މެމްބަރު އިބްރާހިމް ރަޝީދު ގިނިކަންޏާ އަދިވެސް އިހުތިޖާޖުގައި
ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަތް މައްސަލާގައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިޖުތިޖާޖު ކުރެއްވުމުން ޖަލްސާއިން ބޭރުކޮށްލި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު މަޖިލީހުގެ ބޭރުގައި ގިނިކަންޏާ އިޖުތިޖާޖު ކުރައްވަން ފައްޓަވައިފި އެވެ. ޓޯޔާޑްގައި ހުރި ވެހިކަލްތައް ނައްތާލަން އުޅޭތީ އެކަމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހަޅުއްވަން މަސައްކަތް ކުރެއްވި ކުއްލި މައްސަލައާ މެދު މަޖިލީހުން ގޮތެއް ނުނިންމަނީސް މަޖިލީހުގެ އިދާރާ ދޫކޮށް ވަޑައިނުގަންނަވާނެ އޭނާ ވިދާޅުވި އެވެ. މިއަދު ޖަލްސާގައި ޗެމްބަރުން ނެރުމުން މިހާރު އޭނާ އިންނެވީ ޗެމްބަރު ހުޅަނގު ފަރާތު ދޮރުކައިރީ އޮޅިގަނޑު މަތީގަ އެވެ. އޭނާ ވިދާޅުވީ އެތަނުން ވަޑައިގަންނަވާނީ އޭނާގެ ކަންބޮޑުވުމަށް "މިތަނުން ]މަޖިލީހުން[ ކޮންމެވެސް ގޮތެއް ހަދައިދިނުމުން" ކަމަށެވެ. "ޖެހޭނީ މައްސަލަ ބަލައިގަންނަން. ބަލައިގަނެފައި އިސްލާހު ކުރަންޏާ އެކަން ކުރަންވީ. އަޅުގަނޑު އޮންނާނެ ގަވާއިދު ކޮމިޓީ އަށް ވެސް މިކަން ހުށަހަޅާފައި،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ. ކުއްލި މައްސަލަ ބަލައިނުގަތް މައްސަލާގައި އޭނާ އިޖުތިޖާޖު ކުރައްވަމުން ގެންދަވަނިކޮށް، ސިފައިން މެދުވެރިކޮށް އިބްރާހިމް ރަޝީދު މަޖިލީހުގެ ޗެމްބަރުން ވަނީ ނެރެފަ އެވެ. މަޖިލީހުގެ ރިޔާސަތުގެ އަމުރަށް އިބްރާހިމް ރަޝީދު މަޖިލީހުން ނުކުމެވަޑައިގަންނަވަންދެން އޭނާ އިންނެވީ އިދާރީ މޭޒުގެ ކުރިމަތީގައި އިށީނދެވަޑައިގެންނެވެ. އޭނާ ވިދާޅުވީ އިހުތިޖާޖު ކުރައްވަނީ ސިޔާސީ ބޭނުމެއްގައި ނޫން ކަމަށާއި ހަގީގީ ކަންބޮޑުވުންތަކެއް ކުއްލި މައްސަލާގައި އެބަހުރި ކަމަށެވެ. "ރައްޔިތުންނަށް ދަތިވާ ކަމެއް އުޅޭ ނަމަ ގާނޫނު ހަދާ މަޖިލީހުގައި ސިސްޓަމް ބަދަލުކުރަން މިތިބީ އަޅުގަނޑުމެން މެމްބަރުން. އެހެންވީމާ އެ މަސައްކަތަށް ފުރުސަތު ލިބެންޖެހޭ. އަޅުގަނޑުގެ ވިސްނުމުގައި ކުށެއް ކުރިޔަސް އެއްވެސް މީހެއްގެ މުދަލެއް ނައްތައެއް ނުލެވޭނެ. ޝަރީއަތުން ގޮތެއް ނިންމަންޖެހޭނީ. އިޖުތިމާއީ ރައްކާތެރިކަމެއް އޮންނަން ޖެހޭ،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ޓޯޔާޑްގައި ހުންނަ ވެހިކަލްތައް ގަވާއިދެއްގެ ތެރެއިން ނައްތާލެވިދާނެ ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތުމަތު ފިލްޒާ ވިދާޅުވާ ކަމަށެވެ. "އަޅުގަނޑު މިބުނަނީ ގާނޫނު އަސާސީގައިވާ ގޮތުން ނައްތައެއް ނުލެވޭނެއޭ. ގާނޫނު އަސާސީގައިވާ ގޮތުން ދާންޖެހޭނީ ކޯޓަށް. ކޯޓުން ނިޔާއެއް ކަނޑެޅީމާ ނައްތާލެވޭނީ،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ. "އަޅުގަނޑު މި އިހުތިޖާޖު ކުރަނީ ސިޔާސީ ކަމެއްގައި ނޫން. މިއީ ސޯޝަލް ކަމެއް." އިބްރާހިމް ރަޝީދު ވިދާޅުވީ "ހަވާލުވާންޖެހޭ މުދާ ނުވަތަ ފައިސާއަކާ ހަވާލު ނުވުމުން އަމަލުކުރެވޭނެ ގޮތުގެ ގާނޫނު" އަށް ބަލާއިރު ވެސް ހައްގުތައް ލިބޭ ކަމަށެވެ. ފުލުހުން ނިންމާފައި ވަނީ ގަވާއިދާ ހިލާފަށް މަގުމަތީގައި ޕާކްކޮށްފައި ހުރި ނުވަތަ ބަހައްޓާފައި ހުރުމުގެ ސަބަބުން އޮގަސްޓް 31، 2008 އިން ފެށިގެން ޓޯކޮށްފައިވާ ވެހިކަލްތަކުގެ ތެރެއިން ޖޫރިމަނާ ފައިސާ ދެއްކުމަށް ފަހު ނުގެންގޮސް ހުރި ވެހިކަލްތައް ނައްތާލުމަށެވެ. އަދި އެކަން ކުރަން އެ ވެހިކަލްތަކުގެ ފަރާތަށް ދިން ތިން މަސް ދުވަހުގެ މުއްދަތު އަންނަ ހުކުރު ދުވަހު ހަމަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ