ގއ.ނިލަންދޫ ކައިރީގައިވާ ކަންނެއްލީ ނަމަކަށްކިޔާ ފަރަކަށް ދޯންޏެއް އަރައިފި

ގއ.ނިލަންދޫ ކައިރީގައިވާ ކަންނެއްލީ ނަމަކަށްކިޔާ ފަރަކަށް މަހަށް ނުކުމެ އުޅުނު ދޯންޏެއް މިއަދު އަރައިފި އެވެ.
ފަރަށް އަރާފައިވާ ދޯންޏަކީ "ވިސްޓާ 218" ނަމަކަށް ކިޔާ 40 ފޫޓްގެ މަސް ދޯންޏެއްކަމަށާއި . މިދޯނި ފަރަށް އަރާފައިވަނީ، އެ ދޯނީގެ އިންޖީނު ހުއްޓުމުގެ ސަބަބުން ފަރަށް ލައްގައިގެންކަމަށް ދޯނީގެ ފަޅުވެރިންނާ ޙަވާލދީ އެމްއެންޑީއެފް ސަދަން އޭރިއާއިން ބުނެ އެވެ.
ހަ މީހުން ތިބި ދޯނި ފަރަށް ލެއްގުމާއިއެކު ދޯނި އެއްފަރާތަށް އަރިއަޅާލައި، ދިޔަވަމުންދާ ކަމަށްވެސް ދޯނީގެ ފަޅުވެރިންނާ ހަވާލާދީ ކޯސްޓްގާޑުން ބުނެ އެވެ.
އެ ދޯނި ފަރަށް އެރިކަމުގެ މައުލޫމާތު ލިބުމާގުޅިގެން ދޯންޏަށް އެހީވުމަށް ކޯސްޓްގާޑުން ހަރަކާތްތެރވާން ފެށިކަމަށާއި އަދި ދޯނި ފުންކުރުމަށްޓަކައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުން މިހާރު އެސަރަޙައްދުގައި ހަރަކާތްތެރިވަމުންދާކަމަށް ވެ އެވެ.
މިހާދިސާ ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބިފައިވަނީ މިއަދުގެ މެންދުރުފަހު 1:45 ހާއިރުކަމަށާއި މިމަޢުލޫމާތު ލިބުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ، ގދ.ކާޑެއްދޫ ޕޯސްޓްގައި ޤާއިމްވެފައިއޮތް ކޯސްޓްގާޑު ސްކޮޑްރަން، ދިޔަހިއްކާނެ ޕަންޕާއެކު އުޅަނދެއް އެ ސަރަހައްދަށް ފުރުވާލި ކަމަށް ކޯސްޓްގާޑުން ވާހަކަ ދެއްކި އޮފިސަލަކު ވިދާޅުވި އެވެ.
އެމްއެންޑީއެފް ސަދަން އޭރިއާއިން މަޢުލޫމާތު ދޭގޮތުގައި އެސަރަޙައްދަށް ކޯސްޓްގާޑަށް ދެވިފައިވަނީ މިއަދު މެންދުރުފަހު ތިނެއް ޖަހާކަންހާއިރުކަމަށާއި އަދި އެސަރަޙައްދުގައި މިވަގުތުއޮތީ ހިކި ދިޔަވަރުކަމަށްވާތީ، ކޯސްޓްގާޑުގެ ޑައިވަރުންދަނީ ފަރަށް އަރާފައިވާ ދޯނީގައި ހަން ބެއްދުމުގެ މަސައްކަތް ކުރަމުން ކަމަށާއި، އިރުއޮއްސި 6:30 ހާއިރު، ދިޔަވަރު ބޮޑުވުމުން ދޯނި ފުންކުރެވޭނޭ ކަމަށެވެ.
އިއްޔެ ވެސްވަނީ ނަވާވީސް މީހުންނާއެކު މާލެއިން ފުރައިގެން ދ. މީދުއަށް ދަތުރުކުރި ދޯންޏެއް މާލެ އަތޮޅު މަނިޔަފުއްޓާއި ދިމާ ފަރަކަށް އަރައިފި އެވެ. ދ.މީދޫއަށް ދަތުރުކުރި އެރަށު ނޫރަންގޭގެ އަބްދުލް ރަޝީދުގެ (ކެޕްޓަން) "ނަޞްރު" ދޯނި ފަރަށް އެރުމާގުޅިގެން ދޯނިން ދަތުރުކުރި މީހުންނާއި ދޯނި ސަލާމަތް ކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ