ރައީސުލްޖުމްހޫރިއްޔާއަކު ނޮވެމްބަރު 11 އަށް އިންތިހާބު ނުކުރެވިއްޖެނަމަ ވެރިކަމުގެ ބާރުތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުއާ ހަވާލު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ހުށަހެޅުން ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ބަލައިގެންފި އެވެ.
މިމައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅީ ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) އެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން ވައްޑޭ ވިދާޅުވީ އޭނާ މިދިޔަ މަހުގެ 29 ވަނަ ދުވަހު ހުށައެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތުމުން ފައިސާ ވެސް ދައްކާފައިވާ ކަމަށެވެ.
މައްސަލަ ކޯޓަށް ހުށައެޅުމަށްފަހު ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ވައްޑޭ ވިދާޅުވީ ނޮވެމްބަރު 11 އަށް ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ނުކުރެއްވިއްޖެނަމަ މަޖިލީހުގެ ރައީސްއާ ވެރިކަމުގެ ބާރުތައް ހަވާލުކުރަން މަޖިލީހުން ފާސްކުރީ ގާނޫނެއް ކަމެއް ގަރާރެއް ކަމެއް އަދި ހުށަހެޅުމެއް ކަމެއްވެސް ސާފު ނުވާ ކަމަށެވެ. އަދި ފާސްކުރީ ކޮންމެ އެއްޗެއް ނަމަވެސް އެފާސްކުރި އެއްޗަކީ ގާނޫނު އަސާސީއާ ސުޕްރީމް ކޯޓުގެ ހުކުމަކާއި ހިލާފު ފާސްކުރުމަކަށްވާތީ މަޖިލީހުގެ ނިންމުން ބާތިލްކުރަން ހުށަހެޅީ ކަމަށްވެސް ވައްޑޭ ވިދާޅުވި އެވެ.
"މަޖިލީހުން ފާސްކުރީ ކޮން އެއްޗެއްތޯވެސް އެބަޖެހޭ ބަލަން. އެފާސްކުރީ ކޮން އެއްޗެއްކަން އިނގޭ މީހަކު ފުރަތަމަކަށް ނެތް. އަނެއްކާ ވަކި ޕާޓީއަކަށް ނިސްބަތްވާ މެންބަރަކު މަޖިލީހުގެ ރައީސްއަކަށް ހުންނަވައިގެން ފާސްކޮށްފައިވާ ވަރަށް ޒާތީ ނިންމުމެއް އެއީ" ވައްޑޭ ވިދާޅުވި އެވެ.
ނޮވެމްބަރު 11 އަށް ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ނުކުރެއްވިއްޖެނަމަ މަޖިލީހުގެ ރައީސްއާ ވެރިކަމުގެ ބާރުތައް ހަވާލުކުރަން މަޖިލީހުން ފާސްކުރީ މިމަހުގެ 27 ވަނަ ދުވަހު 39 މެންބަރުންގެ ވޯޓުންނެވެ.
ބާރުތައް ޝާހިދާ ހަވާލުކުރާ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ