ސުޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް ބާއްވާ އިންތިހާބެއްގައި ބައިވެރިނުވާނެ ކަމަށް އެމްޑީޕީން ބުނެފި
ސެޕްޓެމްބަރު ހަތެއްގައި ބޭއްވި ރިޔާސީ އިންތިހާބު ބާތިލްކޮށް ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިނާ އެއްގޮތަށް އިއްޔެ އިންތިހާބު ބާއްވާފައި ނުވާތީ، މިހާރު އެ ހުކުމުގެ ބާރު ކެނޑިފައިވާ ކަމަށާއި އެ ގައިޑްލައިނާ އެއްގޮތަށް ބާއްވާ އިންތިހާބެއްގައި އެމްޑީޕީން ދެން ބައިވެރިނުވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބޭރުގައި ހުންނަވައި ނޫސްވެރިންނަށް ވިދާޅުވީ ސުޕްރީމް ކޯޓު ގައިޑްލައިނާ އެއްގޮތަށް ބާއްވަން އުޅުނު އިންތިހާބު ފުލުހުން ހުއްޓުވައި އިންތިހާބު އެ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ނުގެންދެވުނު ކަމަށެވެ. އެހެންކަމުން މިހާރު އެއީ "މުއްދަތު ހަމަވެފައިވާ" ގައިޑްލައިނެއް ކަމަށާއި އިންތިހާބު ބާއްވަން އެއަށް ދެން ބަލަން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ހުކުމެއް ކޮށްފައި އޮތީ ވަކި ދުވަހަކު ވަކި ކަމެއް ކުރަން. އެހެންވީމާ 19 ވަނަ ދުވަހު ކުރަން އޮތް ކަމެއް ނުކުރެވުނީމާ އެ ހުކުމް އެ ދިޔައީ. ސުޕްރީމް ކޯޓުން ހުކުމެއް ނެރެފައެއް ނެތް ފުލުހުން އައިސް މީތި އަތުލައިގެންފިއްޔާ ދެން ވާނީ މިހެންނޭ ]ކިޔައިފައެއް[. ފުލުހުން މީތި ޖަހައިގެންފިއްޔާ ވާނީ މިހެންނޭ،" މޫސަ ވިދާޅުވި އެވެ. އިންތިހާބު ބޭއްވުމަށް ނެރެފައިވާ ގައިޑްލައިނާ އެއްގޮތަށް އިންތިހާބު ނުބޭއްވުމުން އެ ހުކުމަށް އިތުރަށް ބަލައިގެން އިންތިހާބު ބާއްވަން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އިންތިހާބު ކުރިއަށް ގެންދިއުމުގެ ބާރާއި މަސްއޫލިއްޔަތު މަތިކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަނާ ކަމަށާއި އިންތިހާބުގެ ހުރިހާ ނިންމުމެއް ނިންމަންޖެހޭނީ އެ ކޮމިޝަނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މި އިންތިހާބު ކުރިއަށް ގެންދަން އެމްޑީޕީން ގަބޫލު. އެ ނޫން ގޮތަކަށް ޑެޑްލައިން ހަދައިގެން، ޓައިމްލައިން ހަދައިގެން ބޭރު މީހުން ކުރިމަތީގައި ނާޗަރަންގީ ކުޅެ ސަރުކާރުގައި ތިއްބެވި ބޭފުޅުންނާއި ގާސިމް އިބްރާހީމް ފިންގަ ޕްރިންޓް ވެރިފައިކޮށްގެން އެކަންކުރަން އަޅުގަނޑުމެން ގަބޫލެއް ނޫން،" މޫސަ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ފިންގަ ޕްރިންޓް ވެރިފައި ކުރަން ޖެހޭނެ ކަމަށް އެއްވެސް ގާނޫނެއްގައި ކަނޑައަޅާފައެއް ނޯންނާނެ އެވެ. މޫސަ އިތުރަށް ވިދާޅުވީ އިންތިހާބު ބޭއްވުމަށް ސަރުކާރާ ވާހަކަ ދައްކައިގެން ގޮތްތަކެއް ނިންމަން ވެސް އެމްޑީޕީން ތާއީދުނުކުރާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިންތިހާބަށް އިލެކްޝަންސް އިން މިއަދު ވެސް ގޮވާލުމުން އެމްޑީޕީ އޮތީ ވޯޓު ލާން ތައްޔާރަށެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް ކޮންޓްރޯލްކޮށް، ފުލުހުން ލައްވައި ގަދަބާރުން ބާއްވާ އިންތިހާބެއްގައި ބައިވެރިވާން އެމްޑީޕީން ބޭނުން ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އިންތިހާބު އެއްވެސް ފަރާތަކަށް "ޖަހައި ނުގަނެވޭނެކަމުގެ ޔަގީންކަން" މިހާރު ސަލާމަތީ ބާރުތަކުން ވެސް ދޭން ޖެހެ އެވެ. އެހެންކަމުން ސިފައިންގެ ބެލުމުގެ ދަށުން އިންތިހާބު ބޭއްވުމަށް ވެސް މޫސަ ގޮވާލެއްވި އެވެ. އެކަމަކު ސިފައިން ވެސް ވޯޓު ފޮއްޓާ ކައިރިވެގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ