަކީ ކުށެއްގެ ދައުވާ އުފުލިފައިވާ މީހަކަށްވާތީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ވީހާ ވެސް އަވަހަކަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާ އަމުރުކުރާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. "މުހައްމަދު ގާސިމަކީ ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލިފައިވާ މީހެއްކަމުގައިވާތީ "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދު" އާ އެއްގޮތްވާ ގޮތުގެ މަތިން މުހައްމަދު ގާސިމްގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި، ލަސްނުކޮށް ކަމާބެހޭ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅާ ގާސިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް އަމުރުކޮށް އެގޮތުގެ މަތިން ހުކުމްކޮށްފީމެވެ." ފަނޑިޔާރު އަބްދުﷲ ހަމީދު ވިދާޅުވި އެވެ އަބްދުﷲ ހަމީދުގެ އިތުރުން އެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި އިސް ފަނޑިޔާރު އަހުމަދު ޝަރީފެވެ. އެ މައްސަލަ އަކީ 2008 ވަނަ އަހަރު ހައި ކޯޓަށް ހުށަހެޅި މައްސަލައެކެވެ. އެ މައްސަލައިގެ ހުކުމް މިއަދު އިއްވީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލިތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުންނެވެ. މިއަދުގެ އަޑުއެހުމަށް ގާސިމް ވެސް ހާޒިރުކޮށްފައި އިނެވެ. އޭނާ ހުރީ ޖަލުގައި ކަމަށްވާތީ އޭނާ ހާޒިރުކުރީ ޑީޕީއާރްއެސްގެ ބެލުމުގެ ދަށުން ޖަލު ހެދުމުގަ އެވެ. މިއީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މަރުގެ ހުކުމްތަކުގެ ތެރެއިން ފަހުގެ ތާރީހެއްގައި ނިންމި ފުރަތަމަ މައްސަލަ އެވެ. ތިން މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް އިސްތިއުނާފްކޮށް ހައި ކޯޓުގައި މިހާރު ވެސް ނުނިމި އެބައޮތެވެ. ރާއްޖޭގައި ފަހުގެ ތާރީހުގައި އިއްވާފައިވާ މަރުގެ ގިނަ ހުކުމްތައް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ